އެސްއޯއެފްގެ އެސްޓީއާރާ ގުޅިގެން ދިން ލަފާ ބޭންކުން ވަނީ އޮޅުވާލާފާއި: ނީޒާ

އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރު، ނީޒާ އިމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުން ކުރ،ި އެސްއޯއެފްގެ އެކައުންޓާ ގުޅިގެން ބީއެމްއެލްއިން ފައިލް ކުރި އެސްޓީއާރާ މެދު ލަފާދީފައިވާނީ ބައިނަލްއަގުވާމީ ބޭންކިން އުސޫލުތަކަށް އަމަލު ކުރުމަށް ކަމަށާއި ނަމަވެސް އެވާހަކަތައް ބޭންކުން އޮޅުވާލީ ކަމަށް ކުރީގެ އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އަމިއްލަފުޅަށް އެދިވަޑައިގެން މިއަދު ހާޒިރުވެވަޑައިގަތް ދެއްކެވި ވާހަކަތަކުގައި ނީޒާ ވިދާޅުވީ، ނޮވެމްބަރު 27، 2014 ވަނަ ދުވަހު ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް އޭނާއަށް ފޯނުން ގުޅުއްވައި އެސްއޯއެފްގެ އެކައުންޓުން ހިނގި ޝައްކު ކުރެވޭ މުއާމަލާތަކާ މެދު އެސްޓީއާރެއް ފައިލް ކުރި ކަމަށް ދެންނެވި ކަމަށެވެ. އަދި އެކަމާ ގުޅިގެން އެފްއައިޔޫއާ އޭރު ހަވާލުވެ ހުންނެވި ފަރާތުގެ ހައިސިއްޔަތުން، އޭރު އެފްއައިޔޫގެ އެންމެ ސީނިއާ މުވައްޒަފު އަޝްރަފަށް ގުޅުއްވައި ޝަރީފްއަށް ދޭނެ ލަފާ އޭނާގެ ފަރާތުން ހޯއްދެވި ކަމަށެވެ. އަދި އަޝްރަފުގެ ލަފާގެ މަތިން ޝަރީފަށް ފޯނުން ގުޅުއްވައި ދެންނެވީ، އުސޫލުތަކުގެ ތެރެއިން ކަންކަން ކުރިއަށް ގެންދަން ކަމަށް ވެސް ނީޒާ ވިދާޅުވި އެވެ.

"އަބްދުﷲ އަޝްރަފު އަޅުގަނޑު އޮފީހަށް ވަޑައިގެންވުމުން ކަން ހިނގައިގެން އުޅޭ ގޮތް ކިޔައިދިނިން، އަދި ޝަރީފު ގުޅުއްވާފައި އެހެން ވިދާޅުވި ކަމަށް ވެސް ދެންނެވިން. އަޝްރަފު ވިދާޅުވީ، އެބޭފުޅާއަށް ލިބިވަޑައިގެންފައި އެބަ އޮތް ކަމަށް އެސްޓީއާރެއް [ބީއެމްއެލްއިން]ފައިލް ކުރައްވާފައިވާ،" އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި، ނީޒާ ވިދާޅުވި އެވެ. "އަޝްރަފު އަޅުގަނޑު ކައިރީ ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއަށް [ޝަރީފަށް] ގުޅާފައި ބުނާށޭ، ގާނޫނުތަކާއި ގަވައިދުތަކާއި އިންޓަނޭޝަލް ޕޮލިސީއާ އެއްގޮތަށް ފޮލޯ ކުރުމަށް. އަޅުގަނޑު އަޝްރަފު އެތާ އިންނަވަނިކޮށް ބޭންކް އޮފް މޯލްޑިވިސްއާ ގުޅިން ގުޅާފައި ދެންނެވިން އިންޓަނޭޝަލް ޕޮލިސީތައް ތިބޭފުޅޫން ފޮލޯ ކުރައްވާށޭ،"

އޭނާ އަދި ވިދާޅުވީ، ބޭންކާ އެކު ބައްދަލުކުރި ކަމަށް ބުނެ ބޭންކުން އެކުލަވާލައި ބައްދަލުވުމެއްގެ ޔައުމިއްޔާއަކީ އޭނާ ޝަރީފާ އެކު ފޯނުން ދެއްކެވި ވާހަކަތަކެއް ހިމެނޭ ލިޔުމެއް ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެއްވެސް ބައްދަލުވުމެއް އޭނާ ބީއެމްއެލްއާ އެކު ބާއްވާފައި ނުވާ ކަމަށެވެ. އަދި އެފަދަ ޔައުމިއްޔާއެއް އޮތް ނަމަ، އެއީ އަސްލެއް ނޫން ކަމަށް ވިދާޅުވި އެވެ.

ނީޒާ ވިދާޅުވީ، ބޭންކުން އެސްޓީއާރު ފައިލް ކުރީ ޝައްކު ކުރެވޭ ފައިސާތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް ދިނުމަށް ފަހު އެ ފައިސާ ނަގުދު ފައިސާއިން ނަގަން އައުމުން ކަމަށެވެ. ނަމަވެސް، އެސްޓީއާރެއް ފައިލް ކުރަން އެންމެ މުހިންމު ވަގުތަކީ އެ ފައިސާ އެންމެ ފުރަތަމަ އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި ވަގުތު ކަމަށް ވެސް ނީޒާ ވިދާޅުވި އެވެ.

މީގެ އިތުރުން ނީޒާ ކޮމިޓީގައި މިއަދު ވިދާޅުވީ، ބޭންކުން ފޮނުވި އެސްޓީއާރާ މެދު އަމަލު ކުރާނެ ގޮތަކާ މެދު ފަހުން ގޮތްތަކެއް ނިންމެވީ، ޗުއްޓީއިން އެނބުރި ވަޑައިގަތުމަށް ފަހު އެފްއައިޔޫގެ ހެޑަކަށް ހުންނެވި އާތިފް ޝަކޫރާއި އެމްއެމްއޭގެ އޭރުގެ ގަވަރުނަރު އަޒީމާ އާދަމް ކަމަށެވެ. އާތިފް ޗުއްޓީއަށް ވަޑައިގަތުމުގެ ކުރިން، އެސްއޯއެފްގެ އެސްޓީއާރާ ގުޅިގެން، ހަދަން ޖެހޭ އެނަލިސިސް ރިޕޯޓް ހެދުމަށް ބޭންކުތަކުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދުމަށް އޭނާ ސޮއިކުރައްވަން ޖެހޭ ލިޔުންތަކުގައި ސޮއިކުރައްވާފައި ވާނެ ކަމަށް ވެސް ނީޒާ ވިދާޅުވި އެވެ.

އޭގެ ފަހުން، 2016 ނުވަތަ 2017ގައި ތަހުގީގީ އިދާރާއަކުން ބޭންކަށް ވަދެގެން އޭރު އެބޭންކުގެ ސީއީއޯއަކަށް ހުންނެވި އެންޑްރޫ ހީލީ އޭރުގެ ގަވަރުނަރު އަޒީމާއާ ބައްދަލު ކުރެއްވި ކަމަށް ނީޒާ ވިދާޅުވި އެވެ. އެ ބައްދަލުވުމުގެ މައުލޫމާތު ގަވަރުނަރު، ނީޒާއާ ހިއްސާކުރެއްވިކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، އެސްއޯއެފްއަށް ފައިސާތަކެއް ދޫކުރީ ނީޒާގެ އިރުޝާދަށް ކަމަށް އެ ބައްދަލުވުމުގައި ހީލީ ދެންނެވި ކަމަށް އަޒީމާ އޭނާއަށް މައުލޫމާތު ދެއްވި ކަމަށެވެ. އެކަމަކު އެއީ، އަޝްރަފުގެ ހާޒިރުގައި ވެސް ބޭންކަށް ދިން އިންސްޓްރަކްޝަނަކާ މެދު ބޭންކްގެ ބޭފުޅުން އޮޅުވާލާ އެހެން ގޮތަކަށް ވާހަކަ ދައްކަނީ ކަމަށް ގަވަރުނަރަށް ދަންނަވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ޝަރީފަށް ގުޅާފައި ވާހަކަ ދެއްކެވި އިރު، އަޝްރަފްވެސް އެތާ އިންނެވިއޭ. އެހެން ވީމަ އެބަ ޖެހެއޭ މިކަން ސާފުކުރަން. އެވަގުތު އަޅުގަނޑު އެތާ ހުންނަވާ[އަޒީމާ އަރިހުގައި] ހުންނަވާ އަޝަރަފު އެތަނަށް ގެނެސް، އަޒީމާ ކުރިމަތިފުޅުމަތީގައި އިން، އަޝްރަފް ވިދާޅުވި އެދުވަހު އަޅުގަނޑު ފޯނު ކޮށްފައި [ޝަރީފަށް] ގުޅާފައި ބުނީ މިހެންނޭ،" ނީޒާ ވިދާޅުވި އެވެ. "ދެން އެދުވަހު އަޅުގަނޑު ދެންނެވި މިހާުރު މި ވާހަކަ ބަދަލުވެގެން މި ދަނީ އޭ. މި އެއްޗެހި ޖެހެއޭ ލިޔެކިޔުމުން ބަހައްޓަން. އަޝްރަފު އެދުވަހު އަޅުގަނޑަށާއި އަޒީމާއަށާ ލިޔުއްވާފައި އީމެއިލް ކުރައްވާފައިވެސް އެބަ އޮތް. މިކަމުގައި ބެހޭ ހުރިހާ ތަފްސީލެއް ތަހުގީގު ކުރެއްވިއިރު، އޭސީސީއަށް އަޅުގަނޑު އެރުވިން،"

ބީއެމްއެލްގެ ފަރާތުން އެ ބޭންކުގެ އިސް އޮފިޝަލުން މީގެ ކުރިން މަޖިލީހަށް ވަޑައިގެން މާލިއްޔަތު ކޮމިޓީގައި ވިދާޅުވީ، އެސްއޯއެފްގެ އެކައުންޓްގެ މުއާމާލާތްތައް ނުހުއްޓުވާ ކުރިއަށް ގެންދިޔައީ ނީޒާ އާއި އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރުގެ އިރުޝާދުގެ ދަށުން ކަމަށެވެ.

ވާހަކަ އިތުރަށް ކުރިއަށް ގެންދަވަމުން ނީޒާ މިއަދު ވިދާޅުވީ، ޓްރާންސެކްޝަނެއް ހެދުމަށް ފަހު އެ ހުއްޓުވުމުގެ ބާރު ގާނޫނީ ގޮތުން އެފްއައިޔޫއަށް ނޯންނަ ކަމަށެވެ. އަދި ގާނޫނުގައި ބުނަނީ، 72 ގަޑި އިރަށް ޓްރާންސެކްޝަން ހެދުމުގެ ކުރިން ހުއްޓުވިދާނެ ކަމަށް ނީޒާ ވިދާޅުވި އެވެ. އެކަމަކު ބޭންކުން އެސްޓީއާރު ފައިލް ކުރީ އެސްއީއެފްއަށް ފައިސާ ޖަމާކުރި ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކައުންޓް އެކްޓިވޭޓް ކުރުމަށް [ނިޒާ އެންގެވިކަމަށް ބީއެމްލް އިން ވިދާޅުވި]. ދުވަހަކުވެސް އެކައުންޓެއް އެކްޓިވޭޓްކޮށް ރީއެކްޓިވޭޓް ކުރުމަށް އެމްއެމްއޭއިން ބޭންކަށް ގުޅުއްވައިފައި ނެތް. އަޅުގަނޑު ދުވަހަކުވެސް ބޭންކެއްގެ އެކައުންޓެއް އެކްޓިވޭޓް ކޮށް ރީއެކްޓިވޭޓް ކުރުމުގެ ހުއްދައެއް ދީފައި ނޯންނާނެ. ބޭންކެއްގެ އެކައުންޓް ފްރީޒްކޮށް އަންފްރީޒް ކުރެވޭނީ ކޯޓު އަމުރަކާއެކު. އެމްއެމްއޭ އަށް އޮތް ބާރެއްވެސް ނޫން އެކްޓިވޭޓް ކޮށް ރީ އެކްޓިވޭޓް ކުރުމަކީ،" ނީޒާ ވިދާޅުވި އެވެ.

comment ކޮމެންޓް