ދަށު ކޯޓުތަކުން ޖޭއެސްސީއަށް ވާދަކުރަނީ ތިން ފަނޑިޔާރުން

ދަށު ކޯޓުތަކުން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރުކަމަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ގުރުއަތު ނެގުމުގެ ތެރެއިން --- ފޮޓޯ/ ޑީޖޭއޭ

ދަށު ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިންތިޚާބު ކުރާ މެމްބަރުކަމަށް ކުރިމަތިލާފައި ވަނީ އެންމެ ތިން ފަނޑިޔާރުން ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭ އިން ބުނީ އެ އިންތިޚާބުގައި ވާދަކުރައްވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް އާއި ގދ. ފިޔޯރީ ކޯޓުގެ މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު އާއި ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް ކަމަށެވެ.

އެ އިންތިޚާބު އޮންނާނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. މިއަދު ވަނީ އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފައެވެ.

އެގޮތުން ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ ފިޔޯރީ ކޯޓުގެ މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ލިބިވަޑައިގަތީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމަށެވެ. އަދި ކެންޑިޑޭޓު ނަންބަރު ތިނެއް ލިބިވަޑައިގަތީ ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފަށެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން މިހާރު ޖޭއެސްސީގައި އިންނަވަނީ ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅެވެ. އޭނާގެ ދައުރު މިމަހުގެ 27 އަށް ހަމަވާނެއެވެ.

comment ކޮމެންޓް