މާފަރު އެއާޕޯޓު ސެޕްޓެމްބަރަށް، މާވާރުލު އެއާޕޯޓު އަހަރުގެ ނިޔަލަށް ނިމޭނެ

މާފަރު އެއާޕޯޓު -- ސަން ފޮޓޯ

މާފަރު އެއާޕޯޓަށް މިއަހަރުގެ ސެޕްޓެމްބަރު މަހު ދަތުރުތައް ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ މިދިޔަ އަހަރު މާފަރު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސި ނަމަވެސް ޝެޑިއުލް ދަތުރުތައް ނުފެށިވަނީ ނިންމަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން ކަމަށެވެ. ސަރުކާރު ބަދަލުވުމުން އެ މަސައްކަތްތައް މަޑުޖެހުނު ނަމަވެސް މިހާރު މަސައްކަތްތައް ބާރަށް ކުރިއަށްދާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ބައެއް ކަންތައް ނުނިމި ހުރީމާ މާފަރު އެއާޕޯޓު ހުޅުވުން ލަސްވެގެން ދިޔައީ. ނަމަވެސް މިހާރު މަސައްކަތް ދާގޮތުން މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް މާފަރު އެއާޕޯޓަށް ދަތުރުތައް ފެށޭނެ،"

މާފަރު އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ އެއާޕޯޓެކެވެ. މާފަރު އެއާޕޯޓު ތަރައްގީކޮށްފައިވަނީ އަބޫދާބީ ފަންޑުގެ އެހީގައެވެ. އެ އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

https://sun.mv/121802

އެ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ ރައީސް ޔާމީންގެ ސަރުކާރުގައި، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށެވެ.

މާވާރުލު އެއާޕޯޓު -- ފޮޓޯ: އެމްޓީސީސީ

ގދ މާވާރުލުގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތާ ގުޅޭގޮތުން ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ކުރެއްވި ސުވާލުގެ ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދަޅުވީ މިއަހަރުގެ ނިޔަލަށް ގދ މާވާރުލު އެއާޕޯޓުގެ މަސައްކަތް ނިންމާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިއަހަރު ނުނިމުނު ކަމުގައިވިޔަސް އަންނަ އަހަރުގެ ކުރީކޮޅަށް އެ އެއާޕޯޓުގެ މަސައްކަތް ނިންމައި، އިއްޒަތްތެރި މެންބަރުގެ ދާއިރާއަށް އޭގެ ފައިދާ ލިބެން ފަށާނެ ކަމުގައި ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.

މާވާރުލު އެއާޕޯޓުގެ މަސައްކަތްތައް ކުރިއަށްގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މީގެ ކުރިން މިނިސްޓަރު ވިދާޅުވީ މާވާރުލު ޑޮމެސްޓިކް އެއާޕޯޓަށް މިއަހަރު ދަތުރުތައް ފެށޭނެ ކަމަށެވެ.

comment ކޮމެންޓް