ސިވިލް ކޯޓުން ހުކުމް ކުރީ ބޭންކުން ވެސް އެދޭ ގޮތަށް: ބީއެމްއެލް

ޖުލައި 30، 2019: ޖެން ހޮޓެލްގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތަހުގީގީ އިދާރާތަކުން އެދިއްޖެ ނަމަ، ބޭންކުގެ ކަސްޓަމަރުންގެ މައުލޫމާތު އެ ފަރާތްތަކަށް ދިނުމަށް އޮތް ގާނޫނީ ހުރަސް މިއަދު ސިވލް ކޯޓުގެ ހުކުމުގެ ސަބަބުން ނެތިގެން ގޮސްފި ކަމަށާއި އެއީ ބޭންކުން ވެސް އެ މައްސަލަ ކޯޓަށް ހުށަހެޅި ބޭނުން ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.

ބީއެމްއެލްގެ ކަސްޓަމަރުންގެ މައުލޫމާތުތައް ދިނުމަށް ރިޔާސީ ކޮމިޝަނުން އެދުނު ނަމަވެސް، ބޭންކުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތައް ދޫކޮށްލަން ހައިކޯޓުން ކުރި ހުކުމުގެ ސަބަބުން އެ މައުލޫމާތު ކޮމިޝަނަށް ދިނުމަށް ގާނޫނީ ހުރަސް އޮތް ކަމަށް ބުނެ އެކަމުގެ ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ، ބޭންކިން އާ ބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގީ އިދާރާއަކުން ލިޔުމުން އެދިއްޖެ ނަމަ، ކޯޓް އަމުރެއް ނެތިވެސް، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތުތައް އެ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެ ހުކުމާ ގުޅިގެން ބީއެމްއެލްއިން ނެރުނު ބަޔާނުގައި ބުނީ ސިވިލް ކޯޓުގެ މިއަދުގެ ހުކުމުގެ ސަބަބުން ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ބީއެމްއެލް އިން އަމަލުކުރަންޖެހޭ ކަމަށް ބޭންކުން ގަބޫލުކުރާ ގޮތާއި ތަހުގީގީ އިދާރާތަކުން ދެކޭ ގޮތާމެދު އުފެދިފައިވާ ހިލާފު ނެތިގެން ގޮސްފައިވާ ކަމަށެވެ.

ތަހުގީގީ އިދާރާއަކުން އެދޭ މައުލޫމާތެއް ދިނުމުގެ ސަބަބުން ބޭންކާމެދުވެސް އަދި ބޭންކުގެ މުވައްޒަފަކާ މެދުވެސް އެއްވެސް ފަރާތަކަށް ޝަރުއީ މައްސަލައެއް ހުށަނޭޅެކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ.

"މިއީ މި ބޭންކުން ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބުވެސް މެއެވެ. އަދި ސިވިލް ކޯޓުން މިގޮތަށް ކަނޑަ އެޅުމާއެކު މި މައްސަލަ އަކީ މި ބޭންކުން މަތީ ކޯޓެއްގައި އިސްތިއުނާފްކުރަން ބޭނުންނުވާ މައްސަލައެއްވެސްމެ އެވެ،" ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ބޭންކުން ބުނީ، ބޭންކިންއާ ބެހޭ ގާނޫނާއި ގަވާއިދުތަކާއި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ތަހުގީގީ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

comment ކޮމެންޓް