ޕެންޝަން ފަންޑުން ހައްޖަށް ދިއުމަށް ނެގޭ އަދަދު ބޮޑު ކޮށްފި

ރައީސް ސޯލިހު: ޕެންޝަން ފަންޑުން ހައްޖައް ދިއުމަށް ކުރިން ނެގޭ 50 ޕަސެންޓް 80 ޕަސެންޓައް އިތުރުކުރި ބިލް ރައީސް މިއަދު ވަނީ ތަސްދީގް ކުރައްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 80 ޕަސަންޓަށް ބޮޑުކުރަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގް ކުރައްވައިފި އެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ކެނދިކުޅޫދޫ ދާއިރާ މެމްބަރު އަހްމަދު އީސާއެވެ. މެމްބަރު އީސާ ހުށަހެޅުއްވި އިސްލާހަކީ، ޕެންޝަނާ ބެހޭ ގާނޫނުގެ 31 މާއްދާއަށް އިސްލާހުކޮށް، ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 80 ޕަސަންޓަށް ބޮޑު ކުރުމަށެވެ. ކުރިން އެ ގާނޫނުގެ ދަށުން ފަނޑުން ފައިސާ ނެގެނީ 50 ޕަސަންޓަށެވެ.

އެ ބިލް ދިރާސާ ކުރުމަށް ފަހު އިޖްތިމާއީ ކޮމިޓީއިން ބިލަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވާއިރު ބައެއް ރެކޮމެންޑޭޝަންތައް ވަނީ ހިމަނާފައިވެ އެވެ.

އޭގެ ތެރޭގައި ޕެންޝަނާ ބެހޭ ގާނޫނުގެ މަގުސަދު ނުގެއްލޭ ގޮތަށް ގާނޫނު އޮތުމުގެ މުހިންމުކަމާއި، ހައްޖުވުމުގެ އަގު ދެއްކުމަށް ފައިސާ ޖަމާކުރާނެ ޝަރުއީ ހަމަތަކަށް ފެތޭ ވޮލަންޓަރީ ސްކީމެއް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެމްބަރުންނަށް އަމާޒުކޮށްގެން ހިންގުން ހިމެނެ އެވެ.

އޭގެ އިތުރުން ހައްޖުވުމުގެ އަގުގެ 80 ޕަސަންޓު ދޫކުރަން ޝަރުތު ހަމަވާނީ މަދުވެގެން 420،000 ރުފިޔާ ސޭވިން އެކައުންޓުގައި ހުރުމުން ކަމަށް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޕެންޝަން ގާނޫނުގެ އިތުރުން ރައީސް ވަނީ ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސިޓީގެ ގާނުނަށް އިސްލާހު ގެނައުމުގެ ދެ ބިލް ވެސް ތަސްދީގް ކުރައްވައިފަ އެވެ.

އެގޮތުން ދެ ޔުނިވަސިޓީގެ ކައުންސިލް އެކުލަވާލުމަށް ރައިސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތައް ވަނީ ނަގައިފަ އެވެ.

ދެ ޔުނުވަސިޓީގެ ގާނުނަށް ގެނައި އިސްލާހުތައް:

- ޔުނިވާސިޓީ ކައުންސިލުގެ 13 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުންނަކީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރުން ކަމަށް އޮތް އޮތުން ބަދަލު ކުރުން.
- ކައުންސިލު އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތައް ނަގައި، އެ ބާރުތަށް ކައުންސިލަށް ދިނުން.
- ޔުނިވާސިޓީ ކައުންސިލަކީ މިނިވަންކޮށް އެކުލަވާލާ ކައުންސިލަކަށް ހެދުން.
- ޑެޕިއުޓީ ވައިސް ޗާންސެލާ އައްޔަނުކުރުމުގެ ބާރު ކައުންސިލަށް ދިނުން.
- ކައުންސިލުގެ މެމްބަރުންގެ އަދަދު 13 އިން 18 އަށް އިތުރު ކުރުން.
- ކައުންސިލުގެ ބެލެންސް ހިފެހެއްޓުމަށް ކައުންސިލުގައި ހިމެނޭ ޔުނިވާސިޓީން ބޭރުން އަށް މެމްބަރުންނާ އެއްވަރަށް ޔުނިވާސިޓީ ތެރެއިން ވެސް އަށް މެމްބަރުން އިތުރުކުރުން.
- ކައުންސިލުގައި ޔުނިވާސިޓީގެ ހުރިހާ ގިންތިތަކެއް ތަމްސީލުވާ ގޮތަށް ބެލެންސް ހިފެހެއްޓުން.
- ބޭރުން އައްޔަނުކުރާ މެމްބަރުން އައްޔަނުކުރުމަށް ބޭނުންވާ ނޮމިނޭޝަން ކޮމިޓީއާ ބެހޭ މާއްދާތައް އަލުން އިތުރުކުރުން.
- ޔުނިވާސިޓީގެ އަހަރީ ރިޕޯޓު ހުށަހަޅަން ޖެހޭ މުއްދަތު ފަސްކުރުން.

comment ކޮމެންޓް