މިވަރަކުން ނުފުދޭ! ޑޮކްޓަރީކަން ކިޔަވަން އަދިވެސް ލޯނުދީ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ: --- ސަން ފޮޓޯ ފަޔާޒު މޫސާ

އެމްބީބީއެސް ނުވަތަ މެޑިސިން ނުވަތަ އާންމުކޮށް ކިޔާނަމަ ޑޮކްޓަރީކަން ކިޔެވުމަކީ ބައެއް ދަރިވަރުން ސާނަވީއަށް ކިޔަވަން ފަށާއިރު ވެސް ހިތު އަޅާފައި އޮންނަ ހުވަފެނެކެވެ. ގަދަ އަޅައި މަސައްކަތް ކޮށްގެން ބައެއް ކުދިން އެމީހުންގެ މަންޒިލަށް ދަތުރުކުރާ އިރު އަނެއްބައި ކުދިންނަށް ވަކި ހިސާބަކުން ޖެހެނީ އެ ހުވަފެނުން އަތް ދޫކޮށްލާށެވެ.

ޑޮކްޓަރީކަން ކިޔަވަން ރާއްޖޭގައި ދާދި ފަހަކާ ޖެހެންދެން މާ ބޮޑު ފުރުސަތުތަކެއް ދަރިވަރުންނަކަށް ނޯވެ އެވެ. ހުރިހާ މާއްދާއަކުން އޭ ސްޓާއިން ފުރާލައިގެން މަދުކުއްޖަކަށް ރައީސް ސްކޯލާޝިޕުގެ އެހީގައި ޑޮކްޓަރީކަން ކިޔަވަން ޖާގަ ލިބެ އެވެ. އަތުގައި ތަނަވަސްކަން ނެތް ދެން ތިބި ކުދިން ޖެހެނީ ސްޓޫޑަންޓް ލޯނަކުން ފުއްދާލާށެވެ. އެވެސް ލިބުނިއްޔާ އެއީ ނަސީބެވެ.

ޏ. އަތޮޅު ހޮސްޕިޓަލްގައި މީޙަކު ޑޮކްޓަރަށް ދައްކަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ދާދި ފަހުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ލޯން ސުކީމްގެ ދަށުން ޑޮކްޓަރުކަން ކިޔަވަން ބޭރަށް ދާން ފުރުސަތު ދީފައިވަނީ އެންމެ ހަތަރު ކުއްޖަކަށެެވެ. އެހާ މަދު އަދަދެއްގެ ކުދިންނަށް އެ ފުރުސަތު ދިނުމުން ވަރަށް ގިނަ ދަރިވަރުންގެ ފާޑު ކިޔުންވެސް ސަރުކާރަށް އަމާޒުވި އެވެ.

ޑޮކްޓަރީކަން ކިޔަވަން ސްޓޫޑަންޓް ލޯން އެހާ މަދުވީ ކީއްވެ؟

މެޑިސިންއަށް ލޯން ސުކީމްގެ ދަށުން އެހާ މަދު އަދަދެއްގެ ފުރުސަތުތައް ހުޅުވާލުމުގައި ސަރުކާރުން ދައްކާ ސަބަބުތަކެއް އެބަ ހުއްޓެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވެ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލި އިރު އޭގެ ތެރޭގައި ޑޮކްޓަރުކަން ވެސް ހިމެެނެ އެވެ. މީގެ ކުރިން އެ ކޯހަށް މަހަކު 1000 އެމެރިކާ ޑޮލަަރަށްވާ އަދަަދަށް ދިޔައީ ފައިސާ ވެސް ނަގަމުންނެވެ.

"އަޅުގަނޑަށް ހީވަނީ ބޮޑަށް ޑޮކްޓަރުކަން ރާއްޖޭގައި ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފައިވާތީހެން އެހާ މަދުން މި ދާއިރާއަށް ލޯން ސުކީމްގެ ފުރުސަތު ހުޅުވާލީ،" ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒ އަލީ ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ މަގާމު ޑރ. ޝީޒާއަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ޝީޒާ އިތުރަށް ވިދާޅުވީ ރާއްޖެއިން ބޭރުގައި މެޑިސިން ހެދިނަމަވެސް، ރާއްޖެގެ ޔުނިވާސިޓީގައި ކިޔަވައިދެނީ ހަމަ ވަރަށް ރަނގަޅު ސިލަބަހަކަށް ކަމަށެވެ. ރާއްޖޭގެ މެޑިކަލް ޔުނިވާސިޓީގައި މިހާރު ކިޔަވައިދެނީ މެލޭޝިއާގެ ޔޫކޭއެމް ޔުނިވާސިޓީގެ ސިލަބަހަކަށްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަސްލު ވަރަށް ހާލުގައި ދިވެހި ކުދިން ބޭރަށް ގޮސް ކިޔަވަން އުޅެނީވެސް މެޑިސިން ހަދަން ގޮސް." ޑރ. ޝީޒާ ވިދާޅުވި އެވެ.

ސިލަބަސްގެ އިތުރުން މެޑިކަލް ސްކޫލުގައި ކިޔަވައިދޭން ކަނޑައަޅާފައިވާ ވަސީލަތްތަކަކީ ވެސް އެންމެ ޒަމާނީ ވަސީލަތްތައްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެގޮތުން މަރުވެފައިވާ މީހުންގެ ހަށިގަނޑުގެ ބަދަލުގައި މެޑިކަލް ސްކޫލުގައި ވާޗުއަލް ޑައިސެކްޓިން ޓޭބަލް ބޭނުންކުރުމަށް ވަނީ ނިންމައިފަ އެވެ. އެ ޓެކްނޮލޮޖީ ހުރީ ގާއިމްވެސް ކޮށްފަ އެވެ.

ޑެޑް ބޮޑީގެ ބަދަލުގައި ބޭނުންކުރާ ވާޗުއަލް ޑައިސެކްޓިން ޓެބަލް. ރާއްޖޭގެ މެޑިކަލް ސްކޫލުގައިވެސް ބޭނުންކުރަނީ މީގެ ޓޭބަލް---

ޑރ. ޝީޒާ ވިދާޅުވި ގޮތުގައި ވާޗުއަލް ޑައިސެކްޓިން ޓޭބަލްއަކީ އެންމެ ޒަމާނީ ވަސީލަތެކެވެ. އަދި މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އެފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީ ބޭނުންކުރަނީ ވަރަށް މަދު މެޑިކަލް ސްކޫލުތަކުގައިކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެހެން ވީމާ، ރާއްޖެއިން ޑޮކްޓަރީކަން ކިޔެވުމެކޭ ބޭރުގެ ތަނަކުން ކިޔެވުމެކޭ މާކަބޮޑު ތަފާތުތަކެއް ނުހުންނާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މެޑިކަލް ސްކޫލާމެދު އުއްމީދުތައްވެސް ބޮޑު

ޕާކިސްތާނުގެ އެހީގައި ރާއްޖޭގައި މިދިޔަ އަހަރު އިފްތިތާހްކުރި މެޑިކަސް ސްކޫލާމެދު އޮތް އުންމީދުތައް ވެސް ބޮޑެވެ. އަދި މިފަހަރު މެޑިސިންއަށް ލޯނު ދިނުމުގައި އެހާ ބޮޑަށް ލިމިޓްކުރީ ވެސް މެޑިކަލް ސްކޫލަށް އިސްކަންދިނުމުގެ ގޮތުން ކަމަށް ވެސް ތައުލީމީ ދާއިރާގެ ބައެެއް ބޭފުޅުން ދެކެވަޑައިގެންނަވަ އެވެ.

ކުރިން އެޑިއުކޭޝަން މިނިސްޓްރީގައި ސްޓޫޑަންޓް ލޯންގެ އިދާރީ ކަންކަމުގައި އިސްކޮށް އުޅުއްވި ބޭފުޅަކު ވެސް "ސަން" އަށް ވިދާޅުވީ ރާއްޖޭގައި ހިލޭ ޑޮކްޓަރުކަން ކިޔެވެން ހުއްޓައި ސްޓޫޑަންޓް ލޯން އެހާ ގިނައިން ދިނުމަކީ ހަމަޖެހޭކަމެއް ނޫން ކަމަށެވެ.

ނޭޕާލަށް ފުރި ޑޮކްޓަރުންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހެލްތު މިނިސްޓްރީ

"މިސާލަކަށް މެލޭޝިއާގެ ޔޫކޭއެމްގައި ޑޮކްޓަރުކަން ކިޔެވިޔަސް ދާނެ 2.5 މިލިއަން ރުފިޔާވަރު. އެކަމަކު މިތާ ހިލޭ ތެދެެއްތޯ މިތަނުގައި ކިޔެވެނީ. އެހެން ވީމާ ލޯނު ދީގެން ކުދިންތަކެއް ބޭރަށް ފޮނުވުމުގެ ބޭނުމެއް ނެތީ،" އޭނާ ވިދާޅުވި އެވެ.

ކުރިން ވާހަކަ ދެއްކި އެޑިއުކޭޝަންގެ ކުރީގެ އިސްވެރިޔަކު އިތުރަށް ވިދާޅުވީ ރާއްޖޭގައި މެޑިސިން އިތުރަށް ތަރައްގީކުރުމުގެ ގާބިލްކަން އެބަހުރި ކަމަށާއި އަދި އެކަން އެގޮތަށްކޮށް ރާއްޖެއިން ބޭރުންވެސް ޑޮކްޓަރުކަން ކިޔަވަން ކުދިން ގެނެވޭނެ ކަމަށެވެ.

"އަޅުގަނޑަށް އެނގިގެން ވަރަށް ގިނަ ކުދިން މިކޮޅުގައި މެޑިސިން ހަދަން މަޑުވެސް ކުރި،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރީކަން ކިޔަވަން ބޭރަށްވެސް ދެވެން ޖެހޭ

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް "ސަން"އަށް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމް ރަނގަޅުކުރުމަކީ މިހާރު އެންމެ ބޮޑަށް ކުރަން ޖެހިފައިވާ ކަންތައް ކަަމަށެވެ. އަދި އެކަން ރަނގަޅު ކުރުމަށް މެޑިސިން ކިޔަވަން ރާއްޖެއިން ބޭރުގައި އިތުރު ފުރުސަތުތައް ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަމައެކަނި ރާއްޖެއިން ކިޔަވައިގެން ޑޮކްޓަރީކަމުގެ ދާއިރާ ކުރިނާރާނެކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ހަތަރު އަހަރާ ބައިގެ ތެރޭގައި ވެސް އަޅުގަނޑުމެން 138 ސްކޮލަޝިޕް މެޑިސިން ހަދަން ދިނިން. އޭގެ ތެރޭގައި 52 ސްޕެޝަލިސްޓުންނަށް ދިން ސްޕެލިސްޓްވާން. ހަގީގަތުގަ އެވަރުވެސް މަދު. އެކަމު އޭގެ ކުރީ ސަރުކާރަށް ވުރެ ގިނަ އެއަދަދު." މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ސިއްހީ ދާއިރާގެ އުމްރާނީ ވަސީލަތްތައް ރަނގަޅު ނަމަވެސް އިންސާނި ވަސީލަތްތައް އަދިވެސް މަދު ކަމަށެވެ.

"ރާއްޖޭގެ މެޑިކަލް ސްކޫލަކަށް ހުރިހާ ކުދިންނަކަށް ފުރުސަތު ވެސް ދެވޭނެހެނެއްވެސް ހިޔެއް ނުވޭ. މިތަނުގައި އަދި ކިިޔެވުނަސް ބޭރަށް ދާން ފުރުސަތު ދޭން ޖެހޭ." ކުރީގެ މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

މެޑިސިން ހަދަން އެހާ މަދުން ލޯނު ދިންއިރު މެޑިކަލް ސްކޫލު އަދި އޮތީ ރަނގަޅަށް ހިނގައިނުގެނެވި "ފިރުކޭ" ސްޓޭޖްގަ އެވެ. މެޑިކަލް ސްކޫލުގައި ކިޔަވައިދޭން މިދިޔަ އަހަރު ފެށިއިރު ވެސް ވަސީލަތްތައް ނެތިގެން ބައެއް މޮޑިއުލްތައް ވަނީ މެލޭޝިއާގައި ނަގައިދީފަ އެވެ.

މެޑިކަލް ސްކޫލުގެ ލެކްޗަރާއިން ހުނަރު ތަރައްގީކުރުމަށް ބޭއްވި ވާކްޝޮޕްގެ ތެރެއިން--- ފޮޓޯ: އެމްއެންޔޫ

ހުދު މެޑިކަލް ސްކޫލް ހިނގުމަށް ހަމަޖައްސާފައިވާ އައިޖީއެމްއެޗްގެ ދަރުމަވަންތަ އިމާރާތުގެ ދެ ފަންގިފިލާގެ މަސައްކަތް އަދި ވެސް ނުނިމެ އެވެ. އަދި ނިމޭނެ ދުވަހެއް ވެސް އޮތީ ނޭނގުމެއްގެ ތެރޭގަ އެެވެ.

އޭގެ އިތުރުން މެޑިކަލް ސްކޫލުގެ ދެވަން ބެޗް ފެށޭނެ ތާރީހެއް ވެސް އަދި ނޭނގެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މެޑިކަލް ސްކޫލުގެ ދެވަނަ ބެޗްގެ ކިޔެވުން ނުފެށި އުޅެނީ އެ ސްކޫލުގައި ކިޔަވައިދޭން ތަމްރީން ކުރަން ޖެހޭ "ބެކަޕް " ޓީޗަރުން ހަމަނުވެގެން އެވެ.

"އަޅުގަނޑަކަށް ވެސް ނޭނގޭ މިހާރު ކިހިނެއްކަމެއް ހަދަން ވީކީ. މެޑިކަލް ސްކޫލުގެ ދެވަނަ ބެޗް އެއޮތީ އަދިވެސް ނުފަށާ. ދެން ސްޓޫޑަންޓް ލޯންއެއްވެސް ނުލިބޭ. މިހާރު ކޮންމް ދުވަހަކު ދުވަހެއް އެދަނީ ގެއްލެމުން." އެމްްއެންޔޫގެ މެޑިކަލް ކޯހުގެ ދެވަނަ ބުރަށް ހޮވުނު ކުއްޖަކު "ސަން" އަށް މައުލޫމާތު ދެމުން ބުންޏެވެ.

ތެދެކެވެ. ސަރުކާރުން އެހާބޮޑު ހަރަދެއް ކުރުމަށް ފަހު ހުޅުވި މެޑިކަލް ކޮލެޖު ތަރައްގީކުރަން ވެސް މަސައްކަތް ކުރަން ޖެހެއެވެ. ހަމަ އެފަދައިން އެ ކޮލެޖް ރަނގަޅަށް ހިނގައިގަނެވެންދެން ރާއްޖެއިން ބޭރުގައި މެޑިސިން ކިޔަވަން ދާން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ދޭން ޖެެހެ އެވެ. އެހެން ނޫނީ ރާއްޖޭގައި އެކަށީގެންވާ ފެންވަރުގެ ރަނގަޅު ޑޮކްޓަރުން ތިބޭނެ ދުވަހެއް ނާންނާނެ އެވެ.

comment ކޮމެންޓް