ސިޔާސީ ބޮޑެތި ކަންކަން ނިންމަން ޚިޔާނާތުގެ ފައިސާ ބޭނުންކުރި: އާތިފް

އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފު ޝަކޫރު މިއަދު ކޮމިޓީގައި ވާހަކަ ދައްވަނީ ---

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ސިޔާސީ ބޮޑެތި ކަންކަން ނިންމަން ބޭނުން ކުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އާތިފު ޝަކޫރު ތުހުމަތު ކުރައްވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އާތިފް އާ ގުޅުވައިގެން ކޮމިޓީގައި ދެއްކި ވާހަކަތަކައް ޖަވާބުދާރީވުމަށް އާތިފް އަމިއްލައަށް އެދިވަޑައިގެން، މިއަދު ވަނީ ކޮމިޓީއަށް މައުލޫމާތު ދެއްވައިފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ ހިޔާނާތުގެ ފައިސާ ބޭނުން ކޮށްފައި ވަނީ ދައުލަތުގެ މުދާ ވިއްކައިގެން ވަކި ބަޔަކަށް މާލީ ފައިދާއެއް ހޯދައިދިނުމަށް އެކަނި ނޫން ކަމަށެވެ.

އެ ދުވަސްވަރު ގައުމުގައި ހިނގަމުން ދިޔަ ބޮޑެތި ކަންކަން ފަހިކޮށްދޭން ވެސް ހިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް އާތިފް މިއަދު ތުހުމަތު ކުރެއްވިއެވެ.

"މިއީ ހަމައެކަނި ދައުލަތުގެ ހަރު މުދަލެއް ވިއްކުމުން ލިބުނު މާލީ އާމްދަނީ އެހެން މީހަކަށް މާލީ ގޮތުން ހަމައެކަނި ދިނުމަށް ވުރެ، އެވަގުތު ހިނގަމުން ދިޔަ ކަންތައްތަކެއް ފަހި ކުރުމަށް މި ޓްރާންސެކްޝަންތައް އިތުރަށް ހިނގާފައި ހުރި ކަމަށް އަޅުގަނޑުގެ ބުއްދިއަށް ގަބޫލު ކުރެވުނު،" އާތިފް ވިދާޅުވިއެވެ.

އެގޮތުން އެ ދުވަސްވަރު ހިނގި ބައެއް މުހިންމު ސިޔާސީ ކަންކަމުގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ހައްޔަރު ކުރުމާއި، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށް ކުރިއަށް ދިޔަ ޝަރީއަތާއި މޭޑޭގައި ހިނގާ ދިޔަ ކަންކަން އާތިފް ވަނީ ފާހަގަކުރައްވައިފައެވެ.

އެސްއޯއެފްއިން ހިންގި ޓްރާންސެކްޝަންތަކަކީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތްތަކެއް ކަމަށް ބުނާއިރު، އެފަދަ މުއާމަލާތްތަކެއް ވެސް ހިންގާފައިވާ ކަމަށާއި، ނަމަވެސް ހުރިހާ މުއާމަލާތަކީ ޑޮލަރު މާރު ކުރުން ނޫންކަން އެނގޭ ކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ އެސްއޯއެފް މެދުވެރިކޮށް ފައިސާ ނަގަމުން ދިޔައީ ހައެއްކަ މީހުން ކަމަށާއި، އެފްއައިޔޫގެ ޑޭޓާބޭސްއިން އެއީ ކޮން ބައެއްކަންވެސް އެނގެން ހުންނާނެ ކަމަށެވެ.

comment ކޮމެންޓް