ހައިކޯޓުގެ ފަނޑިޔާރު ޝަހީދުގެ މައްސަލައެއް ބަލަން ނިންމައިފި

ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު: އޭނާއާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާއެއް ބެލުމަށް ޖޭއެސްސީން ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޝަހީދުއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާ ބެލުމަށް ޖޭއެސްސީން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގަ އެވެ.

ނަމަވެސް ޝަހީދުއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުން އަންނަނީ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނުން ނުބުނެއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ޝަހީދު، ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. ޝަހީދަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުކަމާއި ސ. ފޭދޫ ކޯޓުގެ މެޖިސްޓްރޭޓުކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.

މީގެއިތުރުން ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ މައްސަލައެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް