ޓެކްސީ ޑްރައިވަރުންގެ ރާގު ބަދަލުވެ، އަގުތަކަށް "އޯކޭ"ވެއްޖެ!

މާލެ-ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުން ފަސިންޖަރުންތަކެއް ޓެކްސީއެއްގެ ހިދުމަތް ހޯދަނީ -- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ޓެކްސީ ދަތުރުތަކަށް ޓްރާސްޕޯޓް މިނިސްޓްރީން ކަނޑައެޅި އަގުތަކާމެދު މައްސަލައެއް ނެތް ކަމަށް ބުނެ، ޓެކްސީ ދުއްވާ ޑްރައިވަރުންގެ ރާގު ބަދަލުވެއްޖެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޓެކްސީ ދަތުރުތަކުގެ އަގުތައް މިހާރު ޑްރައިވަރުން ނަގާ އަގަށް ވުރެ ކުޑަ އަގެއް ކަނޑައަޅައި، މިރޭ 12:00 އިން ފެށިގެން އެ އަގުތަކަށް އަމަލު ކުރުމަށް ނިންމާފާއެވެ. އެ އަގުތަކާ ގުޅިގެން ޑްރައިވަރުން ހިތްހަމަނުޖެހި، އިހުތިޖާޖުކުރުމަށް ނިންމި ވާހަކަތަކެއްވެސް ފެތުރުނެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކޮށް ވާހަކަދައްކަވަމުން، ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައެޅި އަގުތަކާމެދު މައްސަލައެއް ނެތްކަމަށާއި، އަދި ޑްރައިވަރުން މިހާރު ބޭނުންވަނީ ޓެކްސީ މީޓަރު ހަރުކުރުމަށް ކަމަށެވެ.

"އަގުތަކާމެދު އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ. އެކަމަށް އަޅުގަނޑުމެން މަރުހަބާވެސް ކިޔަން. ނަމަވެސް އަޅުގަނޑުމެންނަށް އޮތީ އެންމެ ޗޮއިސްއެއް، އެއީ މިހާދުވަސް ވަންދެން [ޓްރާންސްޕޯޓު މިނިސްޓްރީގައި] އެދެމުން އައި މީޓަރުތައް [ތާރަފުކުރުމަށް]. އޭތި ހޯދުމަށް މިހާރު [މަސައްކަތް މިކުރަނީ]" މީގެ ކުރިން އަގުތަކާ މެދު ހިތް ހަމަނުޖެހުން ފާޅުކުރި އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވިއެވެ.

އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް ވާހަކަ ދައްކަވަނީ: ކަނޑައެޅި އަގުތަކުގެ މައްސަލައެއް ނެތް ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ޑްރައިވަރުން ބުނަނީ މީޓަރު ހަރުކުރުމަށް މިނިސްޓްރީން ނިންމައިފި ނަމަ އެމީހުން ތިބީ އަމިއްލަ ޚަރަދުގައިވެސް އެކަން ކުރުމަށް ތައްޔާރަށް ކަމަށެވެ.

"މީޓަރުތައް އަޅުގަނޑުމެންނަށް ދެއްވާށޭ. އަޅުގަނޑުމެން މިތިބީ ތަބާވާން. މިއަދު ގޮވާލިޔަސް މާދަމާ ގޮވާލިޔަސް މީޓަރު ހަރުކުރަން ތައްޔާރަށް މިތިބީ. ތިބޭފުޅުން [މިނިސްޓްރީން] އިއުލާން ކޮށްދެއްވާށޭ. އަމިއްލައަށް ހަރަދު ދީގެންވެސް އަޅުގަނޑުމެން މިތިބީ މީޓަރު ހަރުކުރުމަށް ތައްޔާރަށް،" އަބްދުﷲ އިބްރާހިމް ވިދާޅުވިއެވެ.

އިބްރާޙިމް ވިދާޅުވީ، މީގެ ކުރިންވެސް މިނިސްޓްރީއާއެކު ކުރި މަޝްވަރާތަކުގައި މީޓަރު ތައާރަފް ކުރުމަށް އެދުނު ނަމަވެސް އެކަން ނުކުރަމީ ކަންބޮޑުވުމެއް ކަމަށެވެ.

ޓެކްސީތަކުން ނަގާ އަގާ މެދު ހިތްހަމަނުޖެހި، މާދަމާ އިހުތިޖާޖުކުރާ ވާހަކަތައް ޑްރައިވަރުން ދޮގުކުރިއެވެ.

"އަޅުގަނޑުމެން މިތިބީ ސަރުކާރުން ކަނޑައެޅި ރޭޓަކަށް އެ ނެރުނު ގޮތަށް އާންމު ރައްޔިތުންނަށް ހިދުމަތް ދޭން ތައްޔާރަށް. އަޅުގަނޑުމެންނަކީ އާންމު ރައްޔިތުންނަށް ހިދުމަތެއް ދޭ ފަރާތްތަކެއް ކަމަށް ވާތީ މި ހިދުމަތް ހުއްޓާލާކަށް ނެތިން. ހަޅުތާލު ކުރާކަށް ވެސް ނެތިން،" ކެޕް އެމްވީ ޓެކްސީ ސެންޓަރުގެ މާކެޓިން މެނޭޖަރު ހަސީބު ވިދާޅުވިއެވެ.

ކެބް އެމްވީ ޓެކްސީ ސެންޓަރުގެ މާކެޓިން މެނޭޖަރު ހަސީބު ވާހަކަ ދައްކަވަނީ: ޑްރައިވަރުން ހިދުމަތް ދިނުން ހުއްޓާ ނުލާނެ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

"އަޅުގަނޑުމެން މިދަނީ ހަމަ އެންމެ ކަމެއްގައި، ހިނގާށޭ މީޓަރު ހަރުކުރަން. މާދަމާ [ހުޅުމާލޭ] ފޭސް 2 ހުޅުވޭއިރު އަގު އިތުރު ކުރަންށޭ ޖެހޭނީ. މިހުރިހާ ކަމެއްގެ ހައްލަކީ ބޭންޑެއް ހަދާފައި ކިލޯމީޓަރަކަށް ނަގާ އަގު ކަނޑައެޅުން،" ހަސީބު ވިދާޅުވިއެވެެ.

މިނިސްޓްރީން އަގުތައް ކަނޑައެޅި އިރު، ޑިކީއަށް ދާގީނާ ނަގާ ނަމަ އިތުރު ފީއެއް ނުނެގޭނެ ކަމަށް ވަނީ ނިންމާފައެވެ. އެކަމާ ގުޅިގެން ވެސް ޓެކްސީ ޑްރައިވަރުން ވެސް މީގެ ކުރިން ހިތްހަމަނުޖެހުން ފާޅު ކުރިއެވެ.

ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑަރައިވާސް އެސޯސިއޭޝަން އިން ބުނީ، ޑިކީއަށް ދާގީނާ ލާނަމަ އިތުރަށް ފައިސާ ނެގުމަށްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.

މާދަމާއިން ފެށިގެން އަމަލުކުރާ އަގުތަށް:

  • މާލެ - ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
  • ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
  • ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
  • ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
  • މާލެ - ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
  • ހުޅުމާލެ - މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ

މި އަގުތަކަށްވުރެ އިތުރަށް ޓެކްސީ ޑްރައިވަރުން ފައިސާ ނަގާތޯ ބެލުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަންތައް ފެށުމަށް ވަނީ ނިންމާފައެވެެ.

ޓެކްސީ އަގުތަކަށް އަމަލު ކުރުމަށް ފަސް ކުރުމަށް އެދި ޑްރައިވާސް އެސޯސިއޭޝަންއިން ވަނީ ވަގުތީ އަމުރަކަށް އެދި އެ މައްސަލަ މިއަދު ކޯޓަށްވެސް ހުށަހަޅާފައެެވެ.

comment ކޮމެންޓް