ހިތުގެ އޮޕަރޭޝަންތައް އާސަންދައިން އެއްކޮށް ކަވަރުކޮށްދޭން އޭޑީކޭއިން އެދިއްޖެ

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އޭޑީކޭ ހޮސްޕިޓަލަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި، އެ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު އައްފާލްއާ އެކު ---

އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ކުރަމުން ގެންދާ ހިތުގެ ބައިޕާސް ސާޖަރީ ފަދަ އޮޕަރޭޝަންތަކަށް އާސަންދައިން ފުލް ކަވަރޭޖު ދިނުމަށް އެ ހޮސްޕިޓަލުން އެދިއްޖެއެވެ.

އޭޑީކޭގައި އެންމެ ފުރަތަމަ ފަހަރަށް ހިތުގެ އޮޕަރޭޝަނެއް ކުރިތާ އެއް އަހަރު ފުރުމާ ގުޅިގެން އިއްޔެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އެ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، ހޮސްޕިޓަލުގެ ކާޑިއެކް ޓީމާ ބައްދަލުކުރައްވާފައެވެ.

ބައިޕާސް ފަދަ އޮޕަރޭޝަންތައް މިވަގުތު ރާއްޖެއިން ކޮށްދެނީ ހަމައެކަނި އޭޑީކޭ ހޮސްޕިޓަލުގައި ކަމުގައިވާ އިރު، އެ ހޮސްޕިޓަލުގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު އައްފާލް "ސަން"އަށް ވިދާޅުވީ ބައިޕާސް ހަދަން ރާއްޖެއިން ބޭރަށް ދާ މީހުންނަށް އާސަންދައިން އެއްކޮށް ކަވަރޭޖު ދޭ އިރު، އޭޑީކޭގައި އެފަދަ އޮޕަރޭޝަންތަކަށް ދެނީ އެންމެ 75 ޕަސަންޓު ކަވަރޭޖް ކަމަށެވެ.

އޭޑީކޭއިން އޯޕަން ހާޓް ސާޖަރީއެއް އާސަންދައާ ނުލައި ކޮށްދެނީ 77،550 ރުފިޔާއަށެެވެ.

"އާސަންދައިން އެއްކޮށް ހިތުގެ އޮޕަޜޭޝަންތައް ކަވަރުކުރަންޏާ އޭގެ ފައިދާ ދިވެހިންނަށްވެސް ކުރާނެ. ދިވެހި އިގްތިސާދުގައިވެސް ފައިސާ ހުރުން ވަރަށް މުހިންމު. ދެން ސިއްހީ ނިޒާމް ކުރިއެރުވޭނީވެސް އިންޝުއަރެންސްގެ ކޮންޓްރިބިއުޝަން ލިބިގެން." އައްފާލް ވިދާޅުވިއެވެ.

އާސަންދަ ރިފޯމްކުރެވިގެން ދާ އިރު، އޭޑީކޭގެ ފަރާތުން އިޝާރާތްކުރި ކަންތައްތައް ހައްލުވެގެން ދާނެކަމަށް މިނިސްޓަރު އަމީން އިއްޔެ ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ކާޑިއެކް ބައިޕާސް ސާޖަރީގެ އިތުރުން އޯޕަން ހާޓް ސާޖަރީވެސް ކޮށްފައިވަނީ އޭޑީކޭގައެވެ. އެއީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

comment ކޮމެންޓް