ކެންސަރުގެ ބަލީގެ ފަރުވާއަށް ބޭނުންވާ ތަފާތު 14 ބޭހެއް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
ރާއްޖެއަށް ބޭސްތައް ތައާރަފުކޮށްފައި ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް 'އޮންކޯ ސްޕެކްޓްރާ' ގެ ނަމުގައި ހުޅުލޭ އައިލެންޑް ހޮޓެލްގައި މިހާރު ފެށިގެން ކުރިއަށްދާ ކޮންފަރެންސްގައެވެ.
މިއަދު ތައާރަފުކޮށްފައިވާ ހުރިހާ ބޭހެއް ވެސް އާސަންދައިގެ ދަށުން ލިބެން ހުންނާނެއެވެ. އަދި މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެސްޓީއޯގެ 187 ބޭސްފިހާރައިން ވެސް ބޭސްތައް ލިބޭނެ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.
ބޭސްތައް ތައާރަފުކޮށްދިނުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ އޮންކޮލޮޖިސްޓް އަދި ދިވެހި ފުރަތަމަ އޮންކޯ ސާޖަން، ޑރ. މުހައްމަދު ޝިފާން ވިދާޅުވީ މީގެ ސަބަބުން ރާއްޖޭގައި ކެންސަރު ބަލިތަކަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ރާއްޖެއިން ބޭރަށް ނުގޮސް ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.
ދެ ދުވަހަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ކޮންފަރެންސްގައި، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 120 މީހުން ވަނީ ބައިވެރިވެފައެވެ. ކޮންފަރެންސްގެ މައިގަނޑު އެއް މަގުސަދަކީ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކޮށް، ބޭސް ދޭނެ ގޮތްތައް ނަރުހުންނަށް ދަސްކޮށްދިނުމެވެ.
މިކޮންފަރެންސްގައި ދުނިޔޭގެ ކެންސަރު ބަލީގެ މާހިރުންނާއި، އައިޖީއެމްއެޗް، އޭޑީކޭ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި، ނަރުހުންނާއި ލެބޯރެޓަރީ ޓެކްނީޝަނުން ވަނީ ބައިވެރިވެފައެވެ.