ހިޔާނާތުގެ ފައިސާއާ ގުޅިގެން އާތިފަށް ކުރި ތުހުމަތަށް އިންކާރު ކުރައްވައިފި

ރާއްޖޭގެ ތާރީހުގައި ވެސް ހިނގި އެންމެ ބޮޑު ކޮރަޕްޝަން ކަމުގައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުއާމަލާތްތައް ކުރިއަށް ދިޔަ އިރު އެސްއޯއެފްގެ އެކައުންޓުން ފައިސާ ދައުރުވަމުން ދިޔަކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އެނގޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އާތިފު ޝަކޫރް މިއަދު ވިދާޅުވެއްޖެ އެވެ.

އާތިފް އާ ގުޅުވައިގެން ބީއެމްއެލް އިން މިދިޔަ މަހުގެ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްކި ވާހަކަތަކަށް ޖަވާބުދާރީވާން އާތިފް ވަނީ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.

އެދުވަހުގެ ކޮމިޓީގައި ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ނުހުއްޓުވީ އާތިފް އާއި އެސިސްޓެންޓް ގަވަރުނަރު، ނީޒާ އިމާދުގެ ލަފަޔަށް ކަމަށެވެ.

ނަމަވެސް މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ޖަލްސާގައި އާތިފް ވިދާޅުވީ އެފަދަ އެއްވެސް ލަފައެއް ދީފައި ނުވާނެ ކަމަށާއި އަދި އެސްއޯއެފްގެ ޓްރާންސެކްޝަނާ ގުޅޭ ގޮތުން ބީއެމްއެލް އާ އެކު ބައްދަލުވުމެއްގައި ބައިވެރިވި ހަނދާން ނުވާ ކަމަށެވެ.

"އެފްއައިޔޫ އަކުން އެންމެ ފަހަރަކު ވެސް، ޓްރާންސެކްޝަނެއް ހިންގާކަށް، ނޫނީ މަނާކުރާކަށް، އެމީހުން ކުރާހާ ކަމެއް ކުރަން ދޫކޮށްލާކަށް އަންގާފައެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ އެފްއައުޔޫ އާ ގުޅޭ ގޮތުން ބީއެމްއެލް އިން ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ކަމަށެވެ. އެގޮތުން އެއްވެސް އެކައުންޓެއް ހޯލްޑް ކޮށްފައި ނުބޭއްވޭނެ ކަމަށް އެފައައިޔޫ އިން އަންގާފައި ނުވާނެ ކަމަށާއި އެއީ އެ ޔުނިޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެއްވެސް އެކައުންޓެއް އެކްޓިވޭޓްކޮށް ޑީއޭކްޓިވޭޓްކޮށް އެކަހަލަ ކަންތައް ކުރުމުގެ ބާރެއް އޮތް ތަނެއް ނޫން އެއީ. އަޅުގަނޑު ކުރި ކަމެއް ނޫން ތީ،" އާތިފް ވިދާޅުވި އެވެ.

މިއަދު އާތިފް ވިދާޅުވީ އެސްއޯއެފްގެ އެކައުންޓުން ކުރަމުން ދިޔަ ބޮޑެތި ޓްރާންސެކްޝަންތައް އާތިފްގެ ސަމާލުކަމަށް އައުމާ އެކު، ބީއެމްއެލްގެ ކޮމްޕްލައެންސް އޮފިސަރު ޔާމީން އާ ބައްދަލުކުރައްވައި އެވާހަކަ ހިއްސާކުރައްވާފައިވާނެ ކަމަށް ވިދާޅުވި އެވެ.

"އެދުވަހު އަޅުގަނޑު ބެލިން މީ ހަމަ ނޭނގިގެންތޯ ނޫނީ އެނގި، އަމަލު ކުރަން ޖެހޭ ގޮތަށް އަމަލު ނުކުރަނީތޯ. އެދުވަހު އަޅުގަނޑަށް ޔަގީންވި މީ ނޭނގިގެން ނޫންކަން ހުރިހާ ޓްރާންސެކްޝަންތަކެއް ހިނގަނީ" އާތިފް ވިދާޅުވި އެވެ.

އަދި އެ ވާހަކަތައް އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދާ ވެސް ހިއްސާ ކުރެއްވި ކަމަށް އާތިފް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ ދެ ލައްކަ އަށް ވުރެ ބޮޑު ޓްރާންސެކްޝަނެއް ހިނގައިފި ނަމަ، އެ މައުލޫމާތު އޮޓޮމެޓިކުން އެފްއައިޔޫ އަށް އަންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެސްއޯއެފް އިން އެކި ފަހަރު މަތިން އެވަރުގެ ބޮޑެތި އަދަދުތަކަކުން މުއާމަލާތް ކޮށްފައި ވާ އިރު ބީއެމްއެލް އިން މިހާތަނަށް ވެސް ފައިލް ކޮށްފައި ވަނީ އެންމެ އެސްޓީއާރެއް ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން މި ވިދާޅުވަނީ 27 ނޮވެމްބަރު 2014ގައި އައި ޓްރާންސެކްޝަން އާ ދޭތެރޭގަ އަމަލު ކުރި ވާހަކަ. އޭތި ކްލޯޒް ކުރި ވާހަކަ. 1.2 ބިލިއަން ރުފިޔާ އަށް ވުރެ ގިނަ އަދަދު އެކައުންޓުތަކުން ނުކުމެގެން ދިޔަ އިރަކު ބޭންކަކުން އިތުރު އެސްޓީއާރެއް ރެއިޒް ކުރައްވާފައެއް ނުވެ،" އާތިފް ވިދާޅުވި އެވެ.

ނަމަވެސް 2014 ވަނަ އަހަރުގެ މެދު ތެރެއިން ފެށިގެން ވެސް އެފަދަ ޓްރާންސެކްޝަނެއް ހިނގާފައިވާ ކަމަށާއި، އެ އަހަރުގެ ނޮވެމްބަރު 27 ވަނަ ދުވަހުގެ ހެނދުނު އަދި 25 ވަނަ ދުވަހު ވެސް 10 މިލިއަނެއްހާ ރުފިޔާގެ ނަގުދު ފައިސާގެ ޓްރާންސެކްޝަނެއް ހިންގާފައިވާ ކަމަށެވެ.

"ނޮވެމްބަރު،27، 2014ގެ ހަވީރު ހަތަރެއް ޖެހި އިރު އައި ޓްރާންސެކްޝަނެއްގެ ވާހަކަ މި ދައްކަވަނީ. އަޅުގަނޑަށް ފެނުނު ފެނުމުގައި ޖޫން 2014 އިން ފެށިގެން ވެސް މި ޓްރާންސެކްޝަންތައް އެސްއޯއެފް އިން ދިޔައީ ހިންގަމުން. އަޅުގަނޑު ހަނދާންވާ ގޮތުގައި،" އާތިފް ވިދާޅުވި އެވެ.

އާތިފް މިއަދު ވިދާޅުވީ އެ ޓްރާންސެކްޝަނުގެ މައްސަލަ ބަލަން ސިޓީއެއް ލިޔެ، ގަވަރުނަރު އަޒީމާ އާދަމަށް މެއިލް އަކުން ފޮނުވާފައި ވާނެ ކަމަށެވެ. އަދި އެއީ ފަހަރެއްގައި ކުރަން ޖެހިގެން ކޮށްފައިވާ ސައްހަ މުއާމަލާތަކަށް ވެދާނެތީ އަދި ވެސް އެކަން އިތުރަށް ބެލުމަށް އަޒީމާ ވިދާޅުވި ކަމަށެވެ.

"އޭސީސީގައި އެބަ އޮތް މި ދެންނެވި ސިޓީ. އެދުވަހު އަޅުގަނޑު ކުރަން ބޭނުންވި ކަންތައް އޭގެން އެނގޭނެ. އަޅުގަނޑު ބުނެފައި އިންނާނެ ވަގުތުން ފުލުހުންނަށް ހުށަހަޅަން،" އާތިފް ވިދާޅުވި އެވެ.

އޭގެ އިތުރުން އެފްއައިޔޫ ހިންގުމުގެ ސްޓެންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) ބަދަލު ކުރުމަށް އެކި ފަހަރު މަތިން ގަވަރުނަރު އެދިވަޑައިގެންނެވި ކަމަށާއި އެގޮތަށް އެސްއޯޕީ ބަދަލުކުރެއްވީ އާތިފް ކަމަށެވެ.

އެ ބަދަލަކީ އެސްޓީއާރެއް ލިބޭ އިރަށް ފޮނުވުމުގެ ބަދަލުގައި، ސީދާ ބޭރުން އަންނަ ޓްރާންސެކްޝަންތަކެއް ނުވަތަ ބޭރުން ހިނގާ މަނީ ލޯންޑްރިންގެ ހަރަކާތްތައް އެފްއައިޔޫއަށް އިތުބާރު ހިފޭ މިންވަރަކަށް ޔަގީންވުމުން ނޫނީ ނުފޮނުވުން ކަމަށް އާތިފް ވަނީ ވިދާޅުވެފަ އެވެ.

އެ ބަދަލަކީ ހިޔާނާތައް މަގުފަހި ކުރުވުމުގެ މަގުސަދުގައި ގެނައި ބަދަލެއް ކަމަށް ތުހުމަތު ކުރެވޭތޯ ކޮމިޓީގެ މެމްބަރަކު ވަނީ އާތިފް އާ ސުވާލު ކުރައްވައިފަ އެވެ. ނަމަވެސް އާތިފް ވިދާޅުވީ އެއީ ކޮން މަގުސަދެއްގައި ކުރި ކަމެއް ކަމަށް ދަންނަވަން ނޭނގޭ ކަމަށެވެ.

ހަމައެއާ އެކު ފުލުހުންނަށް ފޮނުވާފައި ހުރި އެސްޓީއާރްތަކުގެ އަޕްޑޭޓެއް ހޯދަން އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދަށް ސިޓީ އަކުން ވެސް ދަންނަވާފައި ވާނެ ކަމަށާއި ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް އާތިފް މިއަދު ވިދާޅުވި އެވެ.

އެސްއޯއެފްގެ މުއާމަލާތްތަކާ ދޭތެރޭ ޝައްކު އުފެދިގެން އެކަން ރަސްމީކޮށް ފުލުހުންނަށް ރިޕޯޓުކޮށް، ފިޔަވަޅު ނޭޅުއްވި ސަބަބާ މެދު ކޮމިޓީގެ މެމްބަރުން ސުވާލު އުފެއްދެވި އެވެ.

ޖަވާބުގައި އާތިފް ވިދާޅުވީ އެމްއެމްއޭގައި ކަން ހިނގަމުން އަންނަ އުސޫލަކީ، އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ، ފުރަތަމަ އެކަން ގަވަރުނަރުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ. ނަމަވެސް ފުލުހުންނަށް މައްސަލަ ހުށަހެޅުމަކީ އޭނާގެ ގާނޫނީ ޒިންމާއަކަށް ވާއިރު، އެކަން ކުރައްވާފައި ނުވާކަމަށް އާތިފް އިއުތިރާފުވެވަޑައިގަތެވެ.

"އަޅުގަނޑުގެ މަސްއޫލިއްޔަތަކީ ފުލުސް އޮފީހަށް ސިޓީއެއް ފޮނުވުމެއް ނޫން. އަޅުގަނޑުގެ މަސްއޫލިއްޔަތަކީ މަނީ ލޯންޑްރިން ހުއްޓުވުން. އަޅުގަނޑު އެ ސިޓީ ފޮނުވިންތޯ، ނޫން ނުފޮނުވަން،" އާތިފް ވިދާޅުވި އެވެ.

ނަމަވެސް އޭރު އެފަދަ މާހައުލެއް ފަހިވެފައި ނެތް ކަމަށާއި، މަގާމުން އިސްތިއުފާ ދެއްވީ މަސްއޫލިޔަތު އަދާކުރުމުގެ ގާބިލްކަން ނެތް ކަމަށް އަމިއްލައަށް ގަބޫކުރެވުމުން ކަމަށެވެ.

އާތިފް ވިދާޅުވީ އެސްއޯއެފްގެ ޓްރާންސެކްޝަންތަކާ މެދު ޝައްކު އުފެދިގެން، އެ ކުންފުނީގެ ގާނޫނީ މައުލޫމާތު މީރާ އިންނާއި އިކޮނޮމިކް މިނިސްޓްރީ އިން ވެސް ހޯއްދެވި ކަމަށެވެ.

އެސްއޯއެފް އަކީ ވަރަށް ހަގު، އަދި މިވަރުގެ ބޮޑެތި ޓްރާންސެކްޓަކެއް ހިންގޭ ވަރުގެ ކުންފުންޏެއް ނޫން ކަމާއި، ޑޮލަރު މާރު ކުރުމަށް ކަމަށް ބުނެ ޓްރާންސެކްޓަކެއް ހިންގާފައި އޮތް ނަމަވެސް، އެސްއޯއެފް އަކީ އޭރު އެކަން ކުރުމުގެ ލައިސެންސް ވެސް އޮތް ކުންފުންޏެއް ނޫންކަން އެ ހޯދުންތަކުން އެނގުނު ކަމަށެވެ.

ބީއެމްއެލްގެ އިތުރުން ހިޔާނާތުގެ މުއާމަލާތް ކުރިއަށް ދިޔަކަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް އެނގޭނެ ކަމަށް އާތިފް މިއަދު ވަނީ ވިދާޅުވެފަ އެވެ.

"އޭސީސީއަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ މި މުއާމަލާތްތައް ހިނގަމުން ދިޔަ ކަން. އެނގިވަޑައިނުގަންނަވައޭ ބުނުމުގެ އެއްވެސް ޖާގައެއް ނޯންނާނެ،" އާތިފް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ ޓްރާންސެކްޝަންތައް ސޯޝަލް މީޑިއާ ލީކު ކޮށްލީ ފެބުރުއަރީ 2016ގައި ކަމަށާއި ނަމަވެސް އޭގެ ކުރިން ވެސް އޭސީސީއަށް އެކަން އެނގޭނެ ކަމަށެވެ.

ހަމައެއާ އެކު ހިޔާނާތް ކުރިއަށް ގެންގޮސްފައި ވަނީ އެންމެ މުއައްސަސާއަކުން ނުވަތަ ބޭންކަކުން ނޫންކަން ވެސް އާތިފް މިއަދު ފާހަގަ ކުރެއްވި އެވެ.

އާތިފް ވިދާޅުވީ ހިޔާނާތް ހިނގީ ވަރަށް ގިނަ ބަޔަކަށް އެނގިގެން ކަމަށާއި، ދައުލަތުގެ ވަޒީފާގައި ދެމިތިބި މީހުންނަށް އެކަން ޔަގީނުން ވެސް އެނގޭނެ ކަމަށެވެ.

"މިއީ މުޅި ވެށީގައި ލެވިފައި އޮތް ތަޅެއް." އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް