500 އެއްހާ ވެހިކަލްގައި ސްޓިކާ ޖަހައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި

މާލޭގައި ފުލުހުން ޓުރެފިކު ބެލެހެއްޓުމުގައި ހަރަކާތްތެރި ވަނީ: މިދިޔަ ހަފްތާގައި ޕާކިން ސްޓިކާ ޖަހައިގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައި --- ސަން ފައިލް ފޮޓޯ

މިދިޔަ ހަފްތާގެ ތެރޭ މާލޭގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކްކޮށްގެން ކޮށްގެން 500 އެއްހާ ސްޓީކާ ޖަހައިފި އެވެ. އަދި އެ ގޮތުން ހޯދުނު ޖޫރިމާނާގެ ފައިސާ ލައްކައަކަށް ވުރެ ގިނަ ވާނެ ކަމަށް ބެލެވެ އެވެ.

ފުލުހުންގެ އިދާރާ އިން އިއްޔެ އާންމު ކުރި ތަފަސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 27 އިން މިމަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ގަވައިދާ ހިލާފަށް ޕާކް ކޮށްގެން 460 އުޅަނދުގައި ޕާކިން ސްޓިކާ ޖެހި އެވެ.

ސްޓިކާގެ ޖޫރިމަނާ ފައިސާ:

  • ފުރަތަމަ ފަހަރަށް: 250 ރުފިޔާ
  • ދެވަނަ ފަހަރަށް: 500 ރުފިޔާ
  • ތިން ވަނަ ފަހަރަށް: 750 ރުފިޔާ

އެ ގޮތުން މިދިޔަ ހަފްތާގެ ތެރޭގައި 460 އުޅަނދެއްގައި ސްޓިކާ ޖެހިއިރު، ފުރަތަމަ ފަހަރަށް ސްޓިކާ ޖަހައިގެން ކުރާ ޖޫރިމަނާގެ ރޭޓް 250 ރުފިޔާގެ ރޭޓުން ބަލާ ނަމަ އެއީ ޖޫރިމަނާގެ ގޮތުގައި ހަފްތާއެއްގެ ތެރޭ 115،000 ރުފިޔާ އެވެ. ސްޓިކާ ޖެހި އުޅަނދުގެ ތެރޭގައި ދެވަނަ ފަހަރަށް ނުވަތަ އެއަށްވުރެ ވެސް ގިނަ ފަހަރު މީގެ ކުރިން ސްޓިކާ ޖަހާފައިވާ އުޅަނދުތައް ހިމެނިދާނެ އެވެ. އެހެން ކަމުން ސްޓިކާ ޖަހައިގެން ލިބުނު ޖޫރިމަނާގެ ފައިސާގެ އަދަދު އެއަވުރެވެސް ބޮޑުވެދާނެ ކަމަށް ބެލެވެ އެވެ. މި ފައިސާ ދައްކަން ޖެހެނީ މީރާއަށެވެ.

އެކަށީގެންވާ މިންވަރަށް ޕާކް ކުރާނެ ޖާގަ ނުހަދާ ޕާކިން ސްޓާ ނުޖަހުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް މިއަހަރު ފެށުނު އިރު ސްޓިކާ ޖެހުން ހުއްޓާލި އެވެ. ނަމަވެސް ހަމައެއް ލަމައެއް ނެތި ޕާކްކުރަން ފެށުމުން، ފެބުރުއަރީ މަހުގެ ފަހުކޮޅު އަލުން ސްޓިކާ ޖަހަން ފުލުހުން ފެށި އެވެ.

އެކަށީގެންވާ މިންވަރަށް އަދިވެސް ޕާކިން ޖާގަ މާލޭގައި ހެދިފައި ނުވެއެވެ. އެ މައްސަލައިގައި ސުވާލު ކުރުމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ނަހުލާއާ ސުވާލު ކުރުމަށް ހުށަހެޅީ، ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރެވެ.

ނަހުލާއާ ސުވާލު ކުރުމަށް ތާވަލް ކޮށްފައިވަނީ އަންނަ ބުދަ ދުވަހުގެ ޖަލްސާއަށެވެ.

ފުލުހުން މިދިޔަ ހަފްތާގައި 460 ސްޓިކާ ޖެހިއިރު، އޭގެ ކުރީގެ ހަތްފާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފުލުހުން ވަނީ 256 ސްޓިކާ ޖަހާފައެވެ. އެހެން ކަމުން އެއީ މިދިޔަ ދެހަފްތާއާ އަޅާ ބަލާ އިރު 50 ޕަސަންޓްގެ އިތުރުވުމެކެވެ.

comment ކޮމެންޓް