މިއަދު އޮންނަ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ޖަލްސާ ލައިވް ކުރަން އަޅުގަނޑު ބޭނުން: ޔާމީން

އަށް ސަތޭކަ މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިކޮށްފައިވާ ކަމަށް ތުހުމަތުކޮށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ޙާޒިރު ކުރުމަށް އެ ކޮމިޓީން ރޭ ނިންމެވި އެސްޓީއޯގެ ކުރީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު މެންދުރު 2 ޖަހާއިރު ކޮމިޓީ އަށް ޙާޒިރުވާ އިރު އެ ޖަލްސާ ޓީވީން ލައިވް ކުރުމަށް ބޭނުންފުޅުވާ ކަމަށް ޔާމީން ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑަށް ވަރަށް ރަނގަޅު މިއަދުގެ ޖަލްސާ ލައިވް ކޮށްލިއްޔާ، އެކަމަކު ނުކެރޭނެ ލައިވް ކުރާކަށް. މުނީޒް ޙާޒިރު ކުރި ޖަލްސާ ވެސް ލައިވް ކުރަންވީ ނޫންތޯ. ހަމައެކަނި ކޮމިޓީގެ މެމްބަރުން އެކަނި ބައިވެރިވާ ބައްދަލުވުން ލައިވް ކޮށްލަން ކެރެނީ. މިކަމާ ބެހޭ ހުރިހާ ޖަލްސާއެއް ވެސް ލައިވް ކުރަން ތާއީދު. އެކަމަކު ވަކި ޖަލްސާއެއް ލައިވް ކޮށްފައި، ވަކި ޖަލްސާއެއް ލައިވް ނުކުރުން އެއީ އިންސާފެއްނޫން،" ޔާމީން ވިދާޅުވި އެވެ.

ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން މިއަދު ވިދާޅުވީ "ކޮމިޓީއަށް ދާން ވަރަށް ޝައުގުވެރިވާ" ކަމަށެވެ.
"މިކަމުގައި ކޮންމެ ތާކަށް ހާޒިރުވާން އެދުނަސް ދާނަން. އެއީ އެއްވެސް އަސާސެއް އޮވެގެން ދައްކާ ވާހަކައެއްނޫން. އެސްޓީއޯގައި އެހުރީ ހުރިހާ ލިޔުމެއް. މިއީ ހަމަ ތަޅާ ހުސް އަނގަ. ގޯހެއް އުޅޭ ނަމަ ބަލަންވީ އެލިބުނު ފައިސާތައް ވަކި މީހެއްގެ އެކައުންޓަށް ވަދެފައިވޭތޯ،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 800 މިލިޔަން ޑޮލަރުގެ ވާހަކަ ފެންމަތިކޮށް އެ މައްސަލަ މާލިއްޔަތު ކޮމިޓީން ނުބަލައި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބަލަމުންދާތީ ވެސް ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.

"މިކަމަކީ މާލީ މައްސަލަ އަކަށް ނުވި. މިކަން ވެގެން މިއުޅެނީ ގައުމީ ސަލާމަތަށް ނުރައްކާ ހުރި ކަމަކަށް. މިއުޅެނީ ޓެރަރިސްޓުންގެ ބަޔަކު ގޮވައިގެން އައިސް ރާއްޖެ އަށް ހަމަލާ ދޭން އުޅެގެނެއް ނޫން. ނޫނީ ރާއްޖެ އަށް ބަޑި އާއި ފިސްތޯލަތަކެއް އެތެރެ ކުރަން އުޅެގެނެއްނޫން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ ރޭ އޮތް ޖަލްސާގައި ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ އަލީ ވަޙީދު ވައިޓް ބޯޑެއްގައި ޗާޓެއް ކުރަހައިގެން ދެއްކެވި ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަލީ ވަޙީދު ވިދާޅުވެފައި ވަނީ ބޯޓު ސިންގަޕޫރުން ނައްޓާލާއިރު މަންޒިލަކީ ދިވެހިރާއްޖެ ކަމަށާއި ނަމަވެސް ރާއްޖެއާ ދިމާއަށް އައިސް ވަކި ހިސާބަކުން ބަރުމާއާ ދިމާއަށް ބޯޓު މިސްރާބު ޖަހާ ކަމަށެވެ.

"ސިންގަޕޫރުން ބޯޓު ނައްޓާލައިގެން ރާއްޖެއާ ދިމާއަށް އައިސްފައި ބޯޓު ބަރުމާއާ ދިމާއަށް އަނބުރާލާ އިރު ކޮބައިތޯ އެލްސީތައް. މިއީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ. ބަރުމާއަށް ދާން ބޭނުންވާ ތެޔޮ ބޯޓެއް ސިންގަޕޫރުން ނައްޓާލައިގެން ރާއްޖެއާ ކައިރިއަށް އައިސްފައި އަނެއްކާ އެނބުރި ބަރުމާ އަށް ދާނަމަ ކޮބާތޯ ވިޔަފާރީގައި އޮންނާނެ ފައިދާއަކީ. އޭރުން ހަމައެކަނި ތެލުން ވެސް ވާނީ ގެއްލުން. އެހިސާބުން ކުންފުނި ވެސް އޮންނާނީ ބަނގުރޫޓްވެފައި." ޔާމީން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު