ކަޝްމީރުގެ މައްސަލަައިގައި ރާއްޖެއިން އިންޑިއާ ދިފާއުކޮށްފި

ކަޝްމީރުގައި އިންޑިއާގެ ސިފައިންގެ މީހަކު ފޯރިމަރަނީ --

ކަޝްމީރުގެ އިންޑިއާ ފަޅި ކަމަށްވާ ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމަށް އިންޑިއާއިން ނިންމި ނިންމުމަށް ރާއްޖެއިން ތާއިދުކޮށް ރާއްޖެއިން އިންޑިއާ ދިފާއުކޮށްފި އެވެ.

ކަޝްމީރާއި އިންޑިއާގެ އެހެން ސްޓޭޓުތަކާ ދެމެދުގައި އޮންނަ ތަފާތުތަކަށް ބާރު ލިބޭ، ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލިކަން އިއުލާންކޮށް، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.

އެއާއެކު ޖައްމޫ އެންޑް ކަޝްމީރުގެ ނަމުގައި މިހާރު އޮތް ސްޓޭޓު އުވާލައި، އެ ސްޓޭޓު ދެ ޔޫނިއަން ޓެރިޓަރީއަށް ބައިކުރުމުގެ ގަރާރެއް ގާނޫނު ހަދާ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. އެއީ "ޖައްމޫ އެންޑް ކަޝްމީރު"ގެ އިތުރުން "ލަޑާކް"އެވެ.

އެ މައްސަލައިގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ކުރު ބަޔާނުގައި ބުނީ އިންޑިއާގެ ނިންމުމަކީ އެގައުމުގެ ދާހިލީ މައްސަލައެއް ކަމަށް ރާއްޖެއިން ދެކޭ ކަމަށެވެ. އަދި އިންޑިއާއަކީ އަމިއްލަ މިނިވަން މުސްތަގިއްލު ގައުމެއް ކަަމަށާއި އަދި ގާނޫނު އަސާސީއަށް ބަދަލުތައް ގެނެސް، އިސްލާހުކުރުމުގެ ބާރު އިންޑިއާއަށް ލިބިފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން ރާއްޖޭގެ ސަރުކާރުން ކަޝްމީރުގެ މައްސަލައިގައި ވަކި ކޮޅަކަށް ތާއިދުކޮށް ވާހަކަ ދައްކައިފައެއް ނުވެެ އެވެ.

އިންޑިއާއާ ޕާކިސްތާނުންވެސް ކަޝްމީރަކީ އެގައުމުގެ ބައެއް ކަމަށް ބުނެ އެވެ. ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް އދ. އިންވެސް އެ ސަރަހައްދުގައި ފެންނަ ނުފެންނަ ވޯޓެއް ނުގުމަށް ގޮވާލައިފައިވެ އެވެ. ނަމަވެސް މިހާތަނަށް އެގޮތަށް އަމަލުކޮށްފައެއް ނުވެއެވެ. ކަޝްމީރުގައި އިންޑިއާގެ ސިފައިން ލާއިންސާނީ އަމަލުތައް ހިންގާ ކަމުގެ ތުހުމަތު އަބަދުވެސް އޮވެ އެވެ.

ކަޝްމީރުގެ މުސްލިމު ލީޑަރުން ދެކެވަޑައިގަންނަވާ ގޮތުގައި އިމްތިޔާޒުތައް އުވާލައި، މައި ސަރުކާރުގެ ސީދާ ބާރު ހިނގާ ޔޫނިއަން ޓެރިޓަރީއަކަށް ޖައްމޫ އެންޑް ކަޝްމީރު ބަދަލުކުރުމުގެ ބޭނުމަކީ އެގައުމުގެ މުސްލިމު އަގުލަބިއްޔަތު ނަގާލުމެވެ. ކަޝްމީރަކީ އިންޑިއާގެ ހަމައެކަނި މުސްލިމު އަގުލަބިއްޔަތު އޮންނަ ސްޓޭޓެވެ.

comment ކޮމެންޓް