ފުލުހުންގެ ތަހުގީގަކަށް ތައިލޭންޑް ބަސް ދަންނަ މީހަކު ބޭނުންވެއްޖެ

ހަށިވިއްކަމުންދާ ކަމުގެ ތުހުމަތުގައި މީގެ ކުރިން ތައިލެންޑް ބަޔަކު ހައްޔަރު ކުރަނީ: ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުން ކުރަމުން އަންނަ ތަހުގީގަކަށް ތައިލޭންޑް ޓްރާންސްލޭޓަރަކު ހޯދުމަށް ވަނީ އިއުލާން ކޮށްފައި - ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

ދިވެހި ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން އިން ކުރަމުންދާ ތަހުގީގަކަށް ތައިލެންޑް ބަސް ދަންނަ ތަރުޖަމާނަކު ބޭނުންވެއްޖެ އެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ އިދާރާއިން މިހާރު ކުރަމުން އަންނަ ތަހުގީގަކަށް ތައިލޭންޑް ބަސް ތަރުޖަމާ ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެހެން ކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފުލުހުންގެ ހޮޓް ލައިން 9500125 ގުޅައިގެން ކުރިއަށް ގެންދިއުމަށް ވަނީ އެދިފަ އެވެ.

އެ ތަރުޖަމާނުގެ މަސައްކަތަކަށް ވާނީ ފުލުހުންގެ ތަހްގީގްތަކުގައި އަދި ކޯޓް މަރުހަލާގައި، ހައްޔަރުގައި ތިބޭ ތައިލޭންޑް މީހުން ދައްކާ ވާހަކަ ދިވެހި ބަހަށް ތަރުޖަމާ ކޮށްދިނުމެވެ.

އެކަމުގެ އުޖޫރައެއްގެ ގޮތުގައި ގަޑިއެއްގެ އިރަށް -/250ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގައި މަދުން ނަމަވެސް ތައިލޭންޑް މީހުން މަސައްކަތް ކުރަމުން އަންނައިރު ބައެއް ހުއްދަ ނޫން ވިޔަފާރީތައް ކުރުމުގައި އެ ގައުމުގެ މީހުން ބޭނުން ކުރަމުން ދާކަން ފާހަގަކުރެވެ އެވެ. އަދި އެފަދަ ތުހުމަތުތަކުގައި މީގެ ކުރިން އެތައް ފަހަރަކު ފުލުހުން ވަނީ ތައިލޭންޑަށް ނިސްބަތްވާ ދެ ޖިންސްގެ މީހުން ވެސް ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް