އޭސީސީ އިން ވިލިނގިލި ކައުންސިލަރުންގެ މައްސަލައެއް އެލްޖީއޭ އަށް ހުށަހަޅައިފި

އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެންގުމާ ހިލާފަށް، ގއ.ވިލިނގިލި ކައުންސިލުން ޒަލްދާން އޮއިލް ސަޕްލައިސް އަށް އިތުރު 10 އަހަރަށް ބިމެއް ކުއްޔަށް ދިނުމަށް ނިންމުމުން، އެންގުމާ ހިލާފުވި ކައުންސިލަރުންނާ ދެމެދު ފިޔަވަޅު އަޅައިދިނުމަށް އެދި އޭސީސީގެ ފަރާތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވައިފި އެވެ.

އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޒަލްދާން އޮއިލް ސަޕްލައިސްއިން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާތީ، އެކަން ބަލައި އެކުންފުންޏާ ދޭތެރޭ ފިޔަވަޅު އެޅުމަށް ފުލުހަށް މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ.

ޒަލްދާން އޮއިލް އާދެކޮޅަށް އޭސީސީ އަށް މައްސަލަ ހުށަހަޅައިފައި ވަނީ އެ ކުންފުނިން ގާނޫނާ ހިލާފަށް މީހުން ދިރިއުޅޭ ސަރަހައްދުގައި ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށާއި، އެބިމުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ކައުންސިލްގެ އިދާރާއަށް ދައްކާފައި ނުވާ ކަމަށާއި އެ ކުންފުންޏަކީ ވިލިނގިލި ކައުންސިލްގެ ބައެއް ކައުންސިލަރުންނާއި އާއިލީ ގޮތުންނާއި ސިޔާސީ ގޮތުން ގުޅުން އޮތް ފަރާތެއް ކަމަށާއި އެބިމާ ގުޅިގެން ބައެއް ކައުންސިލަރުން ރިޝްވަތުގެ ގޮތުގައި އެކުންފުނިން ފައިސާ ނަގާފައިވާ ކަމަށާއި އަދި އެ ކައުންސިލަރުންގެ އަމިއްލަ މަސްލަހަތާއި ފައިދާއަށް، އިއުލާން ކުރުމެއް ނެތި އެބިމުގެ މުއްދަތު އިތުރުކުރަން ރާވަމުންދާ ކަމަށް ބުނެ އެވެ.

އެ ބިން ޒަލްދާން އޮއިލް އަށް 18 އަހަރަށް ކުއްޔަށް ދީފައި ވަނީ އަށެއް މެއި 2002 ގަ އެވެ. ދެހާސް ސަތާރަ ވަނަ އަހަރުގެ ހަތް ވަނަ ދުވަހު އެ މުއްދަތު ހަމަވުމުން އެ ބިން ޒަލްދާން އޮއިލްގެ އަތުން އަތުލައި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަން 24 މެއި 2017ގައި ވިލިނގިލި ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ކައުންސިލްގެ ނިންމުމާ ގުޅިގެން ޒަލްދާން އޮއިލް އިން ވަނީ ވިލިނގިލީ ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ފަހުން އެ ކުންފުނިން މައްސަލަ އަނބުރާ ނެގުމުން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ އެވެ. އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އޭސީސީ އިން އެ މައްސަލަ ބެލުމުން އެ ބިން ޒަލްދާން އޮއިލް އިން ބޭނުންކުރަމުންދަނީ ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށާއި، ޒަލްދާން އޮއިލް އަކީ ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ގަވާއިދުގައި ބަޔާންކުރާ ގޮތަށް ތެލުގެ ވިޔަފާރި ކުރުމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ހުއްދަ ދީފައިވާ ފަރާތެއް ނޫންކަން ވަނީ ފާހަގަވެފަ އެވެ.

އޭގެ އިތުރުން އެ ބިމަކީ ވެސް ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ގަވާއިދުގެ ދަށުން ތެލުގެ ވިޔަފާރި ކުރުމަށް ހުއްދަދެވިދާނެ އަދި ތެލުގެ ވިޔަފާރި ކުރެވިދާނެ ބިމެއް ނޫންކަން ވެސް އޭސީސީއިން ވަނީ ފާހަގަ ކޮށްފަ އެވެ.

އަދި އެ ބިމުގެ ކުލީގެ ގޮތުގައި ޒަލްދާން އޮއިލް އިން ވިލިނގިލި ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވާކަމަށެވެ.

އެހެންކަމުން އެ ބިން ޒަލްދާން އޮއިލްގެ އަތުން އަތުލައި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދިއުމަށާއި، ބިމުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެ ކުންފުނީގެ އަތުން ހޯދުމަށް ތަކުރާރުކޮށް ކައުންސިލަށް އަންގާފައިވާނެ ކަމަށް އޭސީސީ އިން ބުނެ އެވެ.

ނަމަވެސް އެ ކޮމިޝަނުގެ އެންގުމާ ހިލާފަށް އެ ބިން އިތުރު 10 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ވިލިނގިލި ކައުންސިލުން ވަނީ ނިންމައިފަ އެވެ.

އޭސީސީގެ އެންގުމަކާ ހިލާފުވުމަކީ ކުށަކަށްވާ އިރު އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ކޮމިޝަނުން ވަނީ ބަލައިފަ އެވެ. އަދި އެކަމުގައި ޝާމިލުވާ ކައުންސިލަރުންނާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަން ވިލިނގިލި ކައުންސިލަށް ވެސް ތަކުރާރުކޮށް އަންގާފައި ވާނެ ކަމަށް އޭސީސީ އިން ބުންޏެވެ.

އެއަށް ފަހު އެ މައްސަލާގައި ޝާމިލުވާ ކައުންސިލަރުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެލްޖީއޭ އަށް އަދި ޒަލްދާން އޮއިލް ސަޕްލައިސްގެ މައްސަލަ ބަލަން ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.

comment ކޮމެންޓް