އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އަނެއްކާ ވެސް ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެއްޖެ

އިސްލާމް އާބާދު (އޮގަސްޓް 7) : ކަޝްމީރުގެ އިންޑިއާ ފަޅި ކަމަށްވާ ޖަންމޫ ކަޝްމީރަށް ދީފައިވާ ޚާއްސަ އިމްތިޔާޒުތައް އުވާލުމަށް އިންޑިއާ ނިންމި ނިންމުމަކީ ކަޝްމީރުގެ މައްސަލާގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު އަނެއްކާ ވެސް ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމެއްކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

ކަޝްމީރާ މެދު އިންޑިއާ އަމަލުކުރާގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޕާކިސްތާނުގެ ޕާލަމެންޓްގެ މަތިގެ ކަމަށްވާ ސެނެޓާއި ތިރިގެ ކަމަށްވާ ނެޝަނަލް އެސެމްބްލީ އިން ބޭއްވި ގުޅިފައިވާ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިމްރާންޚާން ވިދާޅުވީ ޖަންމޫ ކަޝްމީރަށް ދީފައިވާ ޚާއްސަ އިމްތިޔާޒުތައް އުވާލައި އެސަރަހައްދުގެ އާބާދީގެ ހާލަތު ބަދަލުވާގޮތަށް އަމަލުކުރަން އިންޑިއާ ނިންމި ނިންމުމަކީ ނުރައްކާތެރި ނިންމުމެއް ކަމަށާއި އެއީ އެކަމާ އަޅާނުލައި ޕާކިސްތާނުން އޮންނާނެ ކަމެއްނޫން ކަމުގަ އެވެ.

އިމްރާންޚާން ވިދާޅުވީ އިންޑިއާގެ ނިންމުމަކީ ކަޝްމީރުގެ މައްސަލާގައި އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ އަދި ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނާ އެކު އިންޑިއާ ވެފައިވާ އެއްބަސްވުންތަކާ ވެސް މުޅިން ޚިލާފު ނިންމުމެއް ކަމުގަ އެވެ. ޖަންމޫ ކަޝްމީރަށް ދީފައިވާ ޚާއްސަ އިމްތިޔާޒުތައް އުވާލުމަށް އިންޑިއާ ނިންމި މައްސަލަ ޕާކިސްތާނުން ފުރަތަމަ ހުށަހަޅާނީ އދ.ގެ ސަލާމަތީ މަޖިލީހަށް ކަމަށާއި އެ މަޖިލީހުން އެކަމަށް ހައްލެއް ނުލިބިއްޖެ ނަމަ ދަ ހޭގްގައި ހުންނަ ބައިނަލްއަގްވާމީ އިންސާފުގެ ކޯޓަށް ވެސް އެ މައްސަލަ ހުށަހަޅާނެ ކަމަށް އިމްރާން ޚާން ވިދާޅުވި އެވެ.

އިންޑިއާގެ ރައީސް ރާމްނާތު ކޯވިންދު މިދިޔަ ހޯމަ ދުވަހު ނެރުއްވި ރިޔާސީ ޑިކްރީ އެއްގައި ވަނީ ޖަންމޫ ކަޝްމީރަށް ޚާއްސަ އިމްތިޔާޒްތަކާއި ލާމަރުކަޒީ ޚާއްސަ ބާރުތައް ދިނުމަށް އިންޑިއާގެ ގާނޫނު އަސާސީގައި ޚާއްސަކޮށްފައިޥާ 370 ވަނަ މާއްދާ އުވާލިކަން އިއްލާން ކުރައްވާފަ އެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މައްދާގެ ދަށުން ޖަންމޫ ކަޝްމީރަށް ދީފައިޥާ އިމްތިޔާޒުތަކުގެ ތެރޭގައި އިންޑިއާގެ އެހެން ސްޓޭޓްތަކުގެ ރައްޔިތުންނަށް ކަޝްމީރުގެ ރަށްވެހިންނަށް ވުމުގެ ފުރްސަތު ނުލިބުމާއި ކަޝްމީރުގެ ރައްޔިތުން ނޫންބައަކަށް އެސްޓޭޓުން ބިން މިލްކުނުވުމާއި ކަޝްމީރުގެ ލޯކަލް ސަރުކާރުގެ ވަޒީފާއަށް އެދުމުގެ ފުރްސަތާއި ކަޝްމީރުން ސްކޯލާޝިޕް ލިބުން ފަދަ ކަންކަމުގެ ފުރްސަތު އިންޑިއާގެ އެހެން ސްޓޭޓްތަކުގެ ރައްޔިތުންނަށް ނެތުން ހިމެނެ އެވެ.

މީގެއިތުރުން އިންޑިއާގެ ގާނޫނު އަސާސީގެ 35 އޭ މާއްދާގެ ދަށުން ޖަންމޫ ކަޝްމީރަށް ވަނީ އެސަރަހައްދަށް ޚާއްސަކޮށް ވަކި ގާނޫނު އަސާސީ އަކާއި ވަކި ދިދައަކާއި ވަކި ގައުމީ ސަލާމެއް ވެސް އޮތުމުގެ ހުއްދަ ވެސް ދީފަ އެވެ. ނަވާރަސަތޭކަ ސާޅީސް ހަތް ވަނަ އަހަރު އިނގިރޭސިވިލާތުން އިންޑިއަށާއި ޕާކިސްތާނަށް މިނިވަންކަން ދިން އިރު ކަޝްމީރުވަނީ އިންޑިއާގެ ބައެއްގެ ގޮތުގައި ވެސް އަދި ޕާކިސްތާން ބައެއްގެ ގޮތުގައި ވެސް ހަމަނުޖައްސައި ޚާއްސަ ސަރަހައްދެއްގެ ގޮތުގައި ބާއްވައިފަ އެވެ.

އިންޑިއާއާއި ޕާކިސްތާނަށް މިނިވަންކަން ދިން ފަހުން ކަޝްމީރުގެ މައްސަލަ ޖެހި ހަނގުރާމަ ހިނގުމާ އެކު ކަޝްމީރުގެ އެއްފަޅި ކަމަށްވާ ޖަންމޫ ކަޝްމީރު އިންޑިއާ އާ ގުޅެން އެއްބަސްވީ އެސަރަހައްދަށް މިދެންނެވި ޚާއްސަ އިމްތިޔާޒްތަކެއް ދޭން އިންޑިޔާ ސަރުކާރުން އެއްބަސްވުމުންނެވެ.

މި އިމްތިޔާޒްތަކުގެ ތެރޭގައި އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގައި ޖަންމޫ ކަޝްމީރަށް ދޭ އިމްތިޔާޒްތަކުގެ އިތުރުން އިންޑިއާގެ ގާނޫނު އަސާސީގެ 35 އޭ މާއްދާގައި ބުނާ ވަކި ގާނޫނު އަސާސީ އަކާއި ވަކި ދިދައަކާއި ވަކި ގައުމީ ސަލާމެއް ވެސް ޖަންމޫ ކަޝްމީރަށް އޮތުމުގެ އިމްތިޔާޒް ވެސް ހިމެނެ އެވެ. ވީމާ، ވަކި ދައުލަތެއްގެ ގޮތުން ޖަންމޫ ކަޝްމީރަށް ނުލިބޭ ހަމައެކަނި އިމްތިޔާޒަކީ ބޭރުގައުމުތަކާ ގުޅުންތައް ގާއިމް ކުރުމާއި އަމިއްލަ ސިފައިންގެ ލަޝްކަރެއް އޮތުމާ ވަކި ކޮމިއުނިކޭޝަން ސިސްޓަމެއް އޮތުމުގެ އިމްތިޔާޒް އެކަންޏެވެ.

އިންޑިއާގެ ރައީސް ރާމްނާތު ކޯވިންދު މިދިޔަ ހޯމަ ދުވަހު ނެރުއްވި ރިޔާސީ ޑިކްރީގައި ވަނީ ޖަންމޫ ކަޝްމީރާއެކުވެފައިވާ އެއްބަސްވުމުގައިވާ މި ހުރިހާ އިމްތިޔާޒްތަކެއް އުވާލައްވާފަ އެވެ. މިމައްސަލާގައި ޖަންމޫ ކަޝްމީރުގެ ސިޔާސީ ލީޑަރުންނާއި އެސަރަހައްދުގެ ރައްޔިތުން ދެކޭ ގޮތް ވަނީ ނޭންގުމެއްގެ ތެރޭގަ އެވެ. ސަބަބަކީ އިންޑިއާއިން ޖަންމޫ ކަޝްމީރު ބަންދުކޮށް އެކަހެރިކުރުމަށް ފަހު އެސަރަހައްދުގެ މުވާސަލާތީ ހުރިހާ ގުޅުންތައް ކަނޑާލާފައިވުމާއި ސިޔާސީ ލީޑަރުން ގޭބަންދުކޮށްފައި ވުމުގެ ސަބަބުންނެވެ.

ޕާކިސްތާން މިމައްސަލާގައި ވަރަށް ބޮޑަށް ރުޅި އައިސްފައިވާ އިރު ޕާކިސްތާނުގައި ދަނީ ކަޝްމީރުގެ މައްސަލާގައި އިންޑިއާއާ ހަނގުރާމަ ކުރަންޖެހިދާނެ ކަމަށް ނިންމައި އެކަމަށް ސަރުކާރާއި ރައްޔިތުން ތައްޔާރުވަމުން ކަމަށް ޚަބަރުތައް ބުނެ އެވެ. ކަޝްމީރުގެ މައްސަލާގައި އިންޑީއާ އާއި ޕާކިސްތާން ވަނީ 1974 ގައާއި 1965ގައި ހަނގުރާމަކޮށްފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް