ޕާކިސްތާނުން ނަވާޒް ޝަރީފްގެ ދަރިކަނބަލުން ހައްޔަރުކޮށްފި

ޕާކިސްތާނުން ވަނީ މަރިޔަމް ނަވާޒު ހައްޔަރުކޮށްފައި ކަމަށް އެކަމަނާގެ ޕާޓީން ބުނޭ -- ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދު (އޮގަސްޓު 8): ޕާކިސްތާނުގެ ނެޝަނަލް އެކައުންޓެބިލިޓީ ބިއުރޯ (އެންއޭބީ)އިން އިދިކޮޅު ލީޑަރު މަރިޔަމް ނަވާޒު ހައްޔަރުކޮށްފި ކަމަށް އެކަމަނާގެ ޕާޓީން ބުނެފި އެވެ.

ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން)އިން ބުނި ގޮތުގައި މިއަދު މަރިޔަމް ހައްޔަރު ކުރީ ލާހޯރުގައި އެކަމަނާގެ ބައްޕާފުޅު ހައްޔަރުކޮށްފައި ހުރި ޖަލަށް ވަޑައިގެންނެވުމުންނެވެ.

ޕާކިސްތާނުގެ ނޫހެއްގައިވާ ގޮތުން މަރިޔަމް ހައްޔަރު ކުރީ އެންއޭބީން ބަލަމުންދާ ކޮރަޕްޝަނުގެ މައްސަލައެއްގައި އެބިއުރޯއަށް ހާޒިރުވާން އެންގުމުން، ބިއުރޯއަށް ހާޒިރު ނުވުމުންނެވެ. އަދި އެކަމަނާ މާދަމާ ކޯޓަށް ހާޒިރުކޮށް މުއްދަތު ޖަހާނެ ކަމަށް އެންއޭބީން ނެރުނު ބަޔާނެއްގައިވާ ކަމަށް އެނޫހުގައިވެ އެވެ.

ޕާކިސްތާނުގައި ތިން ދައުރަކަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފް 2017 ވަނަ އަހަރު މަގާމުން ދުރުކުރީ މާލީ މުއާމަލާތްތަކާ ބެހޭ ގޮތުން އިތުރުފުޅު ހެއްދެވި ކަމަށް ބުނެ ސުޕްރީމް ކޯޓުންނެވެ. އަދި މިހާރު އޭނާ ގެންދަވަނީ ކޮރަޕްޝަނުގެ ދައުވާ ސާބިތުވެ، ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

comment ކޮމެންޓް