ދިވެހި ކުލަތަކުން ފަވާލެވުނު "އަންވީލިން ވިޝަންސް"ތަކެއް

އާޓްގެލެރީގައި ކުރިއަށްދާ ފޮޓޯ މައުރަޒު، މި ގެލެރީ މާދަމާގެ ނިޔަލަށް ކުރިއަށްދާނެ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހޮނިހިރު ދުވަހު އާޓް ގެލެރީ ހުޅުވާލީ ދިވެހި އާޓިސްޓުންގެ "އަންވީލިން ވިޝަންސް"އަކަށެވެ. އެތަނުގެ ފާރުތަކުގައި ހަރުކޮށްލާފައި ހުރީ ދިވެހި އާޓިސްޓުންގެ ފިހިތަކުން ކުލަޖައްސާފައިވާ ތަފާތު ކުރެހުންތަކެވެ.

އެ އެގްޒިބިޝަން ހުޅުވުމާއެކު މުޅި ސޯޝަލް މީޑިއާއަށް ވެސް އެނގުންވީ އެ ކުރެހުންތަކަށް ހުއްޓުނު ބޮޑު ސަމާލުކަމުން އެވެ. އެ އެގްޒިބިޝަނުން ފާހަގަކޮށްލެވުނު ފަސް އާޓިސްޓުންނާއި އެ މީހުންގެ މަސައްކަތަށް ބަލައިލަން ހިނގާށެވެ.

އަހުމަދު ޝައްފާން (ޝަފްއޯޝަންސް)

ހުނަރުތަކުން ފުރިގެންވީ އާޓްގެލެރީގައި އެންމެންގެ ލޯތައްވެސް އެންމެ ބޮޑަށް އަޅައިގަތް އެއް ފޮޓޯ އަކީ ޕްލާސްޓިކް ބޭނުންކޮށްގެން ޝައްފާން ތައްޔާރުކި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަސްވީރެވެ. އެ ފޮޓޯ ތައްޔާރުކުރަން ބޭނުންކޮށްފައި ހުރި ތަކެއްޗަކީ ޕްލާސްޓިކެވެ. މޫދުން ހޮވާފައިވާ ޕްލާސްޓިކާއި އުކާލާފައިވާ ކުޅޭސަމާނާއި ކޮތަޅު އަދި ފުޅީގެ މަތި ފަދަ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރި އާޓްވޯކް ވަރަށް ވެސް ފުރިހަމަ އެވެ. އެތައް ބައެއްގެ ސަމާލުކަން ދަމައިގަތެވެ.

ޝައްފާން ބުނި ގޮތުގައި ޕްލާސްޓިކް ހަދާފައިވާ ރައީސް ސޯލިހުގެ ތަސްވީރުން ދައްކައިދެނީ، ޕްލާސްޓިކުން ފުރިފައިވާ ރާއްޖޭގެ ހާލަތެވެ. އެއް މަހަށްވުރެ ގިނަ ދުވަސް އާޓްވޯކް ތައްޔާރުކުރުމަށް ޝައްފާން ވަނީ ހޭދަކޮށްފަ އެވެ. އެގްޒިބިޝަންގައި އެ އާޓްވޯކް ވިއްކާނީ 10،000 ޑޮލަރަށެވެ. އޭގެ ތެރެއިން 60 ޕަސެންޓް ސިންގަލް ޔޫސް ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްކުރާ އެންޖީއޯތަކަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.

ޝައްފާންގެ މަސައްކަތް، މިއީ ގިނަ ބައެއްގެ ލޮލުގައި އެންމެ އަޅައިގަތް އެއް މަސައްކަތް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝައްފާނަކީ އާޓްގެ ދާއިރާގައި 16 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ އަދި މަސައްކަތްކުރަމުން އަންނަ އާޓިސްޓެކެވެ.

އަހްމަދު އަފާޒިލް

އަފާޒިލް ތައްޔާރުކުރި މަސައްކަތަކީ ވެސް އާޓް ގެލެރީއިން ފެނުނު ތަފާތު މަސައްކަތެކެވެ. ތްރީޑީ ކޮށް ތައްޔާރުކޮށްފައިވާ އެ މަސައްކަތް އޭނާ ހާއްސަކޮށްފައިވަނީ އޭނާ އަށް އެންމެ ކަމުދާ ޕޯޓްރެއިޓް ޕެއިންޓަރުންނަށެވެ.

އަފާޒިލް ބުނީ އެންމެ ކުޑައިރުން ފެށިގެންވެސް ކުރެހުމަށް އޭނާގެ ޝައުގުވެރިކަން ހުންނަ ކަމަށެވެ. އަފާޒިލްގެ ހާއްސަ ދާއިރާއަކީ ޑިޖިޓަލް އާޓް އެވެ. އެ ދާއިރާއިން ވެސް ތްރީޑީ އާޓްވޯކް އާއި އެނިމޭޝަން އޭނާ ތައްޔާރު ކުރެ އެވެ.

ތްރީޑީ އާޓްވޯކެއް ހެދުމަށް އެކި އެކި ސޮފްޓްވެއާ ބޭނުންކުރަންޖެހޭ ކަމަށާއި މިފަދަ އާޓްވޯކެއް ތައްޔާރުކުރުމަކީ ބުރަ މަސައްކަތްތެއް ކަމަށް އޭނާ ބުންޏެވެ. އެ މަސައްކަތް ވިއްކަނީ 8000 ރުފިޔާއަށެވެ.

އަފާޒިލް ތައްޔާރުކުރި 3ޑީ މަސައްކަތް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއް މަސްދުވަސްތެރޭ އާޓްވޯކް ނިންމިއިރު އަފާޒިލް އަކީ މެލޭޝިއާގައި ހުންނަ އޮމެންސް ސްޓޫޑިއޯ ކުންފުނީގެ ލީޑް ތްރީޑީ މޮޑެލާއެއްގެ ގޮތުގައި މަސައްކަތްކުރާ ހުނަރުވެރިއެކެވެ. ވޭތުވެދިޔަ ފަސް އަހަރު ދުވަހު އޭނާ މަސައްކަތްކޮށްފައިވަނީ ވީޑިއޯ ގޭމްސް އެނިމޭޝަން އަދި ފިލްމު އެނިމޭޝަންގައި މެލޭޝިޔާގަ އެވެ.

އަބްދުﷲ ރަޝީދު (އަބްލޯ)

އޭނާ ތައްޔާރުކޮށްފައިވާ މަސައްކަތަކީ ޑިޖިޓަލް އާޓްގެ މަސައްކަތެކެވެ. ދިވެހި އާޓިސްޓެއްގެ ކުޅަދާނަކަން ހަގީގަތުގައިވެސް އެ މަސައްކަތުން ފެނިގެންދެއެވެ. ޑިޖިޓަލްކޮށް ތައްޔާރުކުރި އާޓްވޯކް ބިނާކޮށްފައިވަނީ މިއަދު ތިމާވެށްޓަށް ކުރިމަތިވާ ކަންބޮޑުވުންތަކަށެވެ. ހާއްސަކޮށް ޕޮލިއުޓްވުމާއި ފަރުތައް ހަލާކުވުމާއި ކަނޑު އަޑީގެ ދިރުންތަކަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުންނެވެ.

"އަސްލު ބޭނުންވީ މި ކަންތައްތަކުގެ މުހިއްމުކަން އަންގައިދެން. ގުދުރަތީ ރީތިކަން ދައްކުވައިދެން،"

އަބްލޯ އާޓް އަށް އިންސްޕަޔާވީ ކުޑައިރު ކުރެހުންތެރިންނާ ކްރާފްޓް މަސައްކަތްކުރާ މީހުންގެ ހުނަރު ފެނިފަ އެވެ. މަސައްކަތް ނިންމުމަށް ތިން ހަފްތާ ނެގި ކަމަށާއި އެންމެ ޝައުގުވެރިކަން ހުންނަނީ ޕޯޓްރެއިޓްސް އާއި ފިގާސް އަށް ކަމަށް އޭނާ ބުންޏެވެ. އެކަމަކު ފަހަކަށް އައިސް ޑިޖިޓަލް އާޓް ވޯކް އަށް ޝައުގުވެރިކަން ދެވޭ ކަމަށްވެސް އޭނާ ބުންޏެވެ. މި ކުރެހުން އޭނާ ވިއްކަނީ 1500 ޑޮލަރަށެވެ.

އާންމުގެ ފީޑްބެކްސްތައް ވަރަށް ޕޮޒިޓިވް ކަމަށާއި ނެގަޓިވް ކޮމެންޓްސްތަކަކީ ކުރިއެރުމަށް ވަރަށް މުހިއްމު ކަމެއްކަން ބަލައިގަންނަ ކަމަށް އަބްލޯ ބުންޏެވެ.

އަބްލޯގެ މަސައްކަތް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިއީ ތަފާތު ފޮޓޯތަކެއް ކޮމްބައިންކޮށްގެން ތީމް އާ ގުޅޭ ގޮތަށް ތައްޔާރުކޮށްފައި އިން އާޓެއް. އަޑޯބް ފޮޓޯޝޮޕް ބޭނުންކޮށްގެން ތައްޔާރުކުރީ. މުހިއްމުކަން ދިނީ އާޓް ވޯކުން ރަނގަޅު މެސެޖެއް ޑެލިވާކޮށްދެވޭތޯ،"

އަހްމަދު އަޒްމީ ހަލީމް (ބާޗީ)

އަޒްމީގެ އާޓްވޯކް ހާއްސަކޮށްފައިވަނީ ޑިޕްރެޝަނަށެވެ. އެ އާޓްވޯކުން ފެންނަނީ މީހަކު ނޭވާ ހޮޅިއަށް އަޅައިގެން ނޭވާނުލެވި ގެނބިގެންދާއިރު ވާގޮތެވެ. ގެނބެން ބޭނުންނުވެ އަމިއްލަ ސަލާމަތާ ރައްކާތެރިކަން ހޯދުމަށް ނޭވާލާން މަސައްކަތްކުރާ މަންޒަރެވެ.

ބާޗީ ބުނީ އެ ކުރެހުމުން ޑިޕްރެޝަނަކީ ކޮންކަހަލަ އެއްޗެއްކަން މީހުންނަށް ފަހުމްވާނެ ކަމަށެވެ. އަދި އެކަމަކީ ގިނަ މީހުން ހޭލުންތެރިކުރުވަންޖެހޭ ކަމެއް ކަމަށެވެ. އާޓްވޯކް ތައްޔާރުކުރިއިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތުގެ ތެރެއިން މީހާ ކޮޅަށް ހުންނަ ގޮތަށް ބެހެއްޓުވުން ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބުކަމާއެކީ ނިންމާލީ ބާޗީގެ މޫނު އޭގައި ހިމަނާލުމަށްފަހުއެވެ. މި މަސައްކަތައް ޖުމްލަ 35-40 ދުވަސް ނެގި ކަމަށް ބާޗީ ބުންޏެވެ.

ބާޗީ ތައްޔާރުކުރި އާޓްވޯކް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާޓްވޯކް ވިއްކަނީ 2500 ޑޮލަރަށެވެ.

ހުސައިން އިހްފާލް އަހްމަދު (އިއްފަ)

މި އާޓްވޯކް ހާއްސަވެގެންދަނީ ރާއްޖޭގައި ދިރިއުޅެމުން ގެންދާ އަދި ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބޭރު ރައްޔިތުންގެ މަސައްކަތް އަގުވަޒަން ކޮށްފައިވާތީއެވެ. ރާއްޖެއަށް އެންމެ ގިނައިން ވަޒަންވެރިވެގެން އަންނަ ބޭރު މީހުންނަކީ ލަންކާ އިންޑިއާ އަދި ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

"މީގެން ދައްކުވައިދެނީ އެ މީހުން ކުރާ ބުރަ މަސައްކަތް. ނިދިހަމަނުކޮށް އެމީހުން ކުރަންޖެހޭ ބުރަ މަސައްކަތްތައް. އެމީހުންގެ އާއިލާތައް ދޫކޮށް ރާއްޖެއައިސް މަސައްކަތް ކުރާ މަންޒަރު. އެއްވެސް ބަޔަކު ވިސްނާލިންތޯ،؟"

އިހްފާލް އަކީ ރާއްޖޭގައި އެންމެ ނަން ހިނގާ އެންމެ ފުންނާބު އުސް އެއް އާޓިސްޓެވެ. އޭނާ މި ދާއިރާގައި މަސައްކަތްކުރާތާ 18 އަހަރަށް ވުރެ ގިނަ ދުވަސްވާނެއެވެ. ގިނަ ކަންތައްތަކެއް ތަޖުރިބާކޮށް އާޓްގެ ރޮނގުން ކުރިއަށް ދިޔުމަށް ހިއްވަރާއެކު ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ ރާއްޖޭގެ އެންމެ ކުރި ސަފުގެ އާޓިސްޓަކަށް ވުމެވެ. ފާއިތުވި 10 އަހަރުތެރޭ އޭނާ ވަނީ ތަފާތު އެކި އާޓް އެގްޒިބިޝަންތަކުގައި ބައިވެރިވެފައެވެ. އޭނާ އަކީ އަމިއްލަ އާޓް ގެލެރީއެއް ރާއްޖޭގައި ހުޅުވި މަދު އާޓިސްޓުތަކުގެ ތެރެއިން އެކެކެވެ.

އިހްފާލް އާޓްގެލެރީއަށް ތައްޔާރުކުރި އާޓްވޯކް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާޓްވޯކް ވިއްކާނީ 10،000 ރުފިޔާ އަށެވެ.

comment ކޮމެންޓް