ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލަކަށް ނަހުލާ ހަމަޖައްސައިފި

ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމައް އައްޔަނު ކުރެއްވި ނަހްލާ ----

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ނަހުލާ އަލީ ހަމަޖައްސައިފި އެވެ.

ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ނަހުލާ އަލީ ހަމަޖެއްސިކަން އެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

ނަހްލާ އެ މަގާމަށް އައްޔަނު ކުރެއްވިއިރު އޭނާ މިހާރު ހުންނެވީ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓްޓުއާސް ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައެވެ.

ޖާބިރު ވިދާޅުވީ، ޑީއާރުޕީއަކީ އަބަދުވެސް ކަނބަލުންގެ ހައްގުތަކަށް ވަކާލާތު ކުރާނެ ޕާޓީއެއް ކަމަށާއި ހާއްސަ އިސްކަމެއް ދީގެން ކަނބަލުން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ޑީއާރުޕީގެ ކައުންސިލްގައި ވެސް ގިނަ އަދަދެއްގެ ކަނބަލުން ތިއްބަވާކަން ޖާބިރު ފާހަގަކުރެއްވި އެވެ.

ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވި ނަހްލާ ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމެއް ވެސް އަދާކުރައްވާފަ އެވެ.

ޕޮލިޓިކްސް އެންޑް އިކޮނޮމިކްސް ދާއިރާއިން މާސްޓާސް ހާސިލްކޮށްފައިވާ ނަހްލާ ވަނީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ގަމު ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް