800 މިލިއަން ޑޮލަރުގެ މައްސަލަ:
ޔާމީން ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ނިންމައިފި

ވަގު ވިޔަފާރި ކަމަށް އެމްޑީޕީން ތުހުމަތު ކުރާ، 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލަ ތަހުގީގު ކުރާ ގައުމީ ސަލާމަތުގެ ކޮމެޓީ އަށް އެސްޓީއޯގެ ކުރީގެ ޗެއާމަން އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާޒިރުކުރުމަށް ނިންމައިފި އެވެ.

ޔާމީން މާދަމާ މެންދުރު ފަހު ކޮމެޓީ އަށް ހާޒިރުކޮށް ސުވާލު ކުރުމަށް ނިންމީ މިރޭގެ 8:50 ގައި ބޭއްވި ގައުމީ ސަލާމަތުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީގެ ހަ މެންބަރުނާއި ޑީއާރްޕީގެ މެންބަރެއް ވޯޓް ދެއްވައިގެންނެވެ. ޔާމިން ކޮމެޓީއަށް ހާޒިރު ކުރެއްވުމަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިގެ އެވެ. އަދި އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ.

އެމްއެންބީސީ އާއި ރާއްޖެ ޓީވީން ލައިވްކުރަމުން ދިޔަ ކޮމެޓީގެ ބައްދަލުވުމުގައި ތެލުގެ ވިޔަފާރީގެ މައްސަލާގައި ކުރީގެ ރައީސް މައުމޫން ކޮމެޓީ އަށް ހާޒިރު ކުރުމަށް ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް އެ ހުށަހެޅުމަކަށް ތާއިދު ލިބިފައި ނުވުމުން ވޯޓަކަށް ނާހަ އެވެ.

މިރޭގެ ބައްދަލުވުމުގައި ވަނީ 800 މިލިއަން ޑޮލަރުގެ ތެލުގެ މައްސަލާގައި ތަހުގީގުގެ ހުރިހާ ލިޔެކިޔުމަކާއި ކޮމެޓީ ބައްދަލުވުންތަކުގެ ރެކޯޑިންތައް ވެސް ގައުމީ ދިފާއި ބާރާ )އެމްއެންޑީއެފް(އާ ހަވާލު ކުރުމަށް ނިންމާފަ އެވެ.
ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ ގައުމީ ސަލާމަތުގެ ކުއްލި ބައްދަލުވުމެއް މިރޭ ބޭއްވީ ތިން މެންބަރަކު އަމީން އާންމު އަހުމަދު މުހައްމަދަށް ފޮނުއްވެވި ސިޓީއަކާ ގުޅިގެން ކަމަށެވެ.

ތޯރިގު އާއި ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒާއި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އަމީން އާންމަށް ފޮނުއްވެވި ސިޓީގައި ބުނެފައި ވަނީ ތެލުގެ ވިޔަފާރީގެ މައްސަލައާ ގުޅުން ހުރި ފަރާތްތައް ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރަމުންދާ އިރު، މައްސަލާގައި ތުހުމަތުގެ އިނގިލި ދިއްކުރާ ރައީސް މައުމޫން އާއި ޔާމިން ކޮމެޓީ އަށް ހާޒިރުކޮށް ސުވާލު ކުރަންޖެހޭނެ ކަމަށެވެ. އަދި އެ ދެ ބޭފުޅުން ކޮމެޓީއަށް ހާޒިރު ނުކުރެވި ދިޔުމަކީ މައްސަލައިގެ ހަގީގަތަށް ވާސިލު ވުމަށް އޮތް ހުރަހެއް ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

މިރޭގެ ބައްދަލުވުން އެމްއެންބީސީ މެދުވެރިކޮށް މުޅި ރާއްޖެ އަށް ލައިވް ކުރަމުންދިޔައީ ކޮމެޓީގެ މެންބަރުންނަށް އެކަން ނާންގަ އެވެ. މުގައްރިރު އަލީ ވަހީދު ވިދާޅުވީ ކޮމެޓީގެ ބައްދަލުވުމަށް މީޑީއާ ވެއްދުމަށް ނިންމި އިރު، ކޮމެޓީ ލައިވް ކުރާނެ ކަން ނޭނގޭ ކަމަށެވެ.

އެމްއެންބީސީ މެދުވެރިކޮށް މުޅި ރާއްޖެ އަށް ލައިވް ކުރަމުންދިޔަ ކޮމެޓީ ބައްދަލުވުން ކުރިއަށްދިޔަތާ މާގިނައިރުތަކެއް ނުވެ، ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ކޮމެޓިއަށް ވަޑައިގެން އަޑު ގަދަ ކުރައްވަންފެއްޓެވި އެވެ. އޭނާ ވިދާޅުވީ ގަވާއިދާ ހިލާފަށް ކޮމެޓީއެއް ލައިވް ކުރެވިގެން ނުވާނެ ކަމަށެވެ.

ރިޔާޒު އާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲއާ ދެ ބޭފުޅުން ކޮމެޓީގައި އަޑުގަދަ ކުރައްވަން ފެއްޓެވަމުން ދަނިކޮށް، ކޮމެޓީގައި ހިމެނިވަޑައި ނުގަންނަވާ އިނދިކޮޅު އިތުރު މެންބަރުން ވަޑައިގެން ބައްދަލުވުމަށް ހުރަސް އެޅުއްވި އެވެ. ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވަޑައިގެންކޮމެޓީ ލައިވު ނުކުރެވޭނެ ކަމަށް ބުނެ ޒުވާބު ކުރަން ފެށުމުން ވަގުތީ ގޮތުން 10 މިނިޓަށް ކޮމެޓީ މެދު ކަނޑާލި އެވެ. އަދި އަލުން ބައްދަލުވުން ފެށުމާއެކު އިލްހާމާއި އަބްދުލް މުހްސިން ކޮމެޓީ ލައިވް ކުރުމަށް އެމްއެންބީސީން ވައްދާފައިވާ ކެމެރާގެ ކުރިމައްޗަށް އެރައި ހުރަސް އެޅި އެވެ.

ކުޑަ ވަގުތު ކޮޅަކަށްފަހު ފެށި ބައްދަލުވުގައި ވެސް މެންބަރުން އަޑު ގަދަ ކުރައްވަމުންދަނިކޮށް، ޔާމިން ކޮމެޓީއަށް ހާޒިރުކޮށް، ސުވާލު ކުރުމަށާއި ތަހުގީގުގެ ލިޔެކިޔުންތަކާއި ރިކޯޑިން އެމްއެންޑީއެފާ ހަވާލު ކުރުމަށް ފާސް ކުރި އެވެ. ކޮމެޓީގެ މެންބަރުން މެޖޯރިޓީން އެ ގޮތަށް ނިންމައި ފާސް ކުރުމާއެކު މެންބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ރައްދުކޮށް ޒުވާބު ކުރުން އިތުރުވެގެންދިޔަ އެވެ. އަދި މާގިނަ އިރުތަކެއް ނުވެ، އެމްޑީޕީގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ސަޕޯޓަރުން މަޖިލިސް ކުރާ ސަރަހައްދަށް އެއްވެސް މުޒާހަރާ ކުރަންފެށި އެވެ.

ޕީޕީއެމް އިން ތުހުމަތު ކުރާ ގޮތުގައި ކޮމެޓީގެ ބައްދަލުވުމެއް އަލަށް އެމްއެންބީސީ އިން މިރޭ ލައިވް ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އަތެއް އޮވެގެންނެވެ.

ލިޔުމާ ގުޅޭ ވީޑިއޯ:

http://www.youtube.com/watch?v=1d4-xK68ow4
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު