އެމެރިކާއަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ޗައިނާ އާއި ރަޝިޔާއިން ދީފި

ބެއިޖިންގް ( އޮގަސްޓް 6) : އޭޝިޔާގައި މެދުރާސްތާ މިސައިލް ރުކުރުވާލައި އަސްކަރީ ބާރުގަދަކޮށް ހަންފަތުރަން އެމެރިކާ މަސައްކަތްކުރާތަން ބަލަން ނުތިބޭނެކަމުގެ އިންޒާރު ޗައިނާއާއި ރަޝިޔާއިން ދީފިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގައި ހިމެނޭ އެމެރިކާގެ އަސްކަރީ ހަރަކާތްތައް ބަލައި ޗެކްކުރުމާބެހޭ ޑިޕާޓްމަންޓްގެ ވެރިޔާ ވޯކޮންގް ވިދާޅުވީ އޭޝިޔާގައި އިތުރަށް އަސްކަރީ ބާރުގަދަކުރަން އުޅޭނަމަ އެމެރިކާއަށް ވަރުގަދަ ރައްދެއް ދެވޭވަރުގެ އަސްކަރީ ފިޔަވަޅުތަކެއް ޗައިނާވެސް އަޅާނެކަމަށާ އެމެރިކާގެ މިސައިލް ރުކުރުވާލުމަށް ބިން ދޭ ގައުމުތަކުން ޗައިނާގެ މި އިންޒާރާމެދު ވިސްނަންޖެހޭނެ ކަމުގައެވެ.

އެމެރިކާއިން މެދުރާސްތާ މިސައިލް ރުކުރުވާލާނެ ކަމަށް ބެލެވޭ ތިން ގައުމު ކަމަށްވާ ދެކުނު ކޮރެއާ، ޖަޕާން އަދި އޮސްޓްރޭލިއާއަށް އިޝާރާތް ކުރައްވައި ޗައިނާގެ މަސްއޫލުވެރިއާ ވިދާޅުވީ އެމެރިކާ ބޭނުންގޮތަކަށް އޭޝިޔާއާއި އޭޝިޔާ ޕެސިފިކް ސަރަހައްދުގައި މިސައިލް ރުކުރުވާލުމަކީ މުޅި ސަރަހައްދު ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާނެކަމުން އެކަމާދެކޮޅަށް ބަދަލުހިފުމުގެ ވަރުގަދަ ފިޔަވަޅުތަކެއް ޗައިނާ ނާޅާނެ ކަމަށް އެމެރިކާއާއި އެކަމުގައި އެމެރިކާއަށް އެހީތެރިވާ ގައުމުތައް ދެކިގެން ނުވާނެކަމުގައެވެ. ނަމަވެސް އެފަދަ ހާލަތެއްގައި ޗައިނާއިން އަޅާނީ ކޮންފިޔަވަޅުތަކެއްކަން ޗައިނާގެ މަސްއޫލުވެރިއާ ހާމަކުރައްޥާފައެއް ނުވެއެވެ.

އަނެއްކޮޅުން ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރްގީ ރިޔަބްކޯވް ވަނީ އެމެރިކާއިން އޭޝިޔާގައި މިސައިލް ރުކުވާލައިފިނަމަ އަސްކަރީ ބާރުގެ ތިލަފަތް އެމެރިކާ ކޮޅަށް ބުރަވާނެކަމަށް ވިދާޅުވެ އޭގެ ރައްދުގައި އެފެންވަރުގެ ފިޔަވަޅުތަކެއް ރަޝިޔާއިންވެސް އަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ. ރަޝިޔާއަކީ ނިއުކްލިޔާ ގާބިލްކަމުގައި އެމެރިކާ އާ ދާދި އެއްވަރު ނުވަތަ އެމެރިކާއަށްވުރެވެސް ތަންކޮޅެއް ކުރީގައި އުޅޭ ގައުމެކެވެ.

މީގެކުރިން ރަޝިޔާގެ ރައީސް ވްލަޑީމީރު ޕޫޓިންވަނީ އެމެރިކާއިން އޭޝިޔާ ބައްރުގައި މެދުރާސްތާގެ މިސައިލް ރުކުރުވާލާނަމަ އެމިސައިލްތައް ހުރިތަންތަނަށް އަމާޒުކޮށްގެން މަތީ ޓެކްނޮލޮޖީގެ ނިއުކްލިޔާ މިސައިލްތައް ރަޝިޔާގެ އެކި ސަރަހައްދުތަކުގައި ރުކުރުވާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ ވަނީ އޭޝިޔާގެ ބައެއް ގައުމުތަކުގައި މެދުރާސްތާ މިސައިލް ރުކުރުވާލަން އެމެރިކާ ބޭނުންވާ ކަމަށާ އެއީ އެމެރިކާގެ މަސްލަހަތު ހިމާޔަތް ކުރުމަށާއި އެމެރިކާގެ ބައިވެރިންގެ ދިފާއު ވަރުގަދަ ކުރުމަށް ކަމަށް ވިދާޅުވެ މދިޔަ ހޯމަދުވަހު އޮސްޓްރޭލިއާގައި ބަޔާނެއް ދެއްވާފައެވެ.

އެމެރިކާ މިދިޔަ ހަފްތާގައިވަނީ ކުރީގެ ސޮވިއެޓް ޔުނިޔަން އާއެކު 1987 ގައި ސޮއިކުރި "އިންޓާމީޑިއަޓް ރޭންޖް ނިއުކްލިޔާ ފޯސަސް ޓްރިޓީ" ނުވަތަ (އައިއެންއެފް) މުއާހަދާއިން ވަކިވެފައެވެ. އެ މުއާހަދާއިން ވަކިވުމަށްފަހު އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ ވަނީ މަތީ ޓެކްނޮލޮޖީގެ މެދުރާސްތާގެ މިސައިލް އުފެއްދުމަށާއި އެ ރޭންޖްގެ މިސައިލްތައް އޭޝިޔާގައި ރުކުރުވާލަން ދެން އެމެރިކާއަށް ހުރަހެއްނޯންނާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. (ރޮއިޓާސް + އަލްޖަޒީރާ)

comment ކޮމެންޓް