ފަހަތުން އަރައި ޗެންނާއިއަން އެފްސީ ބަލިކޮށް މާޒިޔާގެ ޒުވާން ޓީމު ފައިނަލަށް

ޖޯއީ ކަޕުގެ ސެމީ ފައިނަލުގައި މިއަދު މާޒިޔާއާއި ޗެންނާއިއަން އެފްސީ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// ޝައްމޫން ޙަލީލް

އިންޑިއާގެ ޗެންނާއީގައި ބާއްވާ ބައިނަލްއަގްވާމީ 14 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތެއް ކަމަށްވާ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއި ގެ ތިންވަނަ އެޑިޝަންގެ ސެމީ ފައިނަލުގައި މިއަދު އެ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ފާހަގަވެފައި އޮތް ޗެންނާއިއަން އެފްސީ ގާތުން ފަހަތުން އަރައި މޮޅުވެ މާޒިޔާގެ ޒުވާން ޓީމު ފައިނަލަށް ދަތުރު ކޮށްފި އެވެ.

އިންޑިއާގެ ކެލަމްބަކަމް ގެ ޗެޓިނާދް ސްކޫލުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ޗެންނާއިއަން އެފްސީ ބަލިކޮށް މާޒިޔާ ފައިނަލަށް ދަތުރު ކުރީ 1-2 ގެ ނަތީޖާ އަކުން އެ މެޗު ކާމިޔާބު ކޮށްގެންނެވެ. މިއަދުގެ މެޗުން މޮޅުވެ މާޒިޔާ ފައިނަލަށް ދަތުރު ކުރި އިރު މިއީ ބައިނަލް އަގުވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ ޔޫތް ޓީމެއް މިހިސާބަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.

ޖޯއީ ކަޕުގެ ސެމީ ފައިނަލުގައި މިއަދު މާޒިޔާއާއި ޗެންނާއިއަން އެފްސީ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// ޝައްމޫން ޙަލީލް

މިއަދުގެ ސެމީ ފައިނަލު މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ޗެންނާއިއަން އެފްސީ އެވެ. އެ ޓީމުގެ ގޯލަށްފަހު މާޒިޔާއިން ވަނީ ހިތްވަރާ އެކު ކުޅެ ގޯލެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެގޮތުން އެ ޓީމުން ވަނީ ފަހަތުން އަރައި ދެ ގޯލު ޗެންނާއިއަން އެފްސީ ކޮޅަށް ޖަހައިފަ އެވެ. އެ ދެ ގޯލު މާޒިޔާއަށް ޖަހައިދިނީ މުހައްމަދު އިޔާންއާއި ޔޫޝައު ބިން އަލީ ނަޝީދު އެވެ. މާޒިޔާގެ ގޯލުތަކަށް ފަހު އަމިއްލަ ބިމުގައި ކުޅެ މޮޅުވާން ޗެންނާއީ ޓީމުން މަސައްކަތް ކުރި ނަމަވެސް މާޒިޔާގެ ޑިފެންޑަރުންނާއި ގޯލް ކީޕަރުގެ ހުށިޔާރު ކަމުން ވަނީ އެ ބޯޅަތައް ދިފާއުކޮށްފަ އެވެ.

މާޒިޔާއިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރިލަޔަންސް ޔަންގް ޗޭމްސްއާ ވާދަކޮށް 1-2 އިން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ފާސްޓް ކިކް އެސްއެސްއޭ އާއި ވާދަކޮށް 0-6 ގެ ބޮޑު ތަފާތަކުން ވަނީ މޮޅުވެފަ އެވެ. އަދި އިއްޔެ ހަވީރު ކުޅެން އޮތް މެޗުގައި އިދިކޮޅު ޓީމުގެ ކުޅުންތެރިން ދަނޑަށް ހާޒިރު ނުވުމުން މާޒިޔާއަށް ވަނި ދެ ގޯލުގެ ލީޑަކާ އެކު ތިން ޕޮއިންޓް ލިބިފަ އެވެ.

މި މުބާރާތުގައި ރާއްޖޭގެ މާޒިޔާގެ އިތުރުން 11 ޓީމެއް ވާދަކުރާއިރު، މެޗުތައް ކުޅުނީ ތިން ގުރޫޕަކަށް ބަހާލައިގެން ނެވެ. މާޒިޔާގެ ޒުވާން ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވަމުން އަންނަނީ މުހައްމަދު އާރިފް (އާރިއްޕެ) އެވެ.

މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު އޮންނަ އިރު މާޒިޔާއާ ދެކޮޅަށް ނުކުންނާނީ އިންޑިއާގެ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި ފާހަގަވެފައި އޮތް ބެންގަލޫރު އެފްއޭއާ އެވެ. އެ ޓީމު ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައި 4-5 އިން ރިލަޔަންސް ޔަންގް ޗޭމްސް ގާތުން މޮޅުވެގެންނެވެ.

comment ކޮމެންޓް