މޮގްރެނީ ރައީސްއާ ބައްދަލު ކުރައްވައިފި

ޔޫރަޕިއަން ކޮމިޝަން ގެ ވައިސް ޕްރެސިޑެންޓް ފެޑެރިކާ މޮގްރެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙުއާ ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ، ފެޑެރިކާ މޮގްރެނީ ރާއްޖެ ވަޑައިގެންވެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާ ޔޫރަޕުގެ ޤައުމުތަކުގެ އިއްތިހާދާ ދެމެދު އޮންނަ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި މޮގްރެނީ ދެއްކެވި ވާހަކަފުޅުގައި މި ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ޑިމޮކްރަސީގެ އުސޫލުތައް ކުރިއެރުވުމަށް ކުރަމުން ގެންދާ މަސައްކަތް ފާހަގަކުރައްވައި އޭގެ ސަބަބުން ޔޫރަޕްގެ އިއްތިހާދާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ހަރުދަނާ ބިންގަލެއް އެޅިފައިވާކަން ފާހަގަކުރެއްވިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ހައި ރެޕްރެޒެންޓޭޓިވް އޮފް ދަ ޔޫނިއަން ފޯ ފޮރިން އެެފެއާޒް އެންޑް ސެކިޔުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް ފްރެޑްރިކާ މުގުރީނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އާއި ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މޮގްރެނީގެ ވާހަކަފުޅުގައި ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިޙް ހޯއްދެވި ކާމިޔާބީއާ ރައްޔިތުންގެ މަޖިލީހުގެ އިންތީޚާބުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރައްވައި މަރުޙަބާ ވިދާޅުވިއެވެ.

ދެ ބޭފުޅުން ވެސް ވަނީ ޔޫރަޕުގެ އިއްތިހާދާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ޚާއްޞަކޮށް ސަލާމަތީ ކަންކަމުގައާއި، ފަތުރުވެރިކަމުގައާއި، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާފަދަ ދާއިރާތަކުން ގުޅުން ބަދަހި ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން ދެ ބޭފުޅުން ވަނީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އަދިވެސް މަސައްކަތްތަކެއް ކުރަންހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމުގެ ގޮތުން ކޮރަޕްޝަން ނައްތާލުމާއި ޝަރުޢީ ނިޒާމު ހަރުދަނާކުރުމާ އަދި އެ ނޫން ވެސް ހިންގުމުގެ ދާއިރާ ހަރުދަނާކުރުމާއި ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ކަންކަމުގައި ޔޫރަޕުގެ އިއްތިހާދުން އެހީތެރިކަން ފޯރުކޮށްދެވިދާނެކަން މޮގްރެނީ ފާހަގަކުރެއްވިއެވެ.

އެ ބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ޔޫރަޕްގެ އިއްތިހާދުން ރާއްޖެއަށް އެކި ރޮނގުތަކުން ދެމުން ގެންދާ މާލީ އެހީތެރިކަން ފާހަގަ ކުރައްވައި މޮގްރެނީ އަށް ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން އީޔޫއިން ލޯން އެހީގެ ގޮތުގައި މިއަހަރު ދީފައިވާ 45 މިލިއަން ޔޫރޯ އަދި ގްރާންޓް އެގްރީމެންޓެއްގެ ދަށުން 5 މިލިއަން ޔޫރޯގެ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރާއްޖެއިން އީޔޫގެ ބާޒާރަށް ވިއްކާ ކަނޑުމަހާއި މަހުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް މަގުފަހިކޮށްދިނުމާއި ޔޫރަޕްގެ އިއްތިހާދުގެ ޤައުމު ތަކަށް ވިސާއާއި ނުލައި ދިވެހީންނަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމާއި ބެހޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް