އަހާން ޝެޓީ ބޮލީވުޑަށް ނުކުންނަ ފިލްމުގެ ޝޫޓިން ފަށައިފި

ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ---

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ތަޅަޕް"ގެ ޝޫޓިން ފަށައިފި އެވެ.

އެ ފިލްމަކީ "އާރްއެކްސް 100" ގެ ރިމޭކެކެވެ. ރިޕޯޓްތައް ބުނާގޮތުގައި "ތަޅަޕް" ޑައިރެކްޓްކުރާނީ މަޝްހޫރު ޑައިރެކްޓަރު މިލަން ލުތުރިއާ އެވެ.

އަހާން ބޮލީވުޑަށް ނުކުންނަ ފިލްމުގެ އަންހެން ބަތަލާގެ ރޯލު ކުޅޭނީ "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ތާރާ ސުތާރިއާ އެވެ. މި ފިލްމުވެގެންދާނީ ތާރާ ފެނިގެންދާ ތިންވަނަ ފިލްމަށެވެ.

އަހާންގެ ފިލްމުގެ ޝޫޓިން ފެށްޓިއިރު ފިލްމު ރިލީޒްކުރާނެ ތާރީހެއް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް ފިލްމު އަންނަ އަހަރު ސިނަމާތަކަށް އަންނާނެކަމަށް ހަބަރުތައް ބުނެއެވެ.

ޕްރޮޑިއުސަރު ސާޖިދް ނަދިއަދްވާލާ ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އަހާން އާއި ތާރާގެ ޖޯޑު ވަރަށް ފުރިހަމަ ވާނެ ކަމަށާއި އެދެތަރިންގެ ކެމިސްޓްރީ ވަރަށް ވަރުގަދަ ވާނެކަމަށެވެ. މި ފިލްމުން ވަރުގަދަ އެކްޝަން މަންޒަރުތައް ފެންނާނެއެވެ.

އަހާން ޝެޓީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު އޭނާގެ ދައްތަ އާތިޔާ ޝެޓީ ދަނީ ފިލްމު 2015 ވަނަ އަހަރުން ފެށިގެން ފިލްމުތަކުން ފެންނަމުންނެވެ. އާތިޔާ ބޮލީވުޑަށް ތައާރަފްވީ ފިލްމު "ހީރޯ"އިންނެވެ.

ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އަހާން ޝެޓީ ވެގެން ދާނީ ފިލްމު އިންޑަސްޓްރީގެ އޭ ލިސްޓުގައި ހިމެނޭނެ ބަތަލަކަށެވެ.

comment ކޮމެންޓް