އަންހެން ދަރިފުޅު ކަމަށް ހެދިގެން ބްރެޒިލްގެ ޖަލުން ފިލަން އުޅުނު މީހާ މަރުވެއްޖެ

ކްލޯވިނޯ ޑި ސިލްވާ ޖަލުން ފިލަން މަސައްކަތް ކުރީ އޭނާގެ އަންހެން ދަރިފުޅު ކަމަށް ހެދިގެން -- ފޮޓޯ: ގެޓީ

ސައޮޕައޮލޯ (އޮގަސްޓު 7): މިދިޔަ ހޮނިހިރު ދުވަހު ބްރެޒިލްގެ ޖަލަކުން ފިލަން މަސައްކަތް ކުރުމުން މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު ގައިދީ މަރުވެއްޖެ އެވެ.

ބްރެޒިލްގެ ޕްރިޒަން އޮފިޝަލުން ވިދާޅުވި ގޮތުގައި 42 އަހަރުގެ ކްލޯވިނޯ ޑި ސިލްވާ މަރުވެފައި އޮއްވާ ފެނުނީ އިއްޔެގަ އެވެ. އަދި އޭނާ މަރުވި ކަމަށް ބެލެވެނީ އަމިއްލައަށެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި 73 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ސިލްވާ ޖަލުން ފިލަން މަސައްކަތް ކުރީ އޭނާގެ 19 އަހަރުގެ އަންހެން ދަރިފުޅުގެ މޫނާ އެއްގޮތް މާސްކަކާއި އައިނަކާއި ދިގު އިސްތަށިގަނޑެއް އަޅައިގެންނެވެ. އަދި އަންހެނެއް ގޮތަށް ހެދުން އަޅައިގެންނެވެ. އިންވެސްޓިގޭޓަރުން ވިދާޅުވާ ގޮތުގައި އޭނާއަށް މާސްކު ގެންގޮސްދިނީ އާއިލާގެ މެމްބަރެއް ކަމަށް ބެލެވެ އެވެ.

އެހާދިސާއަށް ފަހު ބްރެޒިލްގެ ޕްރިޒަން އޮފިޝަލުން ވަނީ ސިލްވާ އޭނާގެ މާސްކް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އަދި އެވީޑިއޯ އެތައް ހާސް މީހުން ވަނީ ބަލާފަ އެވެ.

އެހާދިސާ ހިނގީ ބްރެޒިލްގެ ޖަލުތަކުގައި ގައިދީންނާ މެދު އަމަލު ކުރާ ގޮތަށް ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. އެއީ މިދިޔަ ހަފްތާގައި ބްރެޒިލްގެ އުތުރުގައި ހުންނަ ޖަލެއްގައި ގޭންގުތަކުގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި 62 ގައިދީން މަރުވުމާ ގުޅިގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް