ޑީއާރުޕީއަށް ދިރުން އައިސްފި، މައިނޯރިޓީ ޕާޓީއަކަށް ހަދާނަން: ޖާބިރު

ޑީއާރުޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖާބިރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ މަޖިލީހުގައި ޑީއާރުޕީއަކީ މައިނޯރިޓީ ޕާޓީއަކަށް ވަރަށް އަވަހަށް ހައްދަވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޑީއާރުޕީގެ ލީޑަރުކަމާ ހަވާލުވެވަޑައިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޖާބިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އަވަހަށް ޑީއަރުޕީ "ރިކޮގްނައިޒް" ވެގެންދާނެ ކަމަށާއި އިތުރު މަޖިލިސް މެމްބަރުންތަކެއް ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

"ވަރަށް އަވަހަށް ޑީއާރުޕީ ރައްޔިތުންގެ މަޖިލީހުގައި ރެކޮގްނައިޒްވެގެން ދާނެ. އަޅުގަނޑާ ލައިގެން ހަތް މެމްބަރުން ވަރު އެބަ އުޅޭ [ޑީއާރުޕީއާއެކު]. އިންޑަޕެންޑެންޓްކޮށް ތިބި ވަަރަށް ގިނަ މެމްބަރުން ޑީއާރުޕީގެ ޕްލެޓްފޯމުގައި މަސައްކަތް ކުރައްވާ،" 2005 ވަނަ އަހަރު ޑީއާރުޕީ އުފެދުނު އިރު އެ ޕާޓީގެ ކައުންސިލުގައި ހިމެނުނު ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އެ މެމްބަރުން ވަރަށް އަވަހަށް ރަސްމީކޮށް ބާއްވާ ރަސްމިއްޔާތެއްގައި ޑީއާރުޕީއަށް ސޮއިކުރައްވާނެ ކަމަށެވެ.

ޑީއާރުޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޖާބިރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޑީއާރުޕީއާ ހަވާލުވި އިރު ޕާޓީ އޮތީ "ކޯމާއެއްގައި" ކަމަށާއި ނަމަވެސް މިހާރު ޕާޓީގެ މެމްބަރުން އިތުރުވެ، ޕާޓީގެ ހަރަކާތްތައް ހިނގައި، ދިރުން އައިސްފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ޒުވާން އުމުރުގައި ޕާޓީ ހިންގާގޮތް މި ތިބި ލީޑަރުންނަށް ދައްކައިދޭން،" ޖާބިރު ވިދާޅުވިއެވެ.

ޑީއަރުޕީއަށް 3،000 މިހުން ހަމަ ވެފައިވާކަން މިއަދު އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕާޓީއަށް އަންގާފައެވެ. ޖާބިރު ވިދާޅުވީ، 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ޑީއާރުޕީގެ މެމްބަރުންގެ އަދަދު 80،000 އަށް އެރުވުމަކީ އަމާޒެއް ކަމަށެވެ.

ޕާޓީގެ ސެކްރެޓްރީ ޖެނެރަލްއަކަށް އިއްޔެ އައްޔަން ކުރެއްވި ނަހުލާ އަލީ ވިދާޅުވީ، ޑީއަރުޕީއިން އަންހެނުންނަށް ހަގީގީ ބާރުވެރިކަން ހޯދައި ދިނުމަށް މައްސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ވަޒީފާގެ ފުރުސަތުތަކާއި ސިޔާސީ ދައިރާއިންވެސް ފުރުސަތު އަންހެނުންނަށް ފުރުސަތު ހޯދައި ދިނުމަށް ޑީއަރުޕީއިން މަސައްކަތް ކުރައްވާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

"ސިޔާސީ ދައިރާއިން އަންހެނުންނަށް ފުރުސަތުތައް ހޯދައި ދިނުމަށް މި ޕާޓީން މަސައްކަތް ކުރާނެ. ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދުމަށް މި ޕާޓީން މަސައްކަތް ކުރާނެ. ދޮށީ އުމުރުފުރައިގެ މީހުންނަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ހޯދައި ދިނުމަށް މި ޕާޓީން މަސައްކަތް ކުރާނެ،" ނަހުލާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޖާބިރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ނައިބު ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ، އަމާޒަކީ މިއަހަރު ނިންމެންވާއިރު ޑީއަރުޕީގައި ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޕާޓީއަކަށް ހެދުން ކަމަށެވެ. އަދި އަންނަ އަހަރު ތެރޭގައި ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީިއަށް ހެދުމަކީ އަމާޒެއް ކަމަށެވެ.

ޑިއާރުޕީގެ ގައުމީ ޖަލްސާ އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާކަންވެސް ކާނަލް މިއަދު އިއުލާން ކުރެއްވިއެވެ.

comment ކޮމެންޓް