ޖޭއެސްސީން މައްސަލައެއް ބަލާކަމެއް ނާންގާ: ހައިލަމް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްއާ ގުޅޭ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާކަން އަންގާފައި ނުވާކަމަށް އޭނާ މިއަދު ވިދާޅުވެއްޖެއެވެ.

ހައިލަމްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ނިންމާފައިވާކަން އެ ކޮމިޝަނުން ހާމަކުރީ މިދިޔަ ބުދަ ދުވަހުގައެވެ. އަދި އެ މައްސަލަ ބެލުމަށް ކޮމިޝަނުގެ ތައުދީބީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށްވެސް ކޮމިޝަނުން ހާމަކޮށްފައި ވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މަނީ ލޯންޑަރިންގް މައްސަލައިގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އިރު، އެ މައްސަލަ ބައްލަވަނީ ގާޒީ ހައިލަމްއެވެ.

ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުން ހަތަރު އިޖުރާއީ ނުކުތާއެއް ނެންގެވި އިރު، އޭގެ ތެރޭގައި ނެންގެވި އެއް ނުކުތާގައި ވަނީ ޔާމީނުގެ މައްސަލަ ބެލުމަށް ބެންޗެއް އެކުލަވާލުމަށް އެދިފައެވެ.

https://sun.mv/122491

މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލުކުރުމަށް އެދުނީ ކީއްވެގެންތޯ، އެ މައްސަލަ ބައްލަވާ އިސް ގާޒީ ހައިލަމް ސުވާލު ކުރެއްވުމުން ޔާމީނުގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ ގާޒީ ހައިލަމްގެ މައްސަލައެއް ޖޭއެސްސީން ބަލަމުން ގެންދާތީ، އެ މައްސަލަ ހައިލަމް ބެއްލެވުމަކީ ފުށުއެރުންތަކެއް ހުރި ކަމެއް ކަމަށެވެ.

ޝިޔާޒު ވިދާޅުވީ، ޖޭއެސްސީގައި ސިޔާސީ މިހުން ތިބެފައި އެ ފަރާތްތަކަށް ހައިލަމް ސަސްޕެންޑް ކުރުމުގެ ބާރު އޮތުމުގެ ސަބަބުން ހައިލަމް ރައީސް ޔާމީންގެ މައްސަލަ ބަލަން އިންނެވުމަކީ މައްސަލައަށް ނުފޫޒެއް ފޯރުވޭނެ ޖާގައެއް އޮތުން ކަމަށެވެ.

"އަޅުގަނޑަށް ޖޭއެއެސްސީން އަންގާފައެއް ނެތް އަޅުގަނޑުގެ މައްސަލައެއް ބަލަމުންދާ ކަމަށް،" ޝިޔާޒު ނެންގެވި ނުކުތާއަށް ރައްދު ދެއްވަމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ވިދާޅުވި އެވެ.

އެވާހަކަތަކާ ގުޅިގެން ހައިލަމް އިތުރަށް ވިދާޅުވީ، ޖޭއެސްސީން މައްސަލައެއް ބެލުމަކީ އޭގެ ޒާތުން ކްރިމިނަލް ކޯޓުގައި ހިނގާ މައްސަލައަށް ނުފޫޒެއް ފޯރުވުން ނުވަތަ އަސަަރެއް ކުރާނެ ކަމަށް ގަބޫލުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ނުފޫޒެއް ފޯރުވޭ ކަމަށް ގަބޫލުކުރެވިގެން މައްސަލަ ބަލަން ތަނާޒުލުވުމުން އެހެން ގާޒީއަކު މައްސަލައާ ހަވާލުވުމުން ޖޭއެސްސީން އެ ގާޒީއެއްގެ މައްސަލަ ބަލަން ފެށުމުންވެސް ހަމަ ދިފާއީ ވަކީލު ފާހަގަކުރައްވާ ނުފޫޒު އޮންނާނެ ނޫންތޯ ހައިލަމް ސުވާލު އުފެއްދެވިއެވެ.

"އަޅުގަނޑަކަށް އަމިއްލަ ނަފުސަކަށް ގަބޫލުނުކުރެވޭ އެފަދަ ނުފޫޒެއް އޮތް ކަމަކަށް އަދި [ޖޭއެސްސީއިން] މައްސަލައެއް ބެލުމަކީވެސް މި މައްސަލައަށް ވަކި ނުފޫޒެއް ފޯރުވައިގެން އަދުލު އިންސާފަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް،" ހައިލަމް ވިދާޅުވިއެވެ.

ހައިލަމް ވިދާޅުވީ، މައްސަލަ ބައްލަވާ ބެންޗު ކަނޑައެޅުމަކީ އެ ކޯޓެއްގެ އިސް ގާޒީއަށް ލިބިގެންވާ އިހްތިޔާރެއް ކަމަށެވެ. އޭނާއަކީ އިސް ގާޒީއަށް ވެފައި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ މައްސަލައިގައި އިތުރު ބެންޗެއް ކަނޑައެޅުމަށް ގަބޫލު ނުކުރައްވާ ކަމަށް ހައިލަމް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ފަރާތުން އިޖުރާއީ ހަތަރު ނުކުތާއެއް ނެންގެވި ނަމަވެސް އެއިން އެއްވެސް ނުކުތާއެއް ޝަރީއަތުން ގަބޫލެއް ނުކުރެއެވެ.

ދިފާއުގެ ފަރާތުން ނެންގެވި އިތުރު އިޖުރާއީ ނުކުތާތައް:

  • ދައުލަތުން ދައުވާ ހުށަހެޅީ ދައުވާ ހުށަހަޅަން ޖެހޭ ފޯމަކުން ނޫން ކަމަށް ބުނެ ނެންގެވި ނުކުތާ
  • ޓީވީން ލައިވް ކުރީ ކުރިން ކަނޑައަޅާފައި ނުވާ އުސޫލަކުން ކަމަށް ބުނެ އަދި އިތުރު އުސޫލުތަކެއް ކަނޑައަޅާފާނެ ކަމަށް ބުނެ ނެންގެވި ނުކުތާ
  • ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ސުޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ބުނެ ނެންގެވި ނުކުތާ
comment ކޮމެންޓް