ސުޝްމާ އަވަހާރަވުމާ އެކު ރާއްޖޭގެ ތައުޒިޔާ

ސުޝްމާ ސުވަރާޖު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސޯލިހު އަރިހު-- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ސަރުކާރަށް ތައުޒިޔާ ފޮނުއްވައިފި އެވެ.

ސުޝްމަ އަވަހާރަވި ހަބަރާ އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޝްމާ އަކީ ގައުމީ ހިދުމަތްތެރިއެއް ކަމަށާއި ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށެވެ.

"އިންޑިއާ އަށް ގެއްލިގެންދިޔައީ އަގުހުރި ދަރިއެއް،" ރައީސްގެ ޓްވީޓުގައި ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސުޝްމާ އަކީ ގާތް އެކުވެރިއެއް ކަމަށާއި އިންޑިއާ އަށް ގެއްލިގެންދިޔައީ ހިތްހެޔޮ ހިދުމަތްތެރި ދަރިއެއް ކަމަށެވެ. އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމުގައި ސުޝްމާ އަދާކުރެއްވި ރޯލު ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވަނީ އިންޑިއާގެ ވެރިންނަށާއި ސުޝްމާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފަ އެވެ.

ފޮރިން މިނިސްޓްރީ އިން ވަނީ ރާއްޖޭގެ ރައްޔިތުންގެ ނަމުގައި އިންޑިއާގެ ވެރިންނަށް ތައުޒިޔާ ފޮނުވައިފަ އެވެ.

ސުޝްމާ ސުވަރާޖު އަވަހާރަވީ އުމުރުން 67 އަހަރުގައި އިންޑިއާގެ ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އެއިމްސް)ގައި ފަރުވާ ހޯއްދަވަނިކޮށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އެގައުމުގެ ޚާރިޖީ ވަޒީރުކަން ކުރައްވައި، އިންޑިއާ އާއި މުޅި ދުނިޔޭގެ ލޯބި ހޯއްދެވި ސުޝްމާ ފާހަގަވެގެން ދިޔައީ ހިތްހެޔޮ، އަދި އިންޑިއާގެ ރައްޔިތުންނަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ދިމާވާ ކޮންސިއުލާ މައްސަލަތަކަށް އެހީތެރިވެދިނުމަށް ހުށިޔާރުކަމާ އެކު މަސައްކަތްކުރެއްވި ފަރާތެއްގެ ގޮތުގަ އެވެ.

އެގޮތުން ޓްވިޓާ މެދުވެރިކޮށް ކޮންމެ މީހަކުވެސް ކޮންސިއުލާ އެހީއަށް އެދިއްޖެ ނަމަ، ކަން ކުރަންވީ ގޮތުގެ އިރުޝާދު ނުވަތަ އެކަމެއްގައި އެޅުއްވި ފިޔަވަޅު ސީދާ ސުޝްމާ ހާމަކުރައްވައިފަ އެވެ.

މި އަހަރު އިންޑިއާގައި ކުރިއަށް ދިޔަ ލޮކް ސަބާ އިންތިހާބުގައި، ސިއްހީ ހާލު ތަން ނުދޭތީ ސުޝްމާ ކުރިމަތިނުލައްވައިފަ އެވެ. އެހެން ނަމަވެސް މީގެ ކުރިން ގާނޫނު ހަދާ މަޖިލހަށް ހަތް ފަހަރު އިންތިހާބުވި އެވެ.

https://sun.mv/122777

comment ކޮމެންޓް