ރިލްވާން ގެއްލުވާލި "ޓެރަރިސްޓް ގްރޫޕް" ހެއްކާ އެކު ހޯދިއްޖެ: ސުއޫދު

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ---

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގެ އަޑީގައި ތިބި "ޓެރަރިސްޓް ގްރޫޕް" ހޯދިފައިވާ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

އެކަން ހާމަކުރައްވަމުން އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމުގައި ބައިވެރިވި ޓެރަރިސްޓް ގްރޫޕްގެ ތަފްސީލީ މައުލޫމާތު މި މަސް ނިމުމުގެ ކުރިން ހާމަކުރަން ކޮމިޝަނުން ވިސްނަމުން އަންނަ ކަމަށެވެ. އަދި ޓެރަރިސްޓް ގްރޫޕްގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ކޮމިޝަނަށް ހެކި ހޯދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސުއޫދު ވިދާޅުވީ، ރިލްވާން ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ އެޕާޓްމަންޓް ކުރިމަތިން ވަޅިން ބިރު ދައްކައި އޭނާ ރަހީނުކުރުމަށް ފަހު، ދެން އޭނާއަށް ހެދި ގޮތެއް އަދިވެސް ކޮމިޝަނަށް ހޯދިފައި ނުވާ ކަމަށާއި އެކަން އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން ލިބިފައިވާ އެކި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިލްވާން ގެއްލުވާލާފައި ވަނީ މީގެ ފަސް އަހަރުކުރިން އޮގަސްޓް 8، 2014ގަ އެވެ. އޭނާ ގެއްލުވާލިކަން އާއިލާއަށް އެނގުނީ އޭގެ ހަފްތާއެއްހާ ދުވަސްފަހުން އޭނާ ހަބަރެއް ނުވެގެން އާއިލާއިން ބެލި ބެލުމުން އެވެ. އެ ހިސާބުން ފެށިގެން ރިލްވާންއަށް ވީގޮތް ހޯދުމަށް އޭނާގެ އާއިލާއިން އަންނަނީ މަސައްކަތް ކުރަމުން އެވެ. އަދި ރިލްވާންގެ މަރުގެ ހަގީގަތް ހޯދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ސުއޫދު ވިދާޅުވި ގޮތުގައި، ރިލްވާންއަށް ހެދި ގޮތެއް އާއިލާއަށް އެނގުން ވަރަށް މުހިންމު ކަމަށެވެ. އަދި އެއީ، ކޮމިޝަނުން ވެސް އިސްކަންދޭ ކަމެއް ކަމަށާއި އެ ވައުދު ކޮމިޝަނުން ފުއްދާނެ ކަމަށެވެ. އަދި ރިލްވާން ގެއްލުވާލުމާ ގުޅޭ ގޮތުން ކޮމިޝަންގައި މިހާރު ހުރި މައުލޫމާތުތައް މީގެ ދެ ހަފްތާ ކުރިން އާއިލާއަށް ފޯރުކޮށްދީފައިވާކަން ވެސް ސުއޫދު ފާހަގަ ކުރެއްވި އެވެ.

ރިލްވާން ރަހީނުކުރި ކަމުގެ ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ޕީޖީއިން މީގެ ކުރިން ދައުވާ ވެސް ކުރި އެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް ކުށްސާބިތުނުވެ ސަލާމަތްވި އެވެ.

comment ކޮމެންޓް