ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓް 2019: ފައިނަލުގައި ޓީމް އެޗްކިއު އަދި މާފުށީ ޖަލުގެ ކުރިމަތިލުމެއް

ޕީއާރުސީ ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލު މެޗުގެ ތެރެއިން: އެ މެޗު 0-6 އިން ކާމިޔާބު ކުރީ މާފުށި ޕްރިސަންް --- ފޮޓޯ// ކަރެކްޝަން ސާވިސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން ކުލަބުން އިސްނަގައިގެން އެ އިދާރާއިގެ ސެކްޝަން ތަކުގެ މެދުގައި ބާއްވާ ޕީއާރުސީ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި އެމަޖެންސީ ސާވިސް (އީއެސްޖީ) ބޮޑު ތަފާތަކުން ބަލިކޮށް މާފުށީ ޖަލުން ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފި އެވެ.

މިއަދު މާފަންނު ޓާފުގައި ކުޅުނު އެ މެޗުން އީއެސްޖީ ބަލިކޮށް މާފުށީ ޖަލުން ފައިނަލުގެ ޖާގައެއް ހޯދީ 0-6 ގެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. މާފުށީ ޖަލަކީ މި މުބާރާތް މިދިޔަ އަހަރު އައްސޭރި ޖަލުގައި ބޭއްވި އިރު ކާމިޔާބު ކުރި ޓީމެވެ.

ލީގު އުސޫލުން ހުރިހާ ޓީމެއް ހުރިހާ ޓީމަކާ ވާދަ ކުރާ ގޮތަށް ކަރެކްޝަންގެ ފަސް ޓީމެއްގެ މެދުގައި މި ދިޔަ މަހުގެ 26 ވަނަ ދުވަހު ފެށި މި މުބާރާތުގެ ލީގު މެޗުތައް މިހާރު ވަނީ ނިމިފަ އެވެ. އަދި އެއަށްފަހު މިހާރު ކުރިއަށް ދަނީ ލީގުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލާއި ފައިނަލުގެ މެޗެވެ.

މިފަހަރުގެ މި މުބާރާތުގައި ބައިވެރިވެފައި ވަނީ މާލެ ޕްރިޒަނާއި އެމަޖެންސީ ސަޕޯޓާއި އައްސޭރި ޕްރިސަން (ހިންމަފުށީ ޖަލު) އަދި ޓީމް ހެޑް ކުއާޓާ (އެހްކިއު) ގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން މާފުށީ ޕްރިސަން އެވެ.

މިއަދު ހެނދުނު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޑިފެންޑިން ޗެމްޕިއަން މާފުށީ ޖަލުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މެޗުގައި އެ ޓީމުގެ މުހައްމަދު އައިމަންއާއި ޖައިލަމް ޖަމީލު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފަ އެވެ. އަދި ހުސައިން ޝިނާނުނާއި އަބްދުﷲ ޝާކިރު ވެސް ވަނީ ގޯލެއް ޖަހައި ސްކޯ ޝީޓުން ޖާގައެއް ހޯދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ މެޗުގައި ދެ ގޯލު ޖަހި އައިމަން އެވެ.

މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އިއްޔެ ކުޅުނު މެޗުން މޮޅުވެ ކަށަވަރު ކުރީ ޓީމް ހެޑްކުއާޓާސް އެވެ. އެ ޓީމުން ސެމީ ފައިނަލުގެ މެޗުގައި މާލޭ ޕްރިސަން ކޮޅަށް ވަނީ ފަސް ގޯލު ޖަހައިފަ އެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ފަރާތުން އިންތިޒާމުކުރާ މި މުބާރާތުގެ މަގުސަދަކީ އެ އިދާރައިގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމެވެ.

މި މުބާރާތުގެ ފައިނަލު އޮންނާނީ މި މަހުގެ ނުވައެއް ވާ ހުކުރު ދުވަހު އެފްއޭއެމް ޓާފުގަ އެވެ.

comment ކޮމެންޓް