ޓެރެރިޒަމްއާ ދެކޮޅު މަސައްކަތްތަކަށް އީޔޫ އިން ރާއްޖެ 2.5 މިލިއަން ޔޫރޯ ދެނީ

މުގުރީނީ: އިޔޫ އިން 2.5 މިލިއަން ޔޫރޯގެ އެހީއެއް ރާއްޖެ ދެނީ -- ފޮޓޯ/ ފަޔާޒު މޫސާ

ޓެރެރިޒަމްއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އަށް 2.5 މިލިއަން ޔޫރޯ (43 މިލިއަން ރުފިޔާ) ދޭން ނިންމާފައިވާ ކަމަށް އެ ޖަމިއްޔާގެ ހައި ރެޕްރެޒެންޓޭޓިވް އޮފް ދަ ޔޫނިއަން ފޯ ފޮރިން އެެފެއާޒް އެންޑް ސެކިޔުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް ފްރެޑްރިކާ މުގުރީނީ ވިދާޅުވެއްޖެ އެވެ.

މުގުރީ މިގޮތައް ވިދާޅުވީ، މިއަދު މެންދުރު ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ތަގުރީރުގަ އެވެ.

މަޖިލިސްގައި ތަގުރީރުކުރައްވައި މުގުރިނީ ވިދާޅުވީ، އިންޑިއާ ކަނޑުގެ ހަމަޖެހުމާ ސަލާމަތާ ޔޫރަޕާވެސް ގުޅިލާމެހިފައިވާ ކަމަށެވެ. އެގޮތުން ކަނޑުގެ ސަރައްދުގެ ހަމަޖެހުން ގާއިމުވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އިންޑިއާ ކަނޑުގެ ހަމަޖެހުން ގާއިމުވެފައި އޮތުމަކީ އީޔޫ އިން މުހިންމު ކަމެއްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓެރެރިޒަމްއާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތައް އެހީތެރިވުމުގެ ގޮތުން އިޔޫއިން ވަނީ ރާއްޖެއަށް 2.5 މިލިއަން ޔޫރޯގެ އެހީ އެއް ދިނުމަށް ތައްޔާރުވެފައި ކަން މިއަދު އަޅުގަނޑު އުފަލާއެކު ހާމަ ކުރަން،" މުގުރިނީ ވިދާޅުވި އެވެ.

ރާއްޖެއަށް 2.5 މިލިއަން ޔޫރޯގެ އެހީއެއް ދިނުމަށް ނިންމާފައިވާ ކަން މުގުރިނީ ވިދާޅުވި ނަމަވެސް އެ އެހީ ދެނީ ކޮން އިރަކު ކަމެއް މުގުރިނީ ވިދާޅެއް ނުވެ އެވެ.

ދީނީ ގޮތުން ހައްދުފަހަނައަޅައި ދިޔުމާއި ޓެރެރިޒަމްއާ ދެކޮޅަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދާއި އިޔޫއާ ގުޅިގެން ކުރައްވާ މަސައްކަތައް މުގުރީނީ ވަނީ މިނިސްޓަރަށް ޝުކުރުއަދާ ކުރައްވައިފަ އެވެ.

ބައިނަލްއަގުވާމީ މައިދާނުގެ އެކި މައްސަލަތަކުގައި ރާއްޖެއާއި އީޔޫގެ ސިޔާސަތުތައް އެއްގޮތްކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ފަރާތަށް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށެވެ.

"މިދިޔަ ޖޫން މަހު އީޔޫ އިން ރާއްޖެއާއެކު ވާނީ ފަސް މިލިރަން ޔޫރޯގެ ފައިނޭންސިން އެގްރިމަންޓެއް ގައި ސޮއިކޮށްފައި. އަދި މިދިޔަ މަހު ޔޫރަޕިއަން އިނެވެސްމަންޓް ބޭންކުން ރާއްޖެއަށް 45،000 މިލިރަން ޔޫރޯގެ ލޯނެއް، ރިނިއުބަލް އެނާޖީ ޕްރޮޖެކްޓަކަށް ހަރަދު ކުރުމަށް ވަނީ ދީފައި،" މުގުރިނީ ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ރާއްޖެއިން ކުރާ ހަނގުރާމަށް އަށް އީޔޫގެ ތާއީދާއި އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މިއަދު ޖަލްސާގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާ ކަނޑުގެ ޗާޓެއް މުގުރިނީއަށް ހަދިޔާ ކުރައްވާފަ އެވެ.

މުގުރިނީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވާފަ އެވެ. އަދި މިއަދު ހެނދުނު އޭނާ ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ވެސް ބައްދަލު ކުރައްވާފަ އެވެ.

comment ކޮމެންޓް