ހަސަން ސައީދާއި ރާޣިބު ފަނޑިޔާރުކަމުން ވަކިކުރަން ލަފާދީފި

މެޖިސްޓްރޭޓް ރާޣިބު އަދި ފަނޑިޔާރު ހަސަން ސައީދު --- ސަން ފައިލް ފޮޓޯ

ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު އާއި ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު ފަނޑިޔާރު ކަމުން ވަކިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ މައްސަލަ ބެލި ކޮމިޓީން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާދީފިއެވެ.

ޖޭއެސްސީން ބުނީ ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު އާއި މެޖިސްޓްރޭޓް ރާޣިބުއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތައް ތަހުގީގް ކުރި ކޮމެޓީގެ ރިޕޯޓް ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާ ސާބިތުވާ ކަމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެ ނިންމުމާ ގުޅިގެން ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބުނާ ގޮތަށް ތަހުގީގް ރިޕޯޓަށް ޖަވާބުދާރީ ވުމަށް 30 ދުވަހުގެ މުއްދަތެއް ދެ ފަނޑިޔާރުންނަށް ވެސް ދިނުމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

ރާޣިބުއާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ އެކި ކޯޓުތަކުގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެކެވެ. އެ މައްސަލަތަކާ ގުޅިގެން ޖޭއެސްސީން ވަނީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ މީހުންގެ ބަޔާން ނަގާފައެވެ. އަދި ރާޣިބުއާ ސުވާލުކޮށް އޭނާގެ ބަޔާނެއް ވެސް ނެގިއެވެ.

ރާޣިބުގެ މައްސަލަ ބަލަމުން އަންނައިރު އޭގެ ތެރެއިން ޖިނާއީ ކުށްތަކެއް ފާހަގަވެފައިވާތީ އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅެމަށް ނިންމާފައިވާ ކަމަށް ވެސް މީގެ ކުރިން ޖޭއެސްސީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް