ސުއަރޭޒް ފަހުވަގުތު ޖެހި ގޯލާއެކު އާސެނަލް ގާތުން ބާސާއަށް ހަނި މޮޅެއް

ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް --- ފޮޓޯ// ސްޓީފެން ކުރީކް

ބާސެލޯނާއިން ސީޒަން ފެށުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ކުޅޭ ޖޯން ގޭމްޕާ ޓްރޯފީ މެޗުގައި، ރޭ އެ ޓީމުގެ ލުއިސް ސުއަރޭޒް ފަހު ވަގުތު ޖެހި ގޯލާ އެކު އާސެނަލް ގާތުން އެ ޓީމު ހަނިގޮތަކަށް މޮޅުވެއްޖެއެވެ.

ޔޫރަޕުގެ ސީޒަން ބްރޭކަށް ފަހު، ލީގުތަކުގެ ރަސްމީ ކުޅުން ފެށުމާ ގާތް ވެފައިވާ އިރު މިފަހަރު ކުލަބުތަކުން ވަނީ ޓްރާންސްފާ މާކެޓުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެފައެވެ. އެގޮތުން ރޭގެ މެޗުގައި ކުޅުނު ބާސެލޯނާއިން ބޮޑު ހަރަދެއްކޮށް އެތުލެޓިކޯ މެޑްރިޑުގެ ކުރީގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ގެނެސްފައިވާ އިރު އަދިވެސް އިތުރު ތިން ކުޅުންތެރިއަކު ވަނީ އެ ޓީމަށް ސޮއިކޮށްފައެވެ. އަދި އާސެނަލުންވެސް މިފަހަރުގެ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ވަނީ އެ ކުލަބުގެ ރެކޯޑު އަގަކަށް ލިލްގެ ފޯވާޑް ނިކޮލަސް ޕެޕޭ ގެނެސްފައެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ފޯވާޑް ލުއިސް ސުައަރޭޒް ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// ބާސެލޯނާ

ރޭގެ މެޗުގައި ދެ ޓީމުންވެސް ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައިވާ އިރު ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެފައެއް ނުވެއެވެ. ނަމަވެސް އޭނާ ވަނީ މެޗު ފެށުމުގެ ކުރިން ސަޕޯޓަރުންނާ މުޙާތަބުކޮށް މިފަހަރު ސީޒަނުގެ އަމާޒުތައް ތަފްސީލުކޮށްދީފައެވެ. މެސީގެ އިތުރުން ބްރެޒިލްގެ ފިލިޕޭ ކުޓީނިއޯއާއި އާތުރް މެލޯވެސް ރޭގެ މެޗުގައި ބާސެލޯނާއަށް ކުޅެފައެއް ނުވެއެވެ.

މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުން ދިޔައީ ބާސެލޯނާއިންނެވެ. އެ ޓީމުން އެ މެޗުގެ ކުރީކޮޅުވެސް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް އާސެނަލްގެ ޑިފެންޑަރުން ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ.

ބާސެލޯނާއިން އެ ޓީމުގެ ޕާސިންގެ ގޭމުގެ ވައްޓަފާޅިއަށް ކުޅެމުން ދިޔަ ނަމަވެސް އާސެނަލުން އުފައްދާ ކައުންޓާ އެޓޭކުތަކުގައި އެ ޓީމުން ދިޔައީ ބާސެލޯނާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން އުފެއްދި ކައުންޓާ އެޓޭކެއްގައި އެ ޓީމުގެ ފޯވާޑް އެމެރިކް އޮބަމަޔެންގް ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ.

އާސެނަލްގެ ގޯލާއެކު ބާސެލޯނާއިން ޓީމު ކުރިއަށް ޖައްސައި ހަމަލާތައް އިތުރު ކުރިއެވެ. އެ ޓީމުން އުފައްދަމުން ދިޔަ ހަމަލާތައް ސާބިތުކަމާއެކު ދިފާއުކުރަމުން ދަނިކޮށް އާސެނަލުގެ ޑިފެންޑަރު އައިންސްލީ މެއިޓްލެންޑް-ނައިލްސްއަށް ހެދުނު ގޯހަކުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ.

އެ ގޯލާއެކު ނަތީޖާ ހަމަހަމަ ވެފައި ވުމުން އާސެނަލުން އަނެއްކާ ވެސް ކުޅުމުގެ ތެރެއަށް ވަދެ ގޯލެއް ޖަހަން މަސައްކަތް ކުރިއެވެ. ނަމަވެސް ބާސެލޯނާގެ މެދުތެރެއަށް ކުޅެމުން އަންނަ ސާޖިއޯ ރޮބާޓޯ މަތި މަތިން އެއްލި ބޯޅައެއް ވައި މަތީގައި އިނދެ ލުއިސް ސުއްރޭޒް ވަނީ ގޯލެއް ޖަހައި އާސެނަލްގެ އުންމީދުތައް ފުނޑުފުނޑު ކޮށްލާފައެވެ.

comment ކޮމެންޓް