ބޮޑެތި ބަލިތަކުގެ ބޭހަށް އަދިވެސް ޖެހެނީ ސަލާން ޖަހަން: މެންބަރުން

ރައްޔިތުންގެ މަޖިލިސް: އާސްންދަ މެދުވެރިކޮށް ބޮޑެތި ބަލިތަކަށް ބޭސްކުރެވޭނެ ގޮތް ހަދަން ޖެހޭ ކަމަށް ބައެއް މެންބަރުން ވިދާޅުވި -- މަޖިލިސް

ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލުމަކީ ސަރުކާރުތަކުގެ ވައުދެއް ނަމަވެސް އަދިވެސް ބޮޑެތި ބަލިތަކަށް ބޭސް ކުރުމަށް ޖެހެނީ ސަލާން ޖަހަން ކަމަށް ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާގައި، ނޭޝަނަލް ޝޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރެއްވި ހުރިހާ މެންބަރުން ވެސް އާސަންދައިގެ ނިޒާމް އިތުރަށް ތަރައްގީ ކުރަން ޖެހޭ ކަން ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެނަށް އެބަފެނޭ ބައެއް އާއިލާތަކުން ކަޕް ކޭކް ވިއްކަން މާލޭގެ މަގުމަތީގައި ތިބޭ ތަން. ކޮންމެސް ބޮޑު ބައްޔެއް ވެގެން އާއިލާގެ ކުއްޖަކަށް އެހީއެއް ބޭނުންވެގެން. އެހެންވީމަ ބޭސްފަރުވާއަށް ސަލާން ޖެހުން އެ ވައުދު ފުރިހަމަ ކުރުމުގެ މަސައްކަތް އެއްކޮށް އަދިވެސް ފުރިހަމައެއް ނުވޭ،" ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވި އެވެ.

އެންސްޕާގެ ތެރެއިން ބޮޑެތި ބަލިތަކަށް ދައުލަތުގެ ފަރާތުން ހަރަދު ކުރެވޭނެ ގޮތެއް ހަދަން ޖެހޭ ކަން ޝަފީގް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އާސަންދައިގެ ދަށުން ފަރުވާ ކުރުމަށް އަތޮޅުތެރެއިން މާލެ އަންނަ ފަރާތްތަކުގެ ބޭހައް ހަރުދުވާ ފައިސާއަށް ވުރެން ބޮޑު ހޭދައެއް ހުރުމާއި ކެއުމަށް ދޭން ޖެހުމަކީ ދެރަކަމެއް ކަމަށެވެ. ގާނޫނަށް އިސްލާހު ގެނައިސްގެން އެ ތަކުލީފަށް ނިމުމެއް ގެންނަން ޖެހޭ ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ބޭނުންކުރާ ސާމާނު އަދިވެސް އާސަންދަ މެދުވެރިކޮށް އެންމެ ފުރިހަމަ ގޮތުގައި ނުލިބޭ ކަން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވަނީ ފާހަގަ ކުރައްވާފަ އެވެ.

"ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ހާއްސަކަންކަމެއް ބޭނުންވާކަން ވަރަށް ސާފު،" ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ސިއްހީ ފަރުވާ ހޯދުމަށް ހުރި ދަތިތަކާއި ގޮންޖެހުންތައް ހާމަކޮށް އެ ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ސެއާ ކޮށްފައިވާ ޕޯސްޓެއް ހިއްސާ ކުރުމަށްފަހު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވި އެވެ.

"ރަށުން އަތޮޅުން ނުލިބޭ ފަރުވާ ހޯދުމަށް މަޖުބޫރީ ހާލަތުގައި މާލެއަށް އަންނަން ޖެހޭ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން މިއަށްވުރެން ފުރިހަމައަށް ފޯރުކޮށްދެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދަން ޖެހޭ،" ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވި އެވެ.

comment ކޮމެންޓް