ބެންގަލޫރު އެފްއޭ ބަލިކޮށް މާޒިޔާގެ ޒުވާން ޓީމު ޖޯއީ ކަޕުގެ ތަށި އުފުލާލައިފި

މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމުން އިންޑިއާގެ ޖޯއީ ކަޕުގެ ޗެމްޕިއަންކަން ހޯދުމަށްފަހު --- ފޮޓޯ// މާޒިޔާ

އިންޑިއާގެ ޗެންނާއީގައި ބާއްވާ ބައިނަލްއަގްވާމީ 14 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތެއް ކަމަށްވާ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއި ގެ ތިންވަނަ އެޑިޝަންގެ ފައިނަލުގައި އެ ގައުމުގެ ވަރުގަދަ ބެންގަލޫރު އެފްސީ ބަލިކޮށް ރާއްޖޭގެ މާޒިޔާ ޗެމްޕިއަންކަން ހޯދައިފި އެވެ.

އިންޑިއާގެ ކެލަމްބަކަމް ގެ ޗެޓިނާދް ސްކޫލުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބެންގަލޫރު އެފްސީ ބަލިކޮށް މާޒިޔާ ޗެމްޕިއަންކަން ހޯދީ 1-3 ގެ ނަތީޖާ އަކުން އެ ޓީމު ބަލިކޮށްގެންނެވެ. މިއީ ބައިނަލް އަގުވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ ޔޫތް ޓީމެއް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.

މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމުން އިންޑިއާގެ ޖޯއީ ކަޕުގެ ޗެމްޕިއަންކަން ހޯދުމަށްފަހު --- ފޮޓޯ// މާޒިޔާ

މާޒިޔާއިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރިލަޔަންސް ޔަންގް ޗޭމްސްއާ ވާދަކޮށް 1-2 އިން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ފާސްޓް ކިކް އެސްއެސްއޭ އާއި ވާދަކޮށް 0-6 ގެ ބޮޑު ތަފާތަކުން ވަނީ މޮޅުވެފަ އެވެ. އަދި އިއްޔެ ހަވީރު ކުޅެން އޮތް މެޗުގައި އިދިކޮޅު ޓީމުގެ ކުޅުންތެރިން ދަނޑަށް ހާޒިރު ނުވުމުން މާޒިޔާއަށް ވަނީ ދެ ގޯލުގެ ލީޑަކާ އެކު ތިން ޕޮއިންޓް ލިބިފަ އެވެ.

އަދި މިއަދު ހެނދުނު ކުޅުނު ސެމީ ފައިނަލުގައި މުބާރާތުގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ފާހަގަވެފައި އޮތް ޗެންނާއިއަން އެފްސީ ގޯލެއް ޖަހައިފައި ވަނިކޮށް މާޒިޔާއިން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައިފަ އެވެ. ފައިނަލުގައި ކުޅުނު ބެންގަލޫރު އެފްސީ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައި 4-5 އިން ރިލަޔަންސް ޔަންގް ޗޭމްސް ގާތުން މޮޅުވެގެންނެވެ.

މި މުބާރާތުގައި ރާއްޖޭގެ މާޒިޔާގެ އިތުރުން 11 ޓީމެއް ވާދަކުރާއިރު، މެޗުތައް ކުޅުނީ ތިން ގުރޫޕަކަށް ބަހާލައިގެން ނެވެ. މާޒިޔާގެ ޒުވާން ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވެފައި ވަނީ މުހައްމަދު އާރިފް (އާރިއްޕެ) އެވެ.

comment ކޮމެންޓް