ޑީއާރުޕީއަށް 3000 މެމްބަރުން ހަމަކޮށްފި

ޑީއާރުޕީގެ ލީޑަރު ޖާބިރު --- ފޮޓޯ: މަޖިލިސް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އަށް 3000 މެމްބަރުން ހަމަކޮށްފި އެވެ.

އެ ޕާޓީއަށް 3000 މެމްބަރުން ހަމަކުރިކަން އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޑީއާރްޕީ އުފެދިގެން އައީ 2005 ވަނަ އަހަރުގެ ޖުލައި 21 ވަނަ ދުވަހު އެވެ. ޑީއާރްޕީ އަކީ ރާއްޖޭގައި އުފެދުނު ދެ ވަނަ ސިޔާސީ ޕާޓީއެވެ. ޕާޓީގެ އެންމެ ފުރަތަމަ ލީޑަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

ގިނަ ޕާޓީތަކަށް ބައިވެރިވެވޭ ގޮތަށް 2009 ވަނަ އަހަރު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ޕާޓީ އަކީ ވެސް ޑީއާރްޕީ އެވެ. އެއީ 28 ގޮނޑި އެވެ.

ނަމަވެސް އެ ޕާޓީގައި އުފެދުނު ހިޔާލުތަފާތުވުންތަކާ އެކު ރައީސް މައުމޫން ވަނީ އެ ޕާޓީ ދޫކުރައްވައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނަމުގައި ޕާޓީއެއް އުފައްދަވައިފަ އެވެ. މައުމޫން މިހާރު ހުންނެވީ އެމްއާރުއެމް ޕާޓީގަ އެވެ.

ޑީއާރުޕީން މައުމޫން ވަކިވިފަހުން އެ ޕާޓީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސް ޕާޓީގެ މަސައްކަތްތައް ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ.

ކާށިދޫ ދާއިރާގެ މެމްބަރުން އަބްދުﷲ ޖާބިރު ދާދި ފަހުން ޑީއާރުޕީއާ އަލުން ގުޅިވަޑައިގެން އެ ޕާޓީ އަލުން ކޮޅަށް ޖަހައި މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް