އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ދިނުން އަންނަ އަހަރަށް ފަސްކޮށްފި

ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލުކުރެވުމުގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

އުފަންވާ ކޮންމެ ކުއްޖަކަށް މި ސަރުކާރުން ދޭން ބުނި "ތަންމަތި ފޮށި" ދިނުން ފެށޭ އަހަރު ދޭ ގޮތަށް ފަސްކޮށްފި އެވެ.

އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދިނުމަކީ މި ސަރުކާރުގެ 90 ދުވަސްތެރޭގައި ފުއްދުމަށް ސަރުކާރުން ވެފައިވާ ވައުދެކެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮއްޓަކާ އެކު، އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ގާތުން ދިނުމާ ބެހޭ މުހިންމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ "ބޭބީ ބޮކްސް" ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުގެ ވައުދުގައި ވަނީ ބުނެފަ އެވެ.

ނަމަވެސް އަދި މިހާތަނަށް އައި އިރު ވެސް އެވައުދު ފުއްދާފައެއް ނުވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އުފަންވާ ކޮންމެ ކުއްޖަކަށް ބޭބީ ބޮކްސް ދިނުމަށް ފެށޭ އަހަރުގެ ބަޖެޓުގައި ޖަހަން ނިންމާފައިވާ ކަމަށެވެ. އެއީ 90 ދުވަހުގެ ތެރޭގައި ފުއްދުމަށް ސަރުކާރުންވީ ވައުދެއް ނޫންތޯ ސުވާލު ކުރުމުން ހޫދު ވިދާޅުވީ "ފެށޭ އަހަރަށް ފަސްކޮށްލީ" ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރައްވައި އިއްވި ރިޔާސީ ބަޔާނުގައި ވެސް އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދޭ ވާހަކަ ފާހަގަކުރެއްވި އެވެ. އެއީ ގައުމުގެ އިޖްތިމާއީ ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށް ރައީސް ސޯލިހު އެދުވަހު ވިދާޅުވި އެވެ.

https://sun.mv/111824

comment ކޮމެންޓް