ކުޅުންތެރިން އުފެއްދުމާ އެކު ކާމިޔާބީ ވެސް ހޯދުން މުހިއްމު: މޯހަން

ކްލަބު އީގަލްސްގެ ކޯޗު، މުހައްމަދު ޝިޔާޒު (މޯހަން) --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އީގަލްސް އަކީ ކުޅުންތެރިން ބިލްޑްކޮށް، ކުޅުންތެރިން އުފެއްދުމުގައި މަޝްހޫރުކަން ހޯދައިފައިވާ ޓީމެއްގެ ގޮތުގައި ބެލެވުނަސް، މިހާރު ތިބި ކުޅުންތެރިންގެ ފަރާތުން ކާމިޔާބެއް ހާސިލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ކޮމިޓްމެންޓް ފެންނަ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ހަ މަސްދުވަހުގެ ބޮޑު ބްރޭކަކަށް ފަހު މިއަހަރުގެ ޖޫން މަހު ދިވެހި ދިރާގު ލީގު ފެށުނު އިރު ފުރަތަމަ މެޗުގައި ކޯޗުކަން ކޮށްދިނުމަށްފަހު އީގަލްސްގެ ކޯޗު މޯހަން ވަނީ އޭއެފްސީ ޕްރޯ ލައިންސްގެ ބައެއް ފުރިހަމަ ކުރުމަށް މޯހަން ޖަޕާނަށް ގޮސްފަ އެވެ. އެހެން ކަމުން ވެތުވެ ދިޔަ ތިން މެޗުގައި ވެސް އެ ޓީމަށް އިރުޝާދު ދިނީ އެ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު ނިމާދު (ނިމާ) އެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނަމަވެސް ކޯހުގެ އެއްބައި ފުރިހަމަ ކުރުމަށް ފަހު މޯހަން މިހާރު ވަނީ އެނބުރި މާލެ އައިސް އީގަލްސްގެ ޓީމާ ހަވާލުވެފަ އެވެ. މޯހަން ބުނީ އޭނާ ނެތިސް ޓީމުގެ އެސިސްޓެންޓުން ކުރި މަސައްކަތް ވަރަށް ފުރިހަމަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ކޯހުގެ އެކި ބައި ފުރިހަމަކުރަން ދާންޖެހިފައިވާއިރު ޓީމު އެ ބޭފުޅުންނާ ހަވާލުކޮށް ދިއުމުގެ އިތުބާރު ލިބިއްޖެ ކަމަށެވެ.

"އަޅުގަނޑުގެ ޕްލޭނާ އެއްގޮތަށް ނޫނީ ދީފައި ހުރި ޓްރެއިނިން ސެޝަންތަކާ އެއްގޮތަށް ޓްރެއިނިން ދެމުންދިޔައީ. އޭގެ ނަތީޖާ ފެނިގެންދިޔައީ ވެސް. ކުޅުންތެރިންގެ ފަރާތުން ޕޮޒިޓިވްކޮށްދިޔައީ. ހަގީގަތުގައި އެހެން ޓީމުތަކުގައި ހެޑް ކޯޗު ނެތިއްޔާ ވަރަށް ރިލެކްސްކޮށް ނަގަނީ،" މޯހަން ބުންޏެވެ.

އޭނާ ބުނީ އޭގެ ބަދަލުގައި އީގަލްސްގެ ޓީމުން ފެނުނީ އޭނާ ނެތްތަނުގައި އިތުރަށް ވެސް މަސައްކަތްކ ކުރި ތަން ކަމުގަ އެވެ.

"ޓީމުން ނަތީޖާއެއް ހާސިލް ކުރަން މަސައްކަތް ކުރާތަން މިހާރު ވަރަށް ބޮޑަށް އެބަފެނޭ. އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމަށް. އެހެން ބޭފުޅުންނަށް ބުނާ ބަދު ބަހެއް ނޫން މިއީ، އެކަމަކު އީގަލްސްގެ ކަމަކަށް މީގެ ކުރިން މި އޮންނަނީ ޓީމެއް އުފެއްދުން،"

"މިހާރު މި މަސައްކަތް ކުރަނީ ކުޅުންތެރިން އުފެއްދުމާއެކު ކާމިޔާބީތަކެއްވެސް ހޯދަން. ކާމިޔާބު ހޯދަން މަސައްކަތް ކުރަން މެންޓަލީ ފޯކަސް ކުރެވޭތޯ މިހާރު މި ބަލަނީ. މާޒިޔާ މެޗުން އެ ނަތީޖާ ފެނުނު. ކުޅުންތެރިން މެޗުއާވެ، މެންޓަލީ ކުރިއަރާތަން މި ފެންނަނީ،" މޯހަން ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ޓީމުގެ ކުޅުންތެރިން ތިބީ ވަރަށް ތާޒާކޮށް ކަމަށާއި، ގައުމީ ޓީމުަތަކަށް ޓީމުން ކުޅުންތެރިން ގޮސް ކުޅުމަކީ ހިތްހަމަ ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން 19 އަހަރުން ދަށުގެ ޓީމުގައި ތަމްރީނުކުރާ އީގަލްސްގެ 10 ކުދިން ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ ނުގެންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އީގަލްސްއިން މިއަދު ހަވީރު އެ ޓީމުގެ ފަސްވަނަ މެޗަށް ނުކުންނާނީ ފޯކައިދޫއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ 04:00 ޖަހާއިރު އެވެ.

comment ކޮމެންޓް