ޔޫކޭއިން ރާއްޖެއަށް ފުރަތަމަ ފަަހަރަށް ރެޒިޑެންޓް ސަފީރެއް

ޔޫކޭއިން ރާއްޖެއަށް ކަނޑައަޅާ ސަަފީރު ކެރޮން ރޮސްލާ، ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު ޝާހިދުއާއެކު -- ފޮޓޯ/ އަބްދުﷲ ޝާހިދު

އިނގިރޭސި ވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ރެޒިޑެންޓް އެމްބެސެޑަރެއް ހަމަޖައްސައިފިއެވެ.

އިނގިރޭސި ވިލާތުން ރާއްޖެއަށާއި ސްރީލަންކާއަށް މީގެ ކުރިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޖޭމްސް ޑޯރިސްގެ ސަފީރުކަމުގެ ދައުރު ހަމަވެފައިވާ އިރު، އިނގިރޭސި ސަރުކާރުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެއަށް އާ ސަފީރެއް ހަމަޖައްސާފައިވާކަން ހާމަކޮށްފައެވެ.

ޔޫކޭއިން ރާއްޖެއަށް ސަފީރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކެރޮންް ރޮސްލާއެވެ. ކެރޮންއަކީ މިވަގުތު ސީޝެލްސްގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރެވެ. އޭނާ މީގެ ކުރިން ވަނީ އިނގިރޭސި ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ އެކި މަގާމުތައް ފުރުއްވާފަައެވެ. އަދި ގާނާގައި ހުންނަވާ ސަފީރުގެ ނައިބުކަން ކުރައްވާފައެވެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސީޝެލްސްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސަފިރު ކެރޮންއާ ވަނީ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގެ ފޮޓޯއެއް ޓްވީޓުކުރައްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ކެރޮން ވެވަޑައިގަންނަވާނީ ޔޫކޭއިން ރާއްޖެއަށް ކަނޑައަޅާ ފުރަތަމަ ރެޒިޑެންޓް ސަފީރު ކަމަށެވެ.

މީގެ ކުރިން އިނގިރޭސިވިލާތުން ރާއްޖެއަށާއި ސްރީލަންކާއަށް ހަމަޖައްސަމުން ގެންދިޔައީ އެއ ސަފީރެކެވެ. ސަބަަބަކީ ރާއްޖޭގައި އިނގިރޭސި ވިލާތުގެ ޑިޕްލޮމެޓިކް މިޝަނެއް ނުހުންނާތީއެވެ.

ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު އިނގިރޭސި ސަރުކާރުން ވަނީ، ރާއްޖޭގައި އެގައުމުގެ އެމްބަސީއެއް ހުޅުވަން ނިންމިކަން ހާމަކޮށްފައެވެ. ނަމަވެސް އެމްބަސީ ހުޅުވާނެ ތާރީޚެއް ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް