އީވާ ރައީސް ނަޝީދަށް: ދާއިރާ ރައްޔިތުންނާ ބައްދަލުކޮށްލަން މެންބަރުނަށް ވަގުތުދީ

މަޖިލީޙުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބދުﷲ -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދުވާލެއްގެ 24 ގަޑިއިރުވެސް މަޖިލީހުގެ މަސައްކަތުގައި އުޅެން ޖެހުމުން ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ނުލިބޭތީ އެވަގުތު ދެއްވުމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކިބައިން އެދިލައްވައިފި އެވެ.

އީވާ އެހެން ވިދާޅުވީ މަޖިލީޙުގެ ގަވައިދު އިސްލާހުކޮށް ތަޅުމަށް ހުށަހެޅުމުން ގަވައިދަށް ބަހުސް ކުރައްވަން ލިބުނު ފުރުސަތުގަ އެވެ.

އީވާ ވިދާޅުވި ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ނަޒާހާތްތެރި ބަޔަކަށް ހެދުމުގެ އިތުރުން، މެމްބަރުންނަކީ ދާއިރާތަކުގައި ހަރަކާތްތެރިވާ ބަޔަކަށް ހެދުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.

އީވާ ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމާއި، ހިޔާލު ބަދަލު ކުރުމަށް ވަގުތާއި، އެކަމަށް ބޭނުންވާ އޮފީސްތަކަކީ މެމްބަރުންނަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް މަޖިސްގެ ރިޔާސަތުން އަޅުގަނޑު އެދެން އަޅުގަނޑުމެންނަށް އެވަގުތު ދެއްވަން. އަޅުގަނޑުމެން ގާތްގަނޑަކަށް މިހާރު 24 ގަޑިއިރުހެން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތުގައި. އަޅުގަނޑުމެން ސާޖަރީއަށް ވެސް ކޮންމެވެސް ވަރަކަށް ވަގުތު ހައްދަވަން ޖެހޭނެ." އީވާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބުރާސްފަތި އަދި އާދިއްތަ ދުވަހަކީ ދާއިރާ ރައްޔިތުންނާއި ހިޔާލު ބަދަލުކޮށް ބައްދަލު ކުރުމަށް އޮންނަ ދެ ދުވަސް ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑަށް އެބަ އިއްޒަތްތެރި މެމްބަރުންނަށް އެދުވަސް ދުވަހު ވެސް މަސައްކަތް ހަވާލުކުރެވޭ. އަދި އަޅުގަނޑުމެންނަށް ބައެއް ފަހަރު އެކި ތަންތަނަށް ދަތުރުވެސް ކުރާން ޖެހޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ބައެއް މެމްބަރުން މިހާރު އޮފީސް ހުޅުވާފައިވާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ހުރިހާ މެމްބަރުން ވެސް އޮފީސްތައް ހުޅުވުމަށް އެދިލައްވާ ކަމަށެވެ. އެ އޮފީސްތައް މަޖިލީހުގެ ގިއުގަނޑުގެ ތެރެއަށް ގެނައުމަކީ ބޭނުންތެރި ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަވާރަ ވަނަ މަޖިލިސް ހުވާ ކުރި ފަހުން މަޖިލީހުގެ މަސައްކަތްތައް ގަވައިދުން ބާއްވަ އެވެ. އަދި ކޮމިޓީ މަސައްކަތްތައް ރޭގަނޑާއި ދުވާލުވެސް ކުރިއަށްދެ އެވެ.

comment ކޮމެންޓް