އެމްޑަބްލިއުއެސްސީގެ އެޕުން ބިލު ދައްކައިގެން 5000 ރުފިޔާ ހޯދުމުގެ ފުރުސަތު

އެމްޑަބްލިއުއެސްސީގެ އެޕް ބޭނުންކުރަނީ-- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެޕްލިކޭޝަން މެދުވެރިކޮށް ފެން ބިލު ދައްކައިގެން 5000 ރުފިޔާ ލިބޭނެ ޕްރޮމޯޝަނެއް އެމްޑަބްލިއުއެސްސީ އިން ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން އެޕްލިކޭޝަން ބޭނުންކޮށްގެން ފެން ބިލު ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި، ނަސީބުވެރި 20 ފަރާތަކަށް 5000 ރުފިޔާގެ އިނާމެއް ދޭން އެ ކުންފުނިން ވަނީ ކަނޑައަޅައިފަ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް، އެޕް މެދުވެރިކޮށް ދައްކާ ހުރިހާ ބިލެއްވެސް ގުރުލުމުގައި ހިމަނާނެ ކަމަށެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެމްޑަބްލިއުއެސްސީ އިން ފެނާއި ނަރުދަމާގެ ހިދުމަތްދޭ ކ. މާފުއްޓާއި ރ.ދުވާފަރު އަދި ހދ ކުޅުދުއްފުއްޓަށް އަމާޒުކޮށްގެން ދެ މަސްދުވަހަށް ކުރިއަށްގެންދާ މި ޕްރޮމޮޝަނުގައި މަހަކު 10 ނަސީބުވެރިން ހޮވާނެ އެވެ.

ފެން ބިލު ދެއްކުމުގެ އިތުރުން އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަން މެދުވެރިކޮށް އިތުރު ގިނަ ހިދުމަތްތަކެއްވެސް ލިބެ އެވެ. އެގޮތުން ފެން ބޭނުން ކުރެވޭ މިންވަރާއި ކުރީ މަސްތަކުގެ ފެންބިލުގެ ތަފްސީލްތައް ބަލައިލެވޭނެ އެވެ.

އެއް އެކައުންޓަށްވުރެ ގިނަ އެކައުންޓުގެ ތަފްސީލު ބަލާލެވުމުގެ އިތުުރުން ފެންބިލުތައް ފޯނަށް ސޭވްކޮށްގެން ބަލައިލެވޭނެ އެވެ. އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަން ބޭނުން ކުރާނަމަ، ފެން ބިލު ތައްޔާރުވުމުންނާއި ބިލަށް ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވުމުމުގެ ކުރިން އަދި ފެން ކަނޑާލުމުގެ ކުރިން ނޮޓިފިކޭޝަން ފޮނުވާނެ އެވެ.

މި އެޕްލިކޭޝަން ޕްލޭސްޓޯ އަދި އެޕް ސްޓޯ އިން ޑައުންލޯޑް ކުރެވޭނެ އެވެ.

comment ކޮމެންޓް