ދުވާ ޓްރެކް ހަދަން އާސަންދައިން ހަރަދު ކުރިކަން މުއިއްޒަކަށް ނޭންގެ

ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު: އޭނާ ވިދާޅުވީ ޖޮގިން ޓްރެކް ހެދުމަށް ހަރަދުކުރި ވަރު ނޭންގޭ ކަމަށް --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިދިޔަ ސަރުކާރުން ރަސްފަންނުގައި ހެދި ޖޮގިން ޓްރެކަށް އާސްންދަ ކުންފުނިން ޚަރަދުކުރިކަން އެނގިވަޑައިގެންފައި ނުވާކަމަށް އެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އެހެން ވިދާޅުވެފައިމިވަނީ، ސުނާމީ ބިނާ މައިޒާނާއި ރަސްފަންނާ ދެމެދުގައި އަޅާފައިވާ ޖޮގިން ޓްރެކްގެ މަސައްކަތަށް ނިމިދިޔަ ސަރުކާރުގައި، އާސަންދައިގެ ބަޖެޓުން 9.5 މިލިއަން ރުފިޔާ ޚަރަދު ކުރި ކަމަށް އެ ކުންފުނިން ބުނެފައިވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް (އެސްއޯއީ) ކޮމެޓީގައި އާސަންދަ ކުންފުނީގެ އިސްވެރިން ދެއްކެވި ވާހަކައާ ގުޅިގެން މުއިއްޒު 'ސަން' އަށް ވިދާޅުވީ، އޭނާ މިނިސްޓަރުކަމުގައި ހުރި އިރު އާސަންދަ ކުންފުނިން ޖޮގިން ޓްރެކް ހެދުމަށް ހަރަދު ކުރިކަން އެނގިފައި ނުވާ ކަމަށެވެ.

"އަޅުގަނޑަށް އެނގިފައި އޮތީ ސަރުކާރުން އެންސްޕާއަށް އަންގާފައި އޮތީ ތިން މިލިއަނަށްވުރެން ބޮޑުނުވާނެ މިންވަރަކަށް ހޭދަކޮށްގެން އެބޭފުޅުންގެ އަމިއްލަ ބެލުމުގެ ދަށުން ބަޔަކު ހޯދައިގެން ޖޮގިން ޓްރެކެއް ހަދައިދޭން،" މުއިއްޒު "ސަން" އަށް ވިދާޅުވި އެވެ.

މާލޭގެ ހުޅަނގު ފަރާތުގައި ހައުސިން މިނިސްޓްރީން ތަރައްގީ ކުރި ރަސްފަންނުގައި ހަދާފައިވާ 700 މީޓަރުގެ ޖޮގިން ޓްރެކަށް ޚަރަދު ކުރީ ކިހާ ފައިސާއެއް ކަމެއް އެ ވެރިކަން ނިމިގެން ދިޔައިރު ވެސް ނޭންގޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެސްއޯއީ ކޮމެޓީގައި ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު ވިދާޅުވީ، އެ ކުންފުނިން ޖޮގިން ޓްރެކް ހެދުމަށް އާސަންދަ ކުންފުނީގެ ބަޖެޓުން ޚަރަދުކުރީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ސިޓީ އަކުން 'ޑައިރެކްޝަން' ލިބިގެން ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް