އުތުުރު ކޮރެއާގެ ހެކަރުން ވަނީ ދެ ބިލިއަން ޑޮލަރު ވަގަށް ނަގާފަ: އދގެ ރިޕޯޓު

އދ.އަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުން އުތުރު ކޮރެއާގެ ހެކަރުން ސައިބާ ހަމަލާތައް ދިނީ އެގައުމުގެ ޖާސޫސީ އިދާރާގެ އަމުރަށް -- ފޮޓޯ: އޭއެފްޕީ

ސޯލް (އޮގަސްޓު 6): އުތުރު ކޮރެއާގެ ހަތިޔާރު ޕްރޮގްރާމަށް ފަންޑު ކުރުމަށް އެގައުމުގެ ހެކަރުން ވަނީ ދެ ބިލިއަން ޑޮލަރު ވަގަށް ނަގާފައި ކަމަށް އދއަށް ހުށަހެޅި ރިޕޯޓެއްގައި ބުނެފިއެވެ.

އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މޮނިޓާ ކުރާ އިންވެސްޓިގޭޓަރުން އދ.އަށް ހުށަހެޅި ރިޕޯޓުގައިވާ ގޮތުން އެގައުމުން ދަނީ "ސައިބާއެޓޭކްތައް ދީގެން ތަފާތު މާލީ އިދާރާތަކާއި ކްރިޕްޓޯކަރެންސީ އެކްސްޗޭންޖުތަކުން ފައިސާ ވަގަށް ނަގައި" އެފައިސާ ލޯންޑާ ކުރަމުންނެވެ.

އިންވެސްޓިގޭޓަރުން ވިދާޅުވާ ގޮތުގައި ސައިބާ ހަމަލާތައް ދެނީ އުތުރު ކޮރެއާގެ ޖާސޫސީ އިދާރާގެ އަމުރަށެވެ. އަދި އެގޮތަށް ހޯދާފައިވާ ފައިސާގެ އަދަދު ދެ ބިލިއަން ޑޮލަރަށް އަރާނެ ކަމަށާއި އެ ފައިސާ ބޭނުން ކުރަނީ އުތުރު ކޮރެއާގެ ހަތިޔާރު ޕްރޮގްރާމަށް ހަރަދުކުރުމަށް ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

އެ އިންވެސްޓިގޭޓަރުން މިހާރު ދަނީ އުތުރު ކޮރެއާއިން 17 ގައުމަކަށް ސައިބާ ހަމަލާތައް ދިން 35 މައްސަލައެއް ތަހުގީގުކުރަމުންނެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓުވުމަށްޓަކައި އދގެ ސަލާމަތީ ކައުންސިލުން ވަނީ 2006 އިން ފެށިގެން އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އެ ރިޕޯޓު ހުށަހެޅުމުގެ ކުރިން ފާއިތުވި ދެ ހަފްތާ ތެރޭ އުތުރު ކޮރެއާއިން ވަނީ ތިން ކުރު-ރާސްްތާ މިސައިލް ޓެސްޓުކޮށްފައެވެ.

comment ކޮމެންޓް