ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު ފޯރިގަދަ މެޗުތަކުގައި، ޔުނައިޓެޑް ވިކްޓަރީ ގާތުން މާޒިޔާ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި އިރު ވިކްޓަރީ ބަލިކޮށް އީގަލްސް ތިންވަނައަށް ޖެހިލައިފިއެވެ.
ލީގު ފެށުމަށް ފަހު މާގިނަ މެޗުތަކެއް ނުކުޅެނީސް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ލީގު މެދުކަނޑާލުމަށް ފަހު، އަލުން ފަށައި އަނެއްކާވެސް ދެން އޮތީ ދިގު ބްރޭކެކެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމްއާ ދެކޮޅަށް ކުޅެން ގައުމީ ޓީމު ތައްޔާރުކުރަން ވަގުތު ދިނުމަށް އެފްއޭއެމުން ލީގު މެދުކަނޑާލާތީވެއެވެ.
އިއްޔެ ހަވީރު ޔުނައިޓެޑް ވިކްޓަރީން މިފަހަރުގެ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި މާޒިޔާއާ ވާދަކޮށް ބަލިވީ 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ މިފަހަރުގެ ލީގުގައި އެ ޓީމު މިފަދަ ބޮޑު ތަފާތަކުން ބަލިވި ފުރަތަމަ މެޗަށް ވީ އިރު މާޒިޔާއިން އެ މެޗުން ލިބުނު މޮޅާއެކު މިވަގުތު ވަނީ ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ.
އެ މެޗުގައި މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އިރު އެ ޓީމުން މެޗުގައި ޖެހި ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައެވެ. އެ ޓީމުގެ ހުނަރުވެރި ފޯވާޑް ނާއިޒް ހުސައިން ޖެހި އެ ގޯލާއެކު މާޒިޔާއަށް އިދިކޮޅު ޓީމުގެ ގޯލު ހުޅުވައިދިން އިރު އޭގެ ދެ މިނެޓު ފަހުން އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްދިނެވެ.
ދެވަނަ ހާފުގައި ކުޅެން ނުކުމެ ޔޫވީއިން ފުރަތަމަ ހާފަށް ވުރެން ކުޅުން ރަނގަޅު ކުރިއެވެ. ޓީމު ކުރިއަށް ޖައްސައިގެން އެ ޓީމުން މާޒިޔާގެ ގޯލަށް ނުރައްކާ ކުރަމުން ދިޔަ އިރު ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވަނީސް އެ ޓީމުގެ ބިދޭސީ މިޑްފީލްޑަރު ޑިމިޓްރީ ކަބަސެލާއު ގޯލެއް ޖަހައި ފަރަގު ކުޑަކުރިއެވެ.
ނަމަވެސް މާޒިޔާއިން ޖަވާބު ދިނީ މާ ވަރުގަދަ އަށެވެ. މާޒިޔާއިން އިތުރު ހަތަރު ލަނޑު ޖެހިއެވެ. އެ ގޯލުތައް އެ ޓީމަށް ޖަހައިދިނީ އަސަދުﷲގެ އިތުރުން އަނިޔާއަށްފަހު މި މެޗުގައި ޓީމަށް އެނބުރި އައި ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އަދި ނޭލިއަސް ސްޓެވާޓް (ކޯނޭ)އެވެ. ކޯނޭ އެ މެޗުގައި ދެ ގޯލު ޖެހި އިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަސަދުﷲއެވެ.
"ފުރަތަމަ ހާފުގައި ޓީމަށް ލިބުނު ފުރުސަތުތައް ނިންމާ ނުލުވެނު. އެކަމު ޖެހުނު ދެ ގޯލާއެކު ފަހުން އިދިކޮޅު ޓީމުން ޖެހި ލަނޑު އެއީ ވަދެގެން ވާނެ ގޯލެއް ނޫން. ނަމަވެސް ޓީމް ޕްރެޝަރަށް ނުގޮސް އިތުރު ހަތަރު ގޯލު ޖެހުމަކީ ލިބުނު ޕޮސިޓިވް ކަމެއް." މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ މެޗަށްފަހު ވާހަކަ ދައްކަމުން ބުންޏެވެ.
މީގެ އިތުރުން ރޭ ކުޅުނު މެޗުގައި ވިކްޓަރީ ގާތުން އީގަލްސް މޮޅުވެ ވަގުތީ ގޮތުން ވަނީ ތިންވަނަ އަށް އަރައިފަ އެވެ. އެ މެޗުން އީގަލްސް 1-3 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް އެހެން މެޗުތަކުގައި އީގަލްސް ދައްކަމުން އަންނަ ތަފާތު ކުޅުމެއް އެ މެޗުގައި ފެނިފައެއް ނުވެއެވެ.
އެ މެޗުގައި އީގަލްސްއިން ޖެހި ތިން ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ރާއިފް އަހްމަދު (ހަންނަ) އާއި އަހްމަދު ނާއިމް ގެ އިތުރުން އަހްމަދު ރިޒްވާން (ރިޒޭ) އެވެ. ވިކްޓަރީން މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ އަހްމަދު ރަސްލާންއެވެ.
"ތަންކޮޅެއް ރިލެކްސްކޮށް ކުޅުންތެރިން ފެނުނީ. ބައިވަރު ކަންތައްތަކެއް އެބަހުރި އެހެން ދިމާވި. އެއް ކަމަކީ އަނެއްކާވެސް ދިގު ބްރޭކެއް އައުން. ޗުއްޓީ ފެށިގައި މިހާރު ވެސް ތިބީ، އަނެއްކާ ގައުމީ ޓީމުގެ ސްކޮޑްވެސް ނެގުމާއެކު، އެއަށް ތައްޔާރުވާން އެ ވިސްނުމުގައި ކުޅުންތެރިން ތިބީ،" އީގަލްސްގެ ކޯޗު މޯހަން މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.