ހަޅޭކުގެ އަޑާއެކު ހައިޝަމާއި ޒިހާން، ޔާމީންގެ ގެއިން ނުކުމެގެން ދިޔަތަން ދުށިން: ހެކި

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި ރޭ އޭނާ ދިރިއުޅޭ ގެއިން ހަޅޭކުގެ އަޑަކާއެކު، އޭނާއަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރާ ދެ މީހުން އެގެއިން ނުކުތް މަންޒަރު ފެނުނު ކަމަށް ހެކިބަސްދިން މީހަކު ބުނެފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދިން ސިއްރު ހެކިވެރިޔާ ބުނީ ހަޅޭކުގެ އަޑަށްފަހު އެ ގެއިން ނުކުތީ، ހ. އަންނާރުމާގެ، އިސްމާއީލް ހައިޝަމް ރަޝީދު އާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއީލް ކަމަށެވެ.

ޔާމީން ރަޝީދަށް ހަމަލާދިން ރޭ އެ ހެކިވެރިޔާ އެ ސަރަހައްދަށް ގޮސްފައިވަނީ އެރޭގެ 2:30 އާއި 3:00އާ ދެމެދު އެވެ. އަދި އެ ސަރައްހައްދަށް އޭނާ ދިޔައީ ރަހްމަތްތެރިއަކާ ބައްދަލު ކުރުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

މާފަންނު ބިސް ބުރު ސަރަހައްދުގައި އޭނާ ހުއްޓައި މީހަކު ހަޅޭއްލަވާ އަޑު އިވުމުން މ. ސްޕެޓިއުލާގެ ކައިރިއަށް ދިޔަ ކަމަށާއި އަދި އެ އަޑު ކެނޑުމުން ދެ މީހަކު އެކީ ކަހަލަ ގޮތަކަށް ނިކުމެގެން ތިން ސައިކަލެއްގައި ދިޔަކަމަށް އޭނާ ބުންޏެވެ. އަދި އެ މީހުން ދިޔައީ ހެކިވެރިޔާއާ ދޭއް ނުވަތަ ތިން ފޫޓް ކައިރިން ލާފައި ކަމަށް ބުނެ އޭނާ ހެކިބަސް ދިނެވެ.

ހެކިވެރިޔާ ބުނީ ހައިޝަމާއި ޒިހާން އެގެއިން ނުކުތްއިރު، މ. ޠާއިފް، އިސްމާއީލް ރަޝީދު ސައިކަލެއްގައި އެގޭގެ ބޭރުގައި ހުރި ކަމަށެވެ. އަދި އޭނާ އިން ސައިކަލުގެ ފަހަތަށް އަރައިގެން ހައިޝަމް އެތަނުން ގޮސްފައިވާ ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

އޭނާ ބުނީ ޒިހާން އެ ސަރަހައްދުން ދިޔައީ އެތަނުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ކަމަށެވެ.

ހެކިވެރިޔާ ބުނީ އެ މީހުން ތިބީ ސާޖިކަލް މާސްކު އަޅައިގެން އަނގަމަތި ނިވާވަރަށް ކަމަށާއި ނަމަވެސް އެގެއިން ނުކުތް ދެ މީހުންނަކީ ހައިޝަމާއި ޒިހާންކަން ޔަގީން ކަމަށެވެ.

އެ މީހުންގެ މޫނުގައި މާސްކުއަޅާފައިވާއިރު އެއީ ކޮންބައެއްކަން އެނގެނީ ކިހިނެއްތޯ ޒިހާންގެ ވަކީލް އަބްދުﷲ ހަސީން ވަނީ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ހެކިވެރިޔާ ބުނީ އޭނާއާ އެހާކައިރިން ދިއުމުން އެއީ ކޮންބައެއްކަން އޭނާއަށް އެނގޭ ކަމަށެވެ. އަދި އެ މީހުންނަކީ ކޮންބައެއްކަން ދެނެގަތީ ފުލުހުންގެ ތަހްގީގުގައި ދެއްކި ފޮޓޯތަކެއްގެ އެހީގައި ކަމަށް، އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެމުން ހެކިވެރިޔާ ބުންޏެވެ.

އެގޮތުން އެގޭ ތެރެއިން ނިކުތް ދެ މީހުން ވެސް ތިބީ ބޯ ދިގުކޮށް ކަމަށް ހެކިވެރިޔާ ކިޔައިދިނެވެ. ނޫކުލައިގެ އަތް ދިގު ޓީޝާޓަކާއި ކެމޯފްލެޖް ފަޓުލޫނެއް ލައިގެން ހައިޝަމް ހުރިއިރު ދެން އެގެއިން ނިކުތް ޒިހާން ހުރީ ގޮޅި ޖެހި ގަމީހަކާއި ޖިންސެއް ލައިގެން ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

ޔާމީން ރަޝީދަށް ހަމަލާދިން ކަމަށް ތުހުމަތުކުރާ މީހުން އެ ސަރަހައްދު ދޫކޮށް ދިޔަތާ އިރުކޮޅެއް ނުވެ ހެކިވެރިޔާ ވެސް އެ ސަރަހައްދުން ގޮސްފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. އަދި އެނާ ފުލުހުންނަށް އެރޭ އެއްވެސް ކަމެއް ރިޕޯޓްކޮށްފައި ނުވާ ކަމަށް ވެސް ބުންޏެވެ.

އެ ތިން މީހުންގެ އިތުރުން ދެން އެ މައްސަލާގައި ދައުވާ ކޮށްފައި ވަނީ:

  • ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން
  • މ. ކުދެހިގޭ ހަސަން ޝިފާޒު
  • މ. ކޮޅުފުށި، އީސްޓް ހުސައިން ޒިޔާދު

މ. ސްޕެޓިއުލާގެ އިން އެރޭ ނިކުތް މީހެއްގެ ހެކިބަސް ވެސް މިއަދު ވަނީ ނަގާފައެވެ.

ކާކުކަން ނޭނގޭ ގޮތަށް މިއަދު ފުރަތަމަ ހެކިބަސް ދީފައިވަނީ ޔާމީން ރަޝީދު ދިރިއުޅުނު މ. ސްޕެޓިއުލާގެ އިން ނިކުތުމަށްފަހު އެގެއަށް ވަން މީހެކެވެ. އޭނާ ބުނީ، ޔާމީން ރަޝީދަށް ހަމަލާ ދިން ރޭގެ 2:00 ގައި އެ ގެއިން އޭނާ ނިކުތުމަށްފަހު 2:30 އެހައިކަންހާއިރު އަލުން އަނބުރާ އެގެއަށް ވަން ކަމަށެވެ. އަދި ގެއަށް ވަން އިރު ފާހަގަވި ކަމަކީ ގްރައުންޑް ފޮލޯގެ ސިޑި ގޮޅީގައި ދިއްލާފައި ބޮކި ނިއްވާލާފައި ހުރުން ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ދައުލަތުން އެ ހެކިވެރިޔާ ހުށަހަޅާފައިވަނީ އެގޭ ސިޑި ދަށުން މީހެއްގެ ފައި ފެނުނު ކަން ސާބިތު ކުރުމަށް ކަމަށް ވެސް ޕީޖީގެ ވަކީލް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ އެ މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހު ވެސް އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމެވެ.

comment ކޮމެންޓް