ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭތީ ޓައިވާނުން ޓްރެވަލް އެލާޓް ނެރެފި

ފަތުރުވެރިންތަކެއް ރާއްޖޭގައި-- ފޮޓޯ: މޯލްޑިވްސް ނެޓް

ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭތީ ޓައިވާންގެ ރައްޔިތުން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެދި ޓްރެވަލް އެލާޓް ނެެރެފިއެވެ.

ޓައިވާންގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލްއިން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް ނެރެފައި ވަނީ އެންމެ މަތީ ލެވަލްގެ އެލާޓްއެކެވެ.

އެ އެލާޓްގައި ވަނީ ކޮންމެހެން މުހިއްމުކަމެއްގައި ނޫނީ ރާއްޖެއަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ރާއްޖެއާ އެކު މިޔަންމާ، ތައިލެންޑް، އިންޑިއާއަށް ވެސް ދަތުރުކުރާ ފަރާތްތަކަށް ވަނީ ޓްރެވަލް އެޑްވައިޒަރީ ނެރެފަ އެވެ.

ޓައިވާންގެ ސީޑީސީން ބުނީ މިދިޔަ އާދިއްތަ ދުވަހާ ހަމައަށް އެގައުމަށް އެތެރެވި 24 މީހެއްގެ ގައިން ޗިކުންގުންޔާގެ ވައިރަސް ފެނިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ހަތަރު މީހަކު ރާއްޖެއަށް ދަތުރުކޮށްފައިވާ ކަމަށް ސީޑީސީން ބުންޏެވެ.

ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ބުނީ 2006 އަހަރުގެ ފަހުން ޗިކުންގުންޔާ އެންމެ ގިނައިން ރާއްޖޭގައި ފެތުރުނީ ވެސް މި އަހަރު ކަމަށެވެ.

އެގޮތުން މާޗު މަހު 279 މީހުން ޗިކުންގުންޔާ ޖެހިގެން ރިޕޯޓުކޮށްފައިވާ އިރު އޭޕްރިލް މަހު އެ ބަލި ޖެހިގެން 310 މީހުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ޗިކުންގުންޔާ ފެތުރޭތީ އެ ބައްޔާ ގުޅޭ ދިރާސާއެއް ކުރުމަށް އައިޖީއެމްއެޗާއި ތައިލެންޑްގެ މަހިޑޮލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޓްރޮޕިކަލް މެޑިސިންއާ އެކު މިދޔަ ބުރާސްފަތި ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފަ އެވެ.

comment ކޮމެންޓް