ކަޅުވަކަރު މިސްކިތް ބަހައްޓަން 2.9 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް އަމޭން ކުންފުންޏާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ހެރިޓޭޖްް މިނިސްޓްރީން އަމޭން މޯލްޑިވިސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފި އެވެ.

ހެރިޓޭޖް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ހެރިޓޭޖް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް އެވެ. އަދި އަމޭންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް މުއްތަލިބެވެ.

ސަތޭކަ ވިހި ދުވަހުން ނިންމާ ގޮތަށް އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 2.97 މިލިއަން ރުފިޔާ އަށެވެ.

މަޝްރޫޢުގެ ދަށުން އެކުންފުނިން ކުރަންޖެހެނީ މިސްކިތް ބެހެއްޓުމަށް ކުރަން ޖެހޭ ސިވިލް މަސައްކަތްތަކެވެ. އޭގެ ތެރޭގައި

  • މިސްކިތާއި ހަރިންމަ ފާރު އަދި ވަޅުގެ ފައުންޑޭޝަން އެޅުން
  • މިސްކިތް ބަހައްޓާ ސަރަޙައްދުގެ ވަށާ ފާރު ރޭނުން
  • މިސްކިތް ބަހައްޓާ ސަރަޙައްދުގެ ލޭންޑްސްކޭޕިންގްގެ މަސައްކަތްތައް ކުރުން
  • އަދި ލޭންޑްސްކޭޕް ޕްލޭންގައި ވާގޮތަށް ކޮންކްރީޓް ޕޭވްމަންޓް އެޅުމާއި އައުޓްޑޯ އެގްޒިބިޝަން އޭރިއާ ތައްޔާރުކުރުން
  • ކަރަންޓު ވައިރު ކުރުމާއި ލޭންޑްސްކޭޕާއި މިސްކިތުގެ ބޮކި ހަރުކުރުން އަދި ޕްލަމްބިންގް މަސައްކަތްތަކާއި އަލިފާންނިއްވާ އާލާތްތައް ހަރުކުރުމުގެ އިތުރުން ކުލަ އާއި ދޮންވެލިލުން

ކުރީގެ ސަރުކާރުން ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް ހޯދައި އަލުން ރާވައި ބެހެއްޓުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ނިންމާފައިވާ ވައުދެކެވެ. މި ސަރުކާރަށް ކަޅުވަކަރު މިސްކިތް ފެނުނީ އޭގެ ބައިތައް ހަލާކުނުވާނޭ ގޮތަށް ރައްކާތެރިކަމާ އެކު ގައުމީ ދާރުލްއާސާރުތެރޭގައި ބަހައްޓާފައި ހުއްޓަ އެވެ.

ކުރީގެ ސަރުކާރުން ކަޅުވަކަރު މިސްކިތް ނަގައި އެތަނުގައި ވިންޓާ ތީމް ޕާކްއެއް ހެދުމުން އާންމުންގެ ވަރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ. އަދި ފަހުން އެ މިސްކިތް ދިރާގު އޮފީސް ހުރި ތަނުގައި ބެހެއްޓުމަށް ނިންމުމުން ގިނަ އިލްމުވެރިންގެ ފާޑުކިޔުން ވެސް އެކަމަށް އަމާޒުވި އެވެ. އިލްމުވެރިން ވިދާޅުވީ މިސްކިތެއްގެ ކުރިމަތީގައި މިސްކިތެއް ބެހެއްޓުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ ކަޅުވަކަރު މިސްކިތް ކުރީގެ ދިރާގު އޮފީސް ހުރިތަނުގައި ބެހެއްޓި ނަމަވެސް އެ މިސްކިތުގައި ބަންގި ގޮވައި ނަހަދާނެ ކަމަށާއި ނަމަވެސް އެ ތަނުގައި ބޭނުން ކޮންމެ މީހަކަށް ނަމާދު ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް