ޕެނަލްޓީގައި ލިވަޕޫލް ބަލިކޮށް ސިޓީއިން ކޮމިއުނިޓީ ޝީލްޑް އުފުލާލައިފި

މެންޗެސްޓާ ސިޓީން ޕެނަލްޓީގައި ލިވަޕޫލް ބަލިކޮށް ކޮމިއުނިޓީ ޝީލްޑް އުފުލާލައިފި --- ފޮޓޯ// ޔޫކޭ ސްޕޯޓްސް

އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވަން މިރޭ ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި، ވޭތުވެ ދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީއިން ޕެނަލްޓީ ޖަހައިގެން ރަނަރަޕް ލިވަޕޫލް ބަލިކޮށްފި އެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގައި ވޭތުވެ ދިޔަ ސީޒަނުގައި އެންމެ ޕޮއިންޓެއްގެ ތަފާތުން އެއްވަނަ ހޯދި ސިޓީއިން ރަނަރަޕް ލިވަޕޫލް ބަލި ކުރީ 4-5 ޕެނަލްޓީން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމުން ވެސް ވަނީ އެއް ގޯލު ޖަހައިފަ އެވެ.

މިރޭ ކުޅުނު މެޗަށް ދެ ޓީމުން ވެސް ވަރުގަދަ ސްކޮޑަކާ އެކު ނުކުތް ނަމަވެސް ދެ ޓީމުގެ ވެސް މުހިއްމު ބައެއް ކުޅުންތެރިން އަދިވެސް ޓީމާ ނުގުޅެއެވެ. އެގޮތުން ލިވަޕޫލް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު އުފުލާލުމުގައި މުހިއްމު ދައުރެއް އަދާ ކުރި ސާޑިއޯ މާނޭއާއި އެންމެ ފަހުން އެފްރިކަން ނޭޝަންސް ކަޕުން އަލްޖީރިއާ ޗެމްޕިއަންކަން ހޯދި އިރު އެ ޓީމުގެ ކެޕްޓަނަކަށް ހުރި ސިޓީގެ ފޯވާޑް ރިޔާދް މަހްރޭޒް ވެސް މިރޭގެ މެޗު ކުޅެފައެއް ނުވެ އެވެ.

މިރޭގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް ސިޓީންނެވެ. މެޗުގެ 12 ވަނަ މިނަޓުގެ ތެރޭގައި ރަހީމް ސްޓާލިންގް ފޮނުވާލި އެ ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާގެ ފައިގައި ޖެހި ގޯލުގެ ތެރެއަށް ވަތް ނަމަވެސް ސިޓީއަށް އެ މެޗުގައި އެންމެ ދެރަކަމަކަށް ދިމާވީ އެ ޓީމުގެ ފޯވާޑަކަށް ކުޅޭ ލެރޮއީ ސާނޭއަށް އަނިޔާ ވުމެވެ.

ފުރަތަމަ ހާފު އެއްކޮށް ޑޮމިނޭޓްކޮށް ސިޓީއިން މޮޅަށް ކުޅުނު އިރު ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން މެޗުގެ 78 ވަނަ މިނަޓުގައި އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ޖޮއެލް މެޓިޕް ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ދެ ޓީމަށް ވެސް މެޗުން މޮޅުވާން ލަނޑެއް ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވުމުން ޖެހި ޕެނަލްޓީގައި ކުރި ހޯދީ ސިޓީންނެވެ. ސިޓީގެ ޕެނަލްޓީތައް ފޮނުވާލީ ގުންޑޮވާންއާއި ބެނާޑޯ ސިލްވާއާއި ފިލް ފޮޑެންގެ އަދި ޒިންޗެންކޯގެ އިތުރުން ގެބްރިއަލް ޖީސުސް އެވެ. ލިވަޕޫލްގެ ޕެނަލްޓީތައް ކާމިޔާބު ކުރީ ޒާޑެން ޝަކީރީއާއި އެޑަމް ލަލަލާނާ އަދި އޮކްސަލޭޑް ޗެމްބާލެއިންގެ އިތުރުން މުހައްމަދު ސަލާހު އެވެ.

ލިވަޕޫލުން ކާމިޔާބު ނުވި ޕެނަލްޓީ ޖެހީ ވައިނަލްޑަމް އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ވަނީ ސިޓީގެ ކީޕަރު ކްލޯޑިއޯ ބްރާވޯ ފަސޭހަކަމާ އެކު މަތަކޮށްފަ އެވެ.

comment ކޮމެންޓް